ސްޕެނިޝް ލީގުގެ ތާވަލުގެ އެއްވަނައިގައި މިވަގުތުވެސް އޮތް ރެއާލް މެޑްރިޑުން ރޭ ކުޅުނު މެޗުގައި ސެވިއްޔާ ބަލިކޮށްފިއެވެ.

ރެއާލް އަމިއްލަ ދަނޑުގައި ރޭ ސެވިއްޔާ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން މޮޅުވެ، ރެއާލް އެއްވަނައިގައި އޮތީ 11 މެޗުން 31 ޕޮއިންޓާ އެކުގައެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. ދެވަނައިގައި އޮތް ބާސެލޯނާ 10 މެޗުން 25 ޕޮއިންޓް ހޯދާފައިވާ އިރު، ތިންވަނައިގައި އޮތް ރެއާލް ސޮސިއެދާދަށް ވަނީ 11 މެޗުން 23 ޕޮއިންޓް ލިބިފައެވެ.

ރޭގެ މެޗުގެ ކުރިން ރެއާލް ސަޕޯޓަރުންނަށް ކަރިމް ބެންޒެމާގެ ބެލޮންޑިއޯ އެވޯޑާއި ގޯލްކީޕަރު ތީބޯ ކޯޓުއާގެ ލެވް ޔެޝިން އެވޯޑު ރަސްމީކޮށް ދައްކާލައި އެކަމުގެ އުފާފާޅު ކޮށްފައިވެއެވެ.

މެޗު ފެށިގެން ފަސް މިނެޓް ހިނގިތަނާ ރެއާލް ލީޑުވެސް ނެގިއެވެ. އެޓީމުގެ ފުރަތަމަ ގޯލު ޖަހައިދިނީ ލޫކާ މޮޑްރިޗެކެވެ. މޮޑްރިޗްގެ ގޯލާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ އިތުރު ގޯލެއް ނުޖެހި ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅުގައި ސެވިއްޔާއިން ނަތީޖާ ހަމަހަމަ ކުރިއެވެ. އެޓީމުގެ ގޯލު ޖަހައިދިނީ ކުރިން ޓޮޓެންހަމްއަށް ކުޅުނު އާޖެންޓީނާގެ އެރިކް ލަމޭލާއެވެ.

ލަމޭލާގެ އެ ގޯލާއެކު ރެއާލްއަށް ސީޒަނުގައި ދެވަނަ ފަހަރަށް ޕޮއިންޓް ގެއްލޭނެ ކަމަށް ބަލައިގެން ތިއްބާ މެޗު އަނބުރާލީ ކާލޯ އެންސެލޯޓީގެ ތިން ބަދަލަކުންނެވެ. މެޗު ނިމެން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް އެންސެލޯޓީ އެއްފަހަރާ ތިން ބަދަލު ކޮށްފައިވާ އިރު، ރެއާލްއިން އަލުން ލީޑު ނެގީ 79 ވަނަ މިނެޓުގައެވެ.

ބަދަލަކަށް މެދުތެރެއަށް ނުކުތް މާކޯ އެސެންސިއޯ ދުއްވާލި ތުރޫ ޕާހަކަށް ވިނީޝިއަސް ޖޫނިއާ ކުރިއަށް ޖެހި ޖައްސާލި ބޯޅަ ގޯލަށް ވައްދާލީ ލޫކަސް ވަޒްކުއޭޒެވެ. ވަޒަކުއޭޒްވެސް މެޗަށް ނުކުތީ ބަދަލަކަށެވެ.

އޭގެ ފަހުން ދެން ފެނުނީ ފެޑަރީކޯ ވަލްވާޑޭގެ ހިތްގައިމު ގޯލެކެވެ. މިދިޔަ ތިން މެޗުގައިވެސް ވަލްވާޑޭގެ ފަރާތުން ލޯންގް ރޭންޖް ރަނގަޅު ގޯލުތަކެއް ފެނިފައިވާ އިރު، ރޭގެ މެޗުގައި ޖެހި ގޯލަކީވެސް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ޖެހި ގޯލެކެވެ.

ރޭގެ މެޗުން ބަލިވެ ސެވިއްޔާ އޮތީ 14 ވަނައިގައެވެ. އެޓީމު ރެލިގޭޝަން ޒޯނަށް ނުގޮސް އޮތީ އެންމެ ދެ ޕޮއިންޓްގެ ފަރަގެއްގައެވެ.