އަންނަ އަހަރަށް ލަފާކޮށް އޮޑިޓާ ޖެނެރަލްގެ އޮފީހުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި 95 މިލިއަން ރުފިޔާގެ ބަޖެޓުން ބައެއް އުނިކޮށް 93.4 މިލިޔަން ރުފިޔާގެ ބަޖެޓެއް ދޭން ކޮމިޓީން ފާސްކޮށްފިއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓަކީ ކުރިއަށް އޮތް އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާ ދައުލަތުގެ ބަޖެޓަށްވުރެން ކުރިން މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިގެން ފާސްކުރަން ޖެހޭ ބަޖެޓެކެެވެ. ކޮމިޓީން ފާސް ކުރުމަށްފަހު އެ ބަޖެޓް، ދައުލަތުން މަޖިލީހަށް ހުށަހަޅާ ބަޖެޓުގެ ތެރޭގައި ހިމަނައެވެ.
އެގޮތުން އަންނަ އަހަރަށް ލަފާކޮށް އޮޑިޓާ ޖެނެރަލްގެ އޮފީހުން 95 މިލިޔަން ރުފިޔާގެ ބަޖެޓެއް މާލިއްޔަތު ކޮމިޓީއަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހުއެވެ.
ރިކަރަންޓް ހަރަދަށް އެ ބަޖެޓުގައި ހިމަނާފައި ވަނީ 62 މިލިޔަން ރުފިޔާއެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި ހިމަނާފައި ވަނީ 32.4 މިލިޔަން ރުފިޔާއެވެ.
މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވީ، ފިނޭންސް މިނިސްޓްރީން އޮޑިޓް އޮފީހަށް ރިކަރަންޓް ހަރަދުގެ ގޮތުގައި ދީފައިވާ ސީލިން އަކީ 57.5 މިލިޔަން ރުފިޔާ ކަމަށެވެ. ނަމަވެސް އެކަމަށް 62 މިލިޔަން ރުފިޔާ ހިމަނާފައިވާތީ، އޮޑިޓް އޮފީހުގެ އިސް ފަރާތްތަކާ މަޝްވަރާކުރުމުން، 60.5 މިލިޔަނަށްވުރެ ރިކަރަންޓް ހަރަދުގެ ބަޖެޓް ކުޑަކޮށްފިނަމަ އޮޑިޓްތައް މެނޭޖުކޮށް ކަންކަން ކުރުމަށް ގާނޫނީ ގޮތުން އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ބުނެފައިވާކަމަށްވެސް ވިދާޅުވިއެވެ.
އެކަމާގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ މަޝްވަރާ ކުުރުމުން، 61 މިލިޔަނަށް ރިކަރަންޓް ބަޖެޓަށް ބަދަލު ގެނެސްދެއްވި ކަމަށްވެސް ވިދާޅުވިއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓަށް ފިނޭންސް މިނިސްޓްރީން ގެނައި އިސްލާހުތަކަށް މަޝްވަރާކުރުމަށް އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، ފިނޭންސް މިނިސްޓްރީން އިސްލާހު ގެނައިގޮތަށް ރިކަރަންޓްގެ ހަރަދަށް 61 މިލިޔަން ރުފިޔާ ފާސްކޮށްދިނުމަށް ހުށަހެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފެވެ. ތާއީދު ކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި، 32.4 މިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނަން މެންބަރު ޔާސިރު ހުށަހެޅުއްވުމުން ތާއީދު ކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒެވެ. އެ ދެ ހުށަހެޅުން ކޮމިޓީން ފާސްކޮށް މުޅި ބަޖެޓުގެ ގޮތުގައި އޮޑިޓް އޮފީހަށް 93.4 މިލިޔަން ރުފިޔާ ދޭން ކޮމިޓީން ފާސްކުރިއެވެ.
މިއަހަރަށް އޮޑިޓާ ޖެނެރަލްގެ އޮފީހަށް ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 90.3 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު