އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ ފުލުގައި އޮވެގެން މެޗަށް ނުކުތް ނޮޓިންހަމް ފޮރެސްޓުން ލިވަޕޫލް ބަލިކޮށްފިއެވެ.
ފޮރެސްޓްގެ ދަނޑުގައި މިއަދު ލިވަޕޫލް ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ. މިދިޔަ ޖެނުއަރީ ޓްރާންސްފާ މާކެޓުގައި 22 ކުޅުންތެރިން ޓީމަށް ގެންދިޔަ ފޮރެސްޓުން މިހާތަނަށް ލީގުގައި ފެނުނީ ބަލިކޮށް ނަމަވެސް، މިރޭގެ މެޗުގައި ރަނގަޅަށް ކުޅެފައިވެއެވެ. މެޗުން މޮޅުވެ ފޮރެސްޓް ވަނީ ތާވަލުގެ ފުލުން މައްޗަށް ޖެހިލައިފައެވެ.
މިހާތަނަށް ކުޅުނު 12 މެޗުން ނުވަ ޕޮއިންޓް ލިބިގެން ފޮރެެސްޓް އޮތީ 19 ވަނައިގައެވެ. މި ސީޒަނުގެ ފެށުންވެސް ލިވަޕޫލަށް ދަށްކޮށް ދިޔައިރު، އެންމެފަހުން ކުޅުނު ޗެމްޕިއަންސް ލީގު މެޗާއި އޭގެ ކުރިން ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އެޓީމު އޮތީ ރަނގަޅު ފޯމެއްގައެވެ. ނަމަވެސް މިއަދުގެ ބައްޔާއެކު ހަވަނައިގައި އޮތް ނިއުކާސަލްއާ އަރާ ހަމަކުރަން އަނެއްކާވެސް އިންތިޒާރެއް ކުރަން ޖެހޭނެއެވެ.
ލިވަޕޫލުން މިހާތަނަށް ކުޅުނު 11 މެޗުން އެ ޓީމަށް 16 ޕޮއިންޓް ލިބިފައިވާ އިރު، އެ ޓީމު އޮތީ ހަތްވަނައިގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިފައިނުވާ އިރު، ދެވަނަ ހާފަށް ނުކުމެ، 10 މިނެޓް ހިނގިތަނާ ފޮރެސްޓުން ލީޑު ނެގިއެވެ. އެ ގޯލު ޖަހައިދިނީ ޓައިވޯ އަވޮނީޔީއެވެ. އޭނާއަކީ ކުރިން ލިވަޕޫލުގައި ދުވަސްތަކެއް ހޭދަކޮށް ވާދަވެރިވެ މެޗެއް ނުކުޅެ، 2021 ވަނަ އަހަރު ފޮރެސްޓަށް ބަދަލުވި ކުޅުންތެރިއެކެވެ.
މެޗުގައި ގޯލެއް ޖަހަން ލިވަޕޫލުން ކުރި މަސައްކަތުގައި ވާޖިލް ވެން ޑައިކަށް ލިބުނު ފުރުސަތު އޭނާ ބޭކާރު ކޮށްލި އިރު، ބަދަލަކަށް މެޗަށް ނުކުތް ޓްރެންޓް އެލެކްސެންޑްރާ-އާނޯލްޑް ބޮލުން ޖެހި ބޯޅަ ހުށިޔާރުކަމާއެކު މަތަކުރީ ފޮރެސްޓްގެ ގޯލްކީޕަރު ޑީން ހެންޑަސަންއެވެ.
ފޮރެސްޓުން މި ސީޒަނަށް އެނބުރި ޕްރިމިއާ ލީގަށް އައީ 23 އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހުއެވެ. ފޮރެސްޓަކީ ތާރީހެއް އޮތް ކްލަބެކެވެ. އެ ކްލަބުން ވަނީ މީގެ ކުރިން ދެ ފަހަރަށް ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު