ކުޑަކުދިންގެ މައްޗަށް ކުރާ ދައުވާތައް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް އަނބުރާ ގެންދެވޭ ގޮތަށް ހަދައިފިއެވެ.
ޑައިވާޝަން ޕްރޮގުރާމުގެ ދަށުން އެފަދަ ދައުވާތައް ގެންދެވޭ ގޮތަށް ހަދާފައިވަނީ ދެ ގަވާއިދަކަށް ޕީީޖީ އޮފީހުން މިއަދު ގެނައި އިސްލާހަކުންނެވެ. މިގޮތުން އިސްލާހު ގެނައީ ޖީނާއީ ކުށުގައި ތުހުމަތު ކުރެވޭ ކުޑަކުދިންގެ މައްސަލަތަކުގައި ޕީޖީ އޮފީހުން އަމަލުކުރާނެ ގޮތުގެ ގަވާއިދަށާއި އެ މައްސަލަތައް ޕްރޮސިކިއުޓް ކުރުމުގެ އިޖުރާއަތުގެ ގަވާއިދަށް ގެނައި އިސްލާހުގެ ތެރެއިންނެވެ.
ޖިނާއީ ކުށުގައި ތުހުމަތުކުރެވޭ ކުދިންގެ މައްސަލަތަކުގައި ޕީޖީ އޮފީހުން އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 18 ވަނަ މާއްދާގެ (ށ) އަށް ގެނައި އިސްލާހުގައި ވަނީ ޖިނާއީ މައްސަލައެއްގައި ދައުވާކުރަން މުއްދަތެއް ކަނޑައަޅާފައިވާ ހާލަތެއްގައި އެ މައްސަލައަކީ ޑައިވާޝަން ޕްރޮގުރާމުގެ ދަށަށް ފެތޭ މައްސަލައެއް ނަމަ ޑައިވާޝަން ޕްލޭނާއެކު އެ މުއްދަތުގެ ތެރޭގައި މައްސަލަ ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން އެ މައްސަލަ އަނބުރާ ގެންދިއުމުގެ އިހުތިޔާރު ޕީޖީއަށް ލިބޭނެއެވެ.
ޕްރޮސިކިއުޓް ކުރުމުގެ އިޖުރާއަތުގެ ގަވާއިދަށް ގެނައި އިސްލާހެއްގެ ގޮތުގައި އެ ގަވާއިދުގެ 26 ވަނަ މާއްދާ (ދައުވާ އަނބުރާ ގެނައުން) ގެ (ށ) އަށް ވަނީ އަކުރެއް އިތުރުކޮށްފައެވެ. އިތުރުކުރި އަކުރުގައި ބުނެފައި އޮތީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 62 ވަނަ މާއްދާއިން ބާރު ލިބިގެން އެ މާއްދާގެ ދަށުން ދައުވާ ލިބޭ ކުއްޖާ ޕީޖީއާއެކު ޑައިވާޝަންގެ އެއްބަސްވުމެއް ހަދާފައިވާ ހާލަތުގައި، ޑައިވާޝަން އެއްބަސްވުމުގައިވާ ގޮތަށް ދައުވާ ކުރިއަށް ގެންދާނަމަ އެ ދައުވާ އަނބުރާ ގެންދެވޭނެ ކަމަށެވެ.
ޕީޖީ ހުސެއިން ޝަމީމު ވިދާޅުވީ މި ދެ ގަވާއިދަށް ބަދަލު ގެންނަން ޖެހުނީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކުށުގެ އަމަލުގައި ހިމެނޭ ކުޑަކުދިންގެ މައްޗަށް ޑައިވާޝަންގެ އެއްބަސްވުން އެކުލަވާލުމުގައި ދިމާވަމުންދިޔަ ބައެއް ގޮންޖެހުންތައް ހައްލުކޮށް، މާނަހުރި ގޮތެއްގައި އެ ގާނޫނުގައި ބުނާ ޕްރޮގުރާމުތައް ހިންގޭނެ ގާނޫނީ ނިޒާމެއް ގާއިމުކުރުމަށް މަގުފަހިކުރުމަށް ކަމަށެވެ.