ހުޅުމާލޭގައި އަމިއްލަ ކުންފުނިތަކުން ތަރައްގީކުރަމުން އަންނަ ފްލެޓްތަކުގެ ތެރެއިން ނުނިމި ލަސްވާ އަކުއަވިޓާ، ކޭޕާކް، ދަ ގާޑެންސް އަދި އައިރާގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމައި ދޫކުރަން ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެތަންތަނުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން އިއްޔެ ވަނީ އެ ތަންތަން މީޑިއާތަކަށް ދައްކާލައި، ކޮންޓްރެކްޓަރުންނާ ވާހަކަ ދެއްކުމުގެ ފުރުސަތު ފަހިކޮށްދީފައެވެ. މި ހުރިހާ މަޝްރޫއެއްގެވެސް އެވްރެޖުކޮށް 80 ޕަސެންޓް މަސައްކަތް ނިމިފައިވާ އިރު، ހުރިހާ މަޝްރޫއެއްގެވެސް މިހާރު މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ފިނިޝިން މަސައްކަތްތަކެވެ.
އެ ޓުއާއަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ ނުނިމި ލަސްވާ ފްލެޓުތައް ނިންމައި ހަވާލުކުރަން ފެށުމަށް މިހާރު ދީފައިވާ އެންމެފަހު ތާރީހަކީ އަންނަ ޖަނަވަރީ މަހުގެ ކުރި ކަމަށެވެ.
"ކޮވިޑާ ގުޅިގެން ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި. އޭގެ ލިޔެކިޔުންތަކުން އެކަން އެނގޭ. މިހާރު މުއްދަތު ދީފައިވަނީ ނޮވެމްބަރު، ޑިސެމްބަރު އަދި ޖެނުއަރީގައި މަސައްކަތްތައް ނިންމައި އެޕާޓްމަންޓްތައް ހަވާލުކުރުމަށް،" އާތިފް ވިދާޅުވިއެވެ.
އެންޕީއެޗް ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހި ގުޅޭ ހިސާބުގައި ތަރައްގީކުރަމުން އަންނަ އަކުއަވިޓާ ރެޒިޑެންސްގެ 95 ޕަސެންޓް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ނޮވެމްބަރު 9، 2015ގައި އެންޕީއެޗާ ހަވާލުކުރި މި މަޝްރޫއުއަކީ ޖުމުލަ 129 މިކްސްޑް މިކްސްޑް ރެޒިޑެންސް އެޕާޓްމަންޓް ހިމެނޭ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތް ނިންމަން އެޗްޑީސީން ވަނީ ހަތަރު ފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށްދީފައެވެ. އަދި އަންނަ ޑިސެމްބަރުގެ ނިޔަލަށް ހުރިހާ މަސައްކަތެއް ނިންމާލައި ތަން ހަވާލުކުރެެވޭނެ ކަމަށް ލަފާކުރާ ކަމަށް ކޮންޓްރެކްޓަރު ބުންޏެވެ.
ޖާހް އިންވެސްޓްމަންޓުން ސެންޓްރަލް ޕާކު ކުރިމަތީގައި ހަދަމުންދާ ދަ ގާޑެންސްގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ޖަނަވަރީ 15، 2017ގައި ޖާހްއާ ހަވާލުކުރި 73 އެޕާޓްމަންޓްގެ މި މަޝްރުއޫގެ މަސައްކަތް ނިންމަންޖެހޭ މުއްދަތު ހަތަރު ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވާ އިރު، އެ ކުންފުނިން ލަފާކުރާ ގޮތުގައި ހުރިހާ އެޕާޓްމަންޓެއް ނިންމައި ވެރިފަރާތްތަކާ ހަވާލުކުރެވޭނީ އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށެވެ. ނަމަވެސް މިއަހަރުގެ ޑިސެމްބަރުގެ ނިޔަލަށް 6-18 އެޕާޓްމަންޓުގެ މަސައްކަތް ނިންމައި ހަވާލުކުރެވޭނެ ކަމަށް ބުންޏެވެ.
ކޮރެއާގެ ހަމްބޯ ކޮމްޕެނީ ލިމިޓެޑާ 9 އޮކްޓޯބަރު 2016ގައި ހަވާލުކުރި ކޭ ޕާކް ރެޒިޑެންސްގެ 77 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު މައުލޫމާތު ދެއެެވެ. 110 އެޕާޓްމެންޓް ހިމެނޭ މި އިމާރާތުގެ މަސައްކަތް ނިންމުމަށް ފަސް ފަހަރު މަތިން މުއްދަތު އިތުރުކޮށްދީފައިވާއިރު ހުރިހާ މަސައްކަތެއް ނިންމައި އެޕާޓްމަންޓުތައް އަންނަ އަހަރުުގެ ދެވަނަ ކުއާޓާގެ ކުރިން ހަވާލުކުރެވޭނެ ކަމަށް ކޮންޓްރެކްޓަރު ލަފާކުރެއެވެ.
ފިތުރޯނު މަގުުގައި އެންސިސް އިން ތަރައްގީކުރުމުން އަންނަ 94 އެޕާޓްމަންޓުގެ އައިރާ ކޮންޑޯމީނިއަމްގެ 92 ޕަސެންޓް މަސައްކަތް ނިމިފައިވާއިރު، އެ މަޝްރުއޫގެ މަސައްކަތް ނިންމަން ފަސް ފަހަރު އެޗްޑީސީން މުއްދަތު އިތުރުކޮށްދީފައިވެއެވެ.
އެންސިސް އިން ބުނާ ގޮތުން އެޕާޓްމަންޓްތައް ގަތް ފަރާތްތަކަށް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް އެތަނަށް ވަދެވޭނެއެވެ. މި މަޝްރޫއު އެންސިސްއާ ހަވާލުކުރީ 1 އޮގަސްޓް 2016ގައެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އާތިފް ވިދާޅުވީ، މި މަޝްރޫއުތައް ނުނިމި ދިގުލައިގެން ދިއުމުގެ އެންމެ ބޮޑު ސަބަބަކީ ކޮވިޑްގެ ހާލަތާ ގުޅިގެން ދިމާވި ދަތިތައް ކަމަށެވެ. އެގޮތުން މުވައްޒަފުން މަދުވުމުގެ މައްސަލަތަކާއި މުވައްޒަފުން ގެނައުމުގެ ދަތިތަކާއި މުދާ ގެނައުމާއި ހަރަދުކުރުމުގެ ދަތިތައްވެސް ކުރިމަތިވިކަން އޭނާ ފާހަގަކުރެއްވިއެވެ.
އާތިފް ވިދާޅުވީ ޕްރޮޖެކްޓުތައް ނުނިމުނު ނަމަވެސް ކޮންޓްރެކްޓް ބާތިލުނުކޮށް އެކްސްޓެންޝަން ދެނީ ކޮންޓްރެކްޓް ބާތިލުކުރުމަކީ ހައްލެއްކަމުގައި ނުފެންނާތީ ކަމަށެވެ. އަދި އެޗްޑީސީން ލިބެންޖެހޭ ހުރިހާ ހުއްދަތަކެއް ޕްރޮޖެކްޓުތައް ހިންގާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު