އައްޑޫ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި، ފޭދޫ ސޮލިޑް، މުހައްމަދު ޒަޔާން މޫސާ، 21، އަށް ހަމަލާދިން ވަގުތު އެ ހަމަލާ ރާވައި ހިންގި މީހުން ތިބީ ކެފޭއެއްގައި ކަމަށް ފުލުހުން ބުނެފިއެވެ.

ޖޫން މަހުގެ ތެރޭގައި މަރާލި ޒަޔާންގެ މަރާ ގުޅޭ ގޮތުން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ، ޒަޔާން އަށް ދިން ހަމަލާއަކީ ދުރާލާ ރާވައިގެން ދިން ހަމަލާއެއް ކަމަށާއި އޭނާއަށް ހަމަލާ ދީފައި ވަނީ އޭގެ ދެ ތިން ދުވަސް ކުރިން އައްޑޫގައި ހިނގި މާރާމާރީއަކާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.

ސާމިހް ވިދާޅުވީ، ޒަޔާންއަށް ހަމަލާދިނުމަށް ޒަޔާން ދިރިއުޅޭ ގެއަށް އެރޭގެ ދަންވަރުގެ ވަގުތެއްގައި ބަޔަކު ވަދެ ތިބި ކަމަށާއި ހަަމަލާއަށް ފަހު އޭގެން ބައެއް މީހުން އައްޑޫ ފޭދޫ ގެއެއްގެ ތެރޭގައި ފިލާ ތިބި ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ސީން އިން އެއްކުރެވުނު މާއްދީ ހެކިތަކުން މި މައްސަލައިގެ ތުހުމަތުގައި ބަންދުގައި ތިބި މީހުންގެ ތެރޭގައި ހިމެނޭ ފަރާތެއްގެ ޑީއެންއޭ ލިބިފައިވާމަށްވެސް ސާމިހް ވިދާޅުވިއެވެ.

ސާމިހު ވިދާޅުވި، މި ހާތަނަށް ކުރެވުނު ތަހުގީގުން ކަށަވަރު ކުރެވޭ އެއް ކަމަކީ މި ހަމަލާ ދިނުމުގައި އާއި ހެކި ނައްތާލުމުގައި ހަރަކާތްތެރިވެފައި ވަނީ ހަ މީހެއް ކަމަށެވެ.

"މި ހަމަލާ ދިނުމަށް ދިޔަ މީހުން ސޮލިޑް ގޭ ތެރޭގައި ތިބި އިރު، ރޭވުމުގެ މަސައްކަތުގައި އިސްކޮށް އުޅުނު މީހުން ސ. ފޭދޫގައި ހުރި ކެފޭއެއްގެ ތެރޭގައި އެރޭގެ މެންދަމު 12:00 އިން 1:00 އާ ދެމެދު، ހަމަލާ ދިނުމާ ހަމައަށް، ހަމަލާގެ އިންތިޒާރުގައި ތިބިކަން ތަހުގީގަށް ފާހަގަކުރެވިފައިވޭ،" ސާމިހް ވިދާޅުވިއެވެ.

އެގޮތުން ހަމަލާ ދިނުމަށްފަހު ހަމަލާދޭން ދިޔަ މީހަކު، ކެފޭގައި ތިބި މީހުންގެ ތެރެއިން އެކަކަށް ގުޅާފައިވާކަން ތަހުގީގަށް އެނގޭ ކަމަށް ސާމިހު ވިދާޅުވިއެވެ.

ޒަޔާންގެ މަރުގެ މައްސަލައިގައި މިހާތަަނަށް ހަތަރު ކުއްޖެއްގެ މައްޗަށް ދައުވާ ވަނީ އުފުލައިފައެވެ. އެގޮތުން ޒަޔާން މަރާލި މައްސަލައިގައި ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ.

އުމުރުން 18 އަހަރު ނުފުރޭ އިތުރު ތިން ކުދިންގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ ދުވަހު ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން ދެ ކުއްޖަކު ވަނީ ކުށަށް އިއުތިރާފުވެފައެވެ.

މި މައްސަލައިގައި މިހާތަނަށް ހަތަރު ކުދިންނާއި ހަތް މީހަކު ހިމެނޭހެން ޖުމްލަ 11 މީހަކު ހައްޔަރުކޮށްފައިވެއެވެ.