މިއަހަރު ފަތުރުވެރިކަމަށް 34 ޕަސަންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި "މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓް" ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވަނީ 953،000 ފަތުރުވެރިންނެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން އައިސްފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.

"މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓް" ރިޕޯޓުގައިވާ ގޮތުން އެއީ މިދިޔަ އަހަރާ އަޅައި ބަލާއިރު 34 ޕަސަންޓުގެ ކުރިއެރުމެކެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ރާއްޖެއަށް 88،000 ފަތުރުވެރިން އައިސްފައިވާ އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ފަތުރުވެރިން އައި އަދަދަކީ 82،000 ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މިއަހަރު އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އިންޑިއާއެވެ. އެގައުމުން މާކެޓުގެ 14.2 ޕަސެންޓް ހިއްސާކުރެއެވެ. ގިނަ ދުވަސްތަކެއް ވަންދެން ލިސްޓުގެ ދެވަނައިގައި އޮތް އިނގިރޭސިވިލާތް ތިންވަނައަށް ޖައްސާލައި ރަޝިއާ ވަނީ ދެވަނައަށް ޖެހިލައިފައެވެ. ރަޝިއާ އިން މިހާރު އަންނަނީ ރާއްޖޭގެ މާކެޓުގެ 12 ޕަސެންޓު ހިއްސާކުރަމުންނެވެ. ކުރިއަތް އޮތީ ފިނި މޫސުމަށް ވާތީ ރަޝިއާ ފަތުރުވެރިން ރާއްޖެ އަންނަ އަދަދު އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު އެވްރެޖުކޮށް ދުވާލަކު 4،381 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރެއެވެ. އެ ފަތުރުވެރިން އެވްރެޖުކޮށް ހަތް ދުވަހާއި އަށް ދުވަސް ރާއްޖޭގައި ހޭދަކުރެއެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމެވެ.