ދުނިޔެ

އަދުގެ ދުނިޔެ: ގޮއްވައިލެވުނު ކާރޗް ބުރިޖަކީ ރަޝިޔާއަށް ކިހައި މުހިންމު ބުރިޖެއް؟

އިމާދު ލަތީފު

އެމެރިކާއިން ފޯރުކޮށްދިން ޖާސޫސީ މައުލޫމާތާއި އެމެރިކާގެ ހަތިޔާރުގެ ބާރުގައި މީގެ ދެހަފުތާއެއްހައި ދުވަސް ކުރިން ޔުކްރޭނުގެ ސިފައިންވަނީ ކްރައިމިއާގެ ކާރޗް ބުރިޖް ގޮއްވާލައިފައެވެ. ކާޗް ބުރިޖަކީ އާޒޯވް ކަނޑު ހުރަސްކޮށް ރަޝިޔާ އާއި ކްރައިމިއާ އެއްގަމުން ގުޅުވައިދޭ ހަމައެކަނި ވަސީލަތެވެ. ރަޝިޔާގެ ސިފައިންނާއި ހަތިޔާރު ކްރައިމިއާ އަށާއި ޔުކްރޭނުގެ އިރުދެކުނުގެ ސަރަހައްދުތަކަށް ފޮނުވުމުގެ މައިމަގެވެ. އެހެންވީމާ މި ބުރިޖް ގޮއްވައިލުމަކީ ރަޝިޔާއަށް ލިބުނު ވަރަށްވެސް ބޮޑު ގެއްލުމެކެވެ. ބުރިޖް ގޮއްވައިލުމަކީ ރަޝިޔާއިން އޭގެ ބަދަލު ނުހަނު ވޭންދެނިވި ގޮތަކަށް ހިފާނޭ ކަމެކެވެ. ހަނގުރާމައަށް މިހާރު އައިސްފައިވާ ބަދަލަކީ މިކަމުގެ ކޮޅުމައްޗެވެ. ރަޝިޔާއިން މިހާރު އެދަނީ ޔުކްރޭނުގެ މުޅި އޮނިގަނޑު ފުނޑުފުނޑުކޮށްލުމަށް ހަމަލާދެމުންނެވެ. އިންޖީނުގެތަކާއި މަގުތަކަށެވެ. ރޭލުވޭތަކާއި ފެކްޓަރީތަކަށެވެ.

ކާރޗް ބުރިޖަކީ ކޮންއިރަކު ކޮން މަގުސަދެއްގައި ކޮންބަޔަކު އަޅާފައިވާ ބުރިޖެއް ބާވައެވެ. އެތަނުގެ ތާރީޚަށް ބަލައިލަމާބަހީއެވެ. މިއީ ކުރިން ދެންނެވުނުހެން އާޒޯވް ކަނޑު ހުރަސްކޮށް ރަޝިޔާގެ ޓަމާން ޕެނިންސިއުލާ އާއި ކްރައިމިއާގެ އެންމެ އިރުމަތިން ކާރޗް ޕެނިންސިއުލާއާ ދޭތެރޭގައި އަޅާފައިވާ ވަރަށް ދިގު ބުރިޖެކެވެ. ހަގީގަތުގައި މިއީ ދެ ބުރިޖެވެ. ހަތަރު ލޭނުގެ މަގަކާއި ރޭލު މަގެކެވެ. ދިގުމިނަކީ ގާތްގަޑަކަށް ނަވާރަ ކިލޯމީޓަރެވެ. އެއީ މާލެއަތޮޅަށް ނިސްބަތްކުރާނަމަ މާލެއާއި ހުރަޔާއި ދެމެދުގެ ދުރުމިނެވެ. އެހެންވީމާ މިއީ މުޅި ޔޫރަޕުގެވެސް އެންމެ ދިގު ބުރިޖެވެ. ޔޫރަޕުގެ ގައުމަކުން މިހާތަނަށް އެޅި އެންމެ ދިގު ބުރިޖެވެ. މިއީ ގާތްގަޑަކަށް 3.7 ބިލިއަން ޑޮލަރު ޚަރަދުކޮށްގެން ރަޝިޔާއިން އަޅާފައިވާ ވަރަށްވެސް އައު ބުރިޖެކެވެ.

އެއްގަމުން ރަޝިޔާ އާއި ކްރައިމިއާ ގުޅުވައިލުމަށްޓަކައި މި ބުރިޖު އެޅުމަށް ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން ނިންމެވީ 2014 ވަނަ އަހަރު ކްރައިމިއާ ހިފައި އެ ސަރަހައްދު ރަޝިޔާއާ އެއްކޮށްލުމުގެ ނިންމުމާ ހަމައިންނެވެ. ބުރިޖު އެޅުމަށް ރަޝިޔާގެ އަރަކާޑީ ކުންފުންޏާ ހަވާލުކުރެވުނީ 2015 ވަނަ އަހަރުއެވެ. ބުރިޖު އެޅުމުގެ އަމަލީ މަސައްކަތް ފެށުނީ 2016 ވަނަ އަހަރުއެވެ. ރޯޑް ބުރިޖް ހުޅުވައި ބޭނުންކުރަން ފެށީ 2018 ވަނަ އަހަރުއެވެ. ރޭލް ބުރިޖް ހުޅުވުނީ 2019 ވަނަ އަހަރުއެވެ. މި ބުރިޖަށް ނަންދިނީ އޮންލައިންކޮށް ހުޅުވާލައިގެން ރަޝިޔާގެ އާންމުންގެ ޚިޔާލު ހޯދައިގެންނެވެ. އެންމެ ގިނަބަޔަކަށް ފެނުނީ ކްރައިމިއާ ބުރިޖުގެ ނަމެވެ. ކާރޗް ބުރިޖާއި ޔުނިފިކޭޝަން ބުރިޖަކީވެސް އެތައް މިލިޔަން ބަޔަކު ތާއީދުކުރި ނަންނަމެވެ.

ކޮންމެއަކަސް މި ބުރިޖަކީ ރައީސް ލަޑީމިއަރ ޕުޓިންގެ މީރާސާއި ވަރަށް ބޮޑަށް ގުޅިފައިވާ ބުރިޖެކެވެ. އޭނާގެ އާރާއި ބާރާއި ހައިބަތާއި ގުޅިފައިވާ ބުރިޖެކެވެ. ބުރިޖު އެޅުމަށް ނިންމެވީ އޭނާއެވެ. ބުރިޖު ހުޅުވައިދެއްވީވެސް އޭނާއެވެ. އެހެންވީމާ ޔުކްރޭނުގައި އަދި ހުޅަނގުގެ ދުނިޔޭގައިވެސް ބަލަމުން އައީ މިއީ ޕުޓިންގެ ބުރިޖެއް ކަމުގައެވެ. ޕުޓިންގެ ބާރު ރަމްޒުކޮށްދޭ ބުރިޖެއް ކަމުގައެވެ. ބުރިޖު ގޮއްވައިލުމަށް ނިންމީ އެހެންވެގެން ކަމަށް ވެދާނެއެވެ. ހިނގަމުންމިދާ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހު މި ދެ ބުރިޖުގެ ތެރެއިން ރޯޑް ބުރިޖުގެ ރަޝިޔާއާ ވީފަޅީގައި ނުހަނު ބާރުގަދަ ގޮވުމެއް ގޮވައި ބުރިޖުގެ އެއްބައިވަނީ ކަނޑަށް ވެއްޓިފައެވެ. ރަޝިޔާއިން މިހާރުވަނީ މަރާމާތުގެ މަސައްކަތް ފަށައިފައެވެ. އެހެންނަމަވެސް ކުރަންޖެހޭ މަސައްކަތުގެ ބޮޑުކަމުން މިކަން މުޅިން ނިންމައިލެވޭނޭ ކަމަށް ބެލެވެނީ ކުރިއަށްއޮތް 2023 ވަނަ އަހަރުގެ ޖުލައިމަހުއެވެ.

ކްރައިމިއާ އާއި ރަޝިޔާ ބުރިޖަކުން ގުޅައިލުމުގެ ޚިޔާލަކީ ވަރަށް ދުވަސްވީ ޚިޔާލެކެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނު ސިފައިން ހަމަ މިތަނުގައި ބުރިޖެއް އެޅިއެވެ. ފައިބައިގެންދަމުން 1943 ގައި ގޮއްވައިލީއެވެ. އޭގެފަހުން ހަމަ އެ ހަނގުރާމައިގެ ތެރޭގައި ރަޝިޔާ ސިފައިންވެސް ވަގުތީ ބުރިޖެއް އެޅިއެވެ. އެވެސް މޫސުމުގެ ސަބަބުން ދުވަސްކޮޅަކުން ކަނޑަށް ވެއްޓުނީއެވެ. ސޯވިއެޓް ޔޫނިއަންގެ ޒަމާނުގައިވެސް ކިތަންމެ ފަހަރަކު މި ޚިޔާލުކުރިއެވެ. މަސައްކަތް ފެށޭވަރު ނުވީއެވެ. ޔުކްރޭނު މިނިވަންވުމަށްފަހު ރަޝިޔާ އާއި ޔުކްރޭނާ ދެމެދުވެސް އެތަކެއްފަހަރު މަޝްވަރާކޮށް މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ދެ ގައުމުގެ ކެބިނެޓުންވެސް ފާސްކުރިއެވެ. އެކަމަކު މަސައްކަތް ފަށައެއް ނުގަނެވުނެވެ. ކޮންމެވެސް ސަބަބުތަކެއް މެދުވެރިވެގެންނެވެ.

އެތައް އަހަރެއްގެ ދިގު އިންތިޒާރަކަށްފަހު މި ބުރިޖަށް އަމަލީ ސިފަ އައުމުގެ ސިއްރަކަށްވީ 2014 ވަނަ އަހަރު ރޫސީ ސިފައިން ކްރައިމިއާ ހިފުމެވެ. ރައީސް ޕުޓިން ބޭނުންފުޅުވީ ޔުކްރޭނަށް ބަރޯސާނުކޮށް ކްރައިމިއާއަށް ސަޕްލައި ކުރެވޭނެ އެއްގަމުގެ މަގެކެވެ. އެމަގަކީ މި ބުރިޖެވެ. އެހެންވީމާ ލަސްތަކެއްވެސް ނުކުރައްވައި ބުރިޖުގެ އަމަލީ މަސައްކަތް ފަށަން އޭނާ 2014 ވަނަ އަހަރު ނިންމެވީއެވެ. މި މަސައްކަތަށް ޔުކްރޭނާއި ހުޅަނގުގެ ގައުމުތަކުން ދެކޮޅުހެދިއެވެ. ކުށްވެރިވެސް ކުރިއެވެ. އަދި ބުރިޖު އެޅުމުގެ މަސައްކަތުގައި ޝާމިލްވި ރަޝިޔާގެ ކުންފުނިތަކަށް ދަތިކުރުމަށް އެމެރިކާ އާއި ޔޫރަޕުގެ އިއްތިހާދުން ފިޔަވަޅުތަކެއްވެސް އަޅާފައިވެއެވެ. އެންމެފަހުން މި ބުރިޖު ގޮއްވާލީމާ ވީއުފަލަކުން ހުޅަނގުގެ ދުނިޔޭގައި ނިކަން ބާރަށް އަތްތިލަބަޑި ޖަހައި ރަޝިޔާއަށް މަލާމާތްވެސް ކުރިއެވެ.