މާލޭ ސިޓީ ކައުންސިލުން ހުއްދަ ދިނުމުން ސްޓެލްކޯއިން އެ ކުންފުނީގެ އިންޖީނު އައުޓްފްލޯ ހޮޅި މަރާމާތު ކުރަން ފަށައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ހެނދުނު ބުނީ، ބޮޑުތަކުރުފާނުމަގުގެ ތާރުގަނޑު އަޑިން ސްޓެލްކޯއަށް ލޮނުފެން ނެގުމަށް އަޅާފައިވާ ހޮޅިއެއް ފަޅައިގެން ގޮސް މަގަށް ލޮނުފެން ލީކުވަމުންދާތީ އެކަން ހައްލުކޮށްދިނުމަށް ސްޓެލްކޯއަށް ދެ ފަހަރެއްގެ މަތިން އަންގާފައިވާ ކަމަށެވެ.
އެކަން ދޮގުކޮށް ސްޓެލްކޯއިން މިއަދު ބުނީ އެ މައްސަލަ ރަނގަޅުކުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެ، އެ ސަރަހައްދު ބަންދުކުރުމަށް އެދި ސިޓީ ކައުންސިލުގެ ހުއްދައަށް އެދިފައިވާނެ ކަމަށެވެ. އެ މަސައްކަތް ނުކުރެވި ލަސްވަނީ މާލޭ ސިޓީ ކައުންސިލުން ދޫކުރަންޖެހޭ ހުއްދަތައް ނުލިބުމުގެ ސަބަބުން ކަމަށެވެ.
ނަމަވެސް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިޓީ ކައުންސިލަށް ނިސްބަތްކޮށް ސްޓެލްކޯއިން ދައްކާވާފައި ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
ސްޓެލްކޯއިން މިރޭ ބުނީ ސިޓީ ކައުންސިލުން ހުއްދަތައް ލިބުމާއެކު އައުޓްފްލޯ މަރާމާތުކޮށް، މަގަށް ފެން ލީކްވުން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމާއި އަޅުގަނޑުމެންގެ ފޯރުކޮށްދޭ ހިދުމަތްތަކަށް ކުޑަ ހިނދުކޮޅަކަށްވެސް ބުރޫ ނާރާނެ ފަދަ ގޮތަކަށް ހުރިހާ މުއައްސަސާތަކުން ވެސް މަސައްކަތް ކޮށްދިނުމަކީ ނުހަނު މުހިއްމު ކަމެއް،" ސްޓެލްކޯއިން ބުންޏެވެ.
ފެން ލީކްވަމުންދަނީ ސްޓެލްކޯގެ އިންޖީނުތައް ފިނިކުރުމަށް ބޭނުންކުރާ އައުޓްފޯލް ހޮޅިއަކަށް ގެއްލުން ލިބުމުގެ ސަބަބުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު