ހުޅުމާލޭގައި ބޭނުންނުކޮށް ހުރި މެކޭނިކަލް ޕާކިން ސިސްޓަމްތައް އަލުން މަރާމާތުކޮށް، އެތަންތަން ބޭނުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

މި ޕާކިން ސިސްޓަމްތަކަކީ ހުޅުމާލޭގެ ޕާކިން މައްސަލައަށް ހައްލެއް ހޯދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބަހައްޓާފައިވާ ސިސްޓަމްތަކެކެވެ. އޭގެ ތެރެއިން ބައެއް ސިސްޓަމްތައް ރާވައި ނުވެސް ނިމެއެވެ.

މަސައްކަތް ނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން ޗޭނުތައް ކަނޑައިގެން ގޮސް، ބައެއް ސިސްޓަމުތަކުގައި ދަބަރު ޖަަހައި ގެއްލުންވެފައި ވަނިކޮށް އެ ސިސްޓަމްތައް މަރާމާތުކުރުމުގެ މަަސައްކަތް އެޗްޑީސީން މިދިޔަ މެއި މަހު ވަނީ ފަށައިފައެވެ.

އެޗްޑީސީގެ އޮފިޝަލަކު 'ވަން' އަށް މިއަދު ވިދާޅުވީ، އެ ސިސްޓަމްތައް މަރާމާތުކޮށް ކުއްޔަށްދިނުމުގެ މަރުހަލާ އަންނަ ހަފުތާގައި ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. ނަމަވެސް އެތަން ކުއްޔަށް ދޭން ނިންމާފައިވާ އުސޫލުގެ ތަފުސީލު އޮފިޝަލު ހާމައެއް ނުކުރެއެވެ.

ހުޅުމާލޭގައި ބަހައްޓަން ނިންމާފައިވަނީ ޖުމުލަ ނުވަ ޕާކިން ސިސްޓަމެވެ. އޭގެން ކޮންމެ ސިސްޓަމެއްގައި މަދުވެގެން 30-35 ކާރު ޕާކު ކުރެވޭނެއެވެ. އެއީ ޖުމުލަ 315 ކާރު ޕާކު ކުރާނެ ޖާގައެވެ.