ޚަބަރު

މުސާރަ އާއި އިނާޔަތް ނުލިބޭގޮތަށް ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރު ސަސްޕެންޑުކޮށްފި

އިބްރާހިމް ޒަކީ

މުސާރަ އާއި އިނާޔަތް ނުލިބޭގޮތަށް ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރު ސަސްޕެންޑް ކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްއީ) އިން މިއަދު ބުނީ، އަހުމަދު ނިޝާރު އައްޔަނުކުރި ގޮއިދޫ ކޯޓަށް ގަވާއިދުން ނުކުތުމުގެ ބަދަލުގައި ނުކުންނަމުން ގޮސްފައި ވަނީ އިސްމެޖިސްޓްރޭޓާ ހަވާލުކޮށްފައިވާ ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ކަން ކަމާބެހޭ ލިޔެކިއުމުންނާއި އިސްމެޖިސްޓްރޭޓްގެ އިއުތިރާފުން ސާބިތުވާކަމަށެވެ

މިކަމުގައި އިސްމެޖިސްޓްރޭޓް ނިޝާރު އަމަލުކޮށްފައި ވަނީ ހަވާލުކޮށްފައިވާ، ކޯޓުތަކުގެ މަސައްކަތްކުރުމަށް ހާޒިރުވުމާ ގުޅޭގޮތުން ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރުގެ މި އަމަލަކީ، ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލަކަށްވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނުގެ ދަށުން، މުސާރަ އާއި އިނާޔަތް ނުލިބޭގޮތަށް އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރު ވަޒީފާގެ މަސައްކަތަށް ނުކުތުން 14 ދުވަހަށް މަނާކުރުމަށް ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.