ގެހުންނަ މަގަށް ނުކުމެވުނު ވަގުތަކީ، ގެއާއި ދާދި ގާތުގައި ހުންނަ މިސްކިތުން ނަމާދުކޮށްގެން މީހުން ފައިބަން ފެށި ވަގުތެވެ. މިސްކިތު ފާރު ކައިރިންލާފައި މަޑުމަޑުން ގެޔާ ދިމާއަށް ހިނގައިގަތީ، ފާޑަކަށް އިސްޖަހައިގެން އެހެނެއްކަމަކު، ކުރިއަށް ބަލަމުންނެވެ. މިސްކިތުގެ ދޮރާ އަރައި ހަމަވިވަގުތު ފެނުނީ ހައިރާން ކުރުވި މަންޒަރެކެވެ.
މިސްކިތުގެ އެތެރޭގައި ފާރަކަށް ލެގިލައިގެން އުޑަފައިން އިށީނދެގެން އެއިނީ ޒުވާން އަންހެނެކެވެ. ކުރިޔަށް ކަނާތް ދިއްކޮށްލައިގެން ފާޑަކަށް އެއްފަރާތަކަށް ކަރުއެލުވާލައިގެންނެވެ. މިސްކިތުން ނުކުންނަ މީހުންގެ ތެރެއިން، މެދުއުމުރުން މައްޗަށް ގޮސްފައިވާ ހަރުފުރައިގެ މީހުން އެ އަންހެންމީހާ ދިއްކޮށްލައިގެން އިން އަތަށް ކޮންމެވެސް ވަރެއްގެ ފައިސާގެ މިންވަރެއް ލަމުން ދެއެވެ. އެކަކު ފަސްރުފިޔާގެ ނޫޓެއް ދިނިއްޔާ އަނެކަކު ދިހައެކެވެ. އަނެއްމީހާ ވިހި ނުވަތަ ފަންސާހެވެ.
މިސްކިތާ ކައިރިވެލީމެވެ. އެތެރޭގައި އިށީނދެގެން އިން އަންހެންމީހާއަށް ބަލާލާފައި ގޮވާލީމެވެ. ބޭރަށް ނުކުމެލުމަށް އަތުން އިޝާރާތް ކޮށްލުމާއެކު މަޑުމަޑުން އައިސްބަލާށޭ ވެސް ބުނެލީމެވެ. އަންހެންމީހާ ތެދުވެގެން އައިސް ހުއްޓުމުން އޭނާއާ ވާހަކަ ދެއްކީމެވެ. ފިރިހެނުންގެ މިސްކިތެއްގެ ތެރޭގައި އެގޮތަށް އިނުމަކީ ކިހާ ހަޑިހުތުރު ކަމެއްހޭ، ތިތާ ތިއިނީ ކިހިނެއް ވެފައިތޯ އާއި ތީ ކޮންރަށެއްގެ ކާކުތޯވެސް އެހީމެވެ.
"އެހެންމީހުން އުޅޭހެން އުޅޭކަށް ބޭނުމެއް ނޫން. އެހެންވެ މިގޮތަށް މިއުޅެނީ، އަސްލު ރަށަށް ދާ ބޯޓެއް މާދަމާ ފުރާއިރު އެއިން ރަށަށް ދެވޭތޯ އަތުގަ ލާރިއެއް ނެތީމަ ލާރިއެއް ލިބޭތޯ މިތަނަށްވެސް އައިސް މިއިނީ. އެހީއެއްވެދީބަލަ. ހެޔޮނުވާނެ."
އަބަދުވެސް އިވޭ އެއް ވާހަކައެކެވެ. ހިތަށް އެރިއެވެ. މިއީ ހަމަ އަޅައިލާނެ ބަޔަކު ނެތީމަ ވާގޮތެއް ހެއްޔެވެ. އެނގިދާނެތާއެވެ. މިއީ އަންހެނެކެވެ. މިގޮތަށް މިތަނަށް ދޫކޮށްލުން ރަނގަޅެއްވެސް ނުވާނެއެވެ.
"ހިނގާ މަށާއެކު، އަހަރެން އުޅެނީ ޖެހިގެން މިހިރަ ގޭގަ، އެއްޗެއް ކައިގެން ފެންވަރައިގެން ބޭނުމިއްޔާ މިރޭ ނިދަންވެސް އޮވެވިދާނެ. އޭރުން މާދަމާ ގެންގޮސް ބޯޓަށް ފައިސާ ދައްކާފަ ބޯޓަށް އަރުވައިދޭނަން. ނޫނީ މިރޭވެސް ބޯޓަށް ގެންގޮސްދީފާނަން." އެ އަންހެންމީހާ އެއްގޮތަކަށް މިދައުވަތު ކަމަކުނުދިޔައެވެ. އެކި ބަހަނާ ދެއްކީ ނަގުދު ފައިސާ ހޯދުމަށެވެ.
އިރުކޮޅަކުން، ރުޅިއައިސް ރަތްވެ ދަތްކުނޑިވިކައިގެންފައި "ކަލެއާ ހެދި އެތައް ލާރިއެއް ކަޓައިފިއޭ." ކިޔާފައި އަވަހަށް މިސްކިތަށް ވަދެ އަނެއްކާވެސް އިށީނެވެ. ހަމަ ކުރީންވެސް އިން ގޮތަށް ނިކަމެތި، ފަގީރު ނުކުޅެދޭ މީހެއްހެނެވެ. ބަލަން ހުއްޓާ މިސްކިތުން ނުކުންނަން އައި އިތުރު މީހަކު އެ އަންހެންމީހާގެ މުށުތެރެއަށް ފައިސާ ލައިފައި ކޮންމެވެސް ސިއްރު ބަހެއްވެސް ބުނެފައި އަވަހަކަށް ނުކުމެގެން ހިނގައްޖެއެވެ.
މިއީ އަޅުގަނޑުމެންގެ މުޖުތަމައުގެ ހާލަތެވެ. މިކަމުގައި ކުށްވެރިވަނީ ހަމައެކަނި އެ އަންހެންމީހާއެއް ވެސް ނޫނެވެ. ގިނަ މީހުންނަށް އެނގެއެވެ. އެމީހުންނަކީ "ވަކި ބައްޔެއް" ޖެހިފައިވާ މީހުން ކަން ވެސް އެނގެއެވެ. އެސްޓީއޯ ކައިރީ އޭޓީއެމް ހަރުފަތްތަކުގެ މަތީގައި އިންނަ ފިރިހެންމީހާ، އެތަނުގައި އިންނާނީ އޯޓިޒަމް ބަލިހުންނަ ޒުވާނެއްހެނެވެ. އެކްޓު ކުރަންވެސް މޮޅެވެ. ޗާނދަނީމަގު ސީގަލްކައިރީގައި ތިބޭ ދެމަފިރިން، އެމީހުންގެ އެއްބައި ފުރިހަމަކުރަނީ ހުކުރުމިސްކިތާއި ބަންޑާރަމިސްކިތުން ފައިބާ މީހުންގެ އަތުންނެވެ. އެސެޝަނަށްފަހު ދެން އެމީހުންގެ މިސްރާބު ހުންނާނީ ބާޒާރުމައްޗަށެވެ. މާލޭގައި އަންހެންމީހާ ދިރިއުޅެން ކުޑަކުޑަ ތަންކޮޅެއް ހުރެއެވެ. އަދާކުރާ ވަޒީފާއެކޭ އެއްފަދައިން، އިޝާނަމާދުން މީހުން ފޭބުމުން އެމީހުންވެސް އެނބުރި ގެއަށް އަންނަނީއެވެ. އެހެން ތިބޭއިރު ދެއިރު ކާ "ބޭސް" ހޯދުމަށް ބަރާބަރަށް ގަޑިއަށް ފައިސާ ހަމަކޮށްގެން ދާނެއެވެ.
އަގޯރާ ކައިރީ ޕޭވްމަންޓް މަތީގައި އެއިންނަ މީހާގެ ބޮލުގައި ހުދުކުލައިގެ އިސްތަށި އެގިނަވަނީ އޭނާ އެހެން އެ"މަސައްކަތުން" އާމްދަނީ ހޯދައިގެން ކައިގެން ބޮއިގެން ނިދައިގެން އަދި އެބޭނުންވާ ސާމާނަށްވެސް ހަރަދުކޮށްގެން އެގޮތުގައި އުޅެއުޅެ ހުއްޓައެވެ. އޭނާގެ "ކޮރުފައި"ގެ ހަގީގީ ބައްޔަކީ ޑޮކްޓަރަކަށް ރަނގަޅު ކުރެވޭނެ ބައްޔެއް ނޫންކަން ނޭނގޭ މީހުން މަދުވާނެއެވެ. އޭނާގެ "ކޮރުފަޔަކީ" ހަމައެކަނި މަގުތަކުގެ މަތީގައި 'އާމްދަނީ' ހޯދުމަށް ޖެހޭ ބައްޔެއްކަމާއި އެބަލި އޭނާގެ ހާއްސަ 'ޑޮކްޓަރު' ހުންނަ 'ޖަގަހަ' އަކަށް ދެވުމާއެކު އެންމެ ފުރިހަމަ ސިއްހަތެއްގެ ފަޔަކަށް ބަދަލުވާކަން ނޭނގޭ މީހުންވެސް މަދުވާނެއެވެ. ޔަގީނުންވެސް އަގޯރާ ފިހާރައިގައި ތިބޭ މީހުންނާއި އެހިސާބުން އާންމުކޮށް ހިނގާ މީހުންނަށް އެނގޭނެއެވެ. އެކަމަކުވެސް ހަމަ އެތަނުން އޭނާ އާމްދަނީ ހޯދައިގެން އެހެން އުޅޭތާ ދެއަހަރަށްވުރެ ގިނަދުވަސްވެދާނެއެވެ.
މިގޮތަށް އުޅުނު އަންހެނަކު ފައިގައި އޭނާ އަމިއްލައަށް އުފެއްދި ފާރުގަނޑެއް ކުނިވެ، މުޅި ފަޔަށް އޭގެ ވިހައިގެ އަސަރުފޯރައި، އެންމެފަހުން އެފައި ބުރިކޮށްލަން ޖެހިގެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި އޮއްވާ ވަނީ މަރުވެފައެވެ. މިފަދަ ކިތަންމެ ބަޔަކު މުޖުތަމައުން އެބަފެނެއެވެ. މީގައި ކުށްވެރިވާން ވީ ހަމައެކަނި މިކަމުގެ ތެރެއަށް ނުކުމެ ސަލާން ޖެހުމުގެ މުޅިން އާވައްޓަފާޅިއަކަށް އުޅޭ މީހުން އެކަނި ހެއްޔެވެ. މިފަދަ ކަންތައް ހުއްޓުވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނަނީ ހެއްޔެވެ. އެމީހުން ގަދަބާރުންނަމަވެސް ގެންދެވޭނެ ފަރުވާއެއް، ރިހެބިލިޓޭޓް ކުރާ ތަނެއް، ނޫނީ އެގޮތަށް ދޮގުހަދައިގެން، މަކަރާއި ހީލަތުން މީހުން އަތުން ފައިސާ އަތުލާ ބަޔަކަށް ދޭފަދަ އިންޒާރެއް ނުވަތަ އެހެންވެސް އަދަބެއް ނޯންނަނީބާވައެވެ.
މިފަދަ މީހުންގެ މަކަރާއި ހީލަތުގެ ސަބަބުން ހަގީގީ ބަލިމީހަކަށްވެސް މީހުންނަށްވެސް އިތުބާރު ނުކުރާ އެތައް ބަޔަކު އުޅެއެވެ. މިކަން ހުއްޓޭނެ ގޮތެއްވެސް ނެތެވެ.