ހުޅުމާލޭގައި އަމިއްލަ ކުންފުނިތަކުން ތަރައްގީކުރަމުން އަންނަ އެޕާޓްމަންޓްތަކުގެ މަސައްކަތް ލަސްވެފައިވީ ނަމަވެސް އެ ތަންތަނުގެ އެއްބަސްވުން ބާތިލުކުރުމަކީ ހައްލެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި އަމިއްލަ ކުންފުނިތަކުން ތަރައްގީކުރަމުން އަންނަ ފްލެޓްތަކުގެ ތެރެއިން ނުނިމި ލަސްވާ ބައެއް މަޝްރޫއުތައް ދައްކާލައި އެތަންތަނުގެ މައުލޫމާތު ދިނުމަށް އިއްޔެ އެޗްޑީސީން ކުރިއަށްގެންދިޔަ ޓުއާއަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާތިފް ވިދާޅުވީ މަޝްރޫއުތައް ލަސްވެގެން އެތަންތަނުގެ އެއްބަސްވުން ބާތިލުކުރުމަކީ މަޝްރޫއު އަވަސްވާނެ ކަމެއް ނޫން ކަމަށެވެ.

އަދި ނުނިމި ލަސްވާ ހައުސިން މަޝްރޫއުތަކުގެ 80 ޕަސެންޓް މިހާރު ނިމިފައިވާއިރު، އެ މަސައްކަތްތައް ހުއްޓުވުމަކީ އެންމެންގެ މަސްލަހަތަށް އެންމެ ރަނގަޅު ހައްލު ކަމަށް ނުފެންނަ ކަމަށްވެސް ވިދާޅުވިއެވެ.

"ޕްރޮޖެކްޓްތައް އެކްސްޓެންޝަންގެ މަގުސަދަކީ އެއީ ޕްރޮޖެކްޓް ޓާމިނޭޓް ކުރުމަކީ މި މަސައްކަތްތައް އަވަސްވާނެ ކަމެއް ކަމަށް އެޗްޑީސީއަކަށް ނުފެނޭ" އާތިފް ވިދާޅުވިއެވެ.

ކޮންޓްރެކްޓަރުން އަމިއްލައަށް ފައިނޭންސް ހޯދައިގެން ކުރިއަށްގެންދާ މި މަޝްރޫއުތަކުގެ މަސައްކަތް ލަސްވެ އެތަންތަނުން އެޕާޓުމަންޓުތައް ގަތް ފަރާތްތަކުގެ ޝަކުވާ ބޮޑުވެފައިވާއިރު އެޗްޑީސީން ވަނީ އެ މަޝްރޫއުތައް ނިންމަން އިތުރު މުހުލަތު ދީފައެވެ. ނަމަވެސް އާތިފް ވިދާޅުވީ މީގެތެރެއިން ގިނަ މަޝްރޫއުތައް ނިންމާ ހަވާލުކުރުމަށް އަންނަ ނޮވެމްބަރު ފެށިގެން ޖެނުއަރީއަށް މުހުލަތު ދީފައިވާ ކަމަށެވެ.

އާތިފް ވިދާޅުވީ މި މަޝްރޫއުތައް ލަސްވެގެން ދިޔައީ ކޮވިޑާ ގުޅިގެންނާއި ކޮންޓްރެކްޓަރަށް ފައިސާ ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ކަމަށާއި އެކަން ލިޔެކިޔުންތަކުންވެސް ފެންނަން އެބަހުރި ކަމަށެވެ. އެކަންކަމުގެ އިތުރުން މުވައްޒަފުން މަދުވުމުގެ މައްސަލަތަކާއި މުވައްޒަފުން ގެނައުމުގެ ދަތިތަކާއި މުދާ ގެނައުމާއި ހަރަދުކުރުމުގެ ދަތިތައްވެސް ކުރިމަތިވިކަން އޭނާ ފާހަގަކުރެއްވިއެވެ.

"ކޮވިޑާ ގުޅިގެން ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި. އޭގެ ލިޔެކިޔުންތަކުން އެކަން އެނގޭ. މިހާރު މުއްދަތު ދީފައިވަނީ ނޮވެމްބަރު، ޑިސެމްބަރު އަދި ޖެނުއަރީގައި މަސައްކަތްތައް ނިންމައި އެޕާޓްމަންޓްތައް ހަވާލުކުރުމަށް." އާތިފް ވިދާޅުވިއެވެ.