ފުލުހުންގެ ޓްރެފިކް ޗެކްޕޮއިންޓަކުން ސަލާމަތްވުމަށް، މަގުމަތީގައި ސައިކަލް ޕާކުކުރި މީހަކު ބަލައި ފާސްކުރަމުން ދަނިކޮށް، އެއްލައިލި ރަބަރު ޕެކެޓަކުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި އެމީހާ އުމުރު ދުވަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ދެހާސް ވިހިވަނަ އަހަރުގެ ނޮވެމްބަރު 22 ވަނަ ދުވަހުގެ ދަންވަރު މަޖީދީމަގުގައި ފުލުހުން ޗެކްޕޯސްޓެއް ޖަހައިގެން އެއްގަމު އުޅަނދު ބަލައިފާސްކުރަމުން ދަނިކޮށް، ހ. ސަތުހު، މިސްހާދު ނަޝީދު ސައިކަލެއްގައި އައިސް ފުލުހުން ފެނުމުން މަގުގެ އެއްފަރާތުގައި ސައިކަލު ޕާކު ކުރަން އުޅުމުން އޭނާގެ އަމަލުތައް ހުރިގޮތުން ފުލުހުން ވަނީ ބަލައިފާސްކޮށްފައެވެ. އޭނާ ބަލައިފާސްކުރަމުން ދަނިކޮށް އޭނާގެ ކަނާއަތުގެ މުށުތެރެއިން ބިންމައްޗަށް ވައްޓާލި ރަބަރު ޕެކެއްޓެއްގައި ހުރި އެއްޗެހި ތަހުލީލުކުރި އިރު، އޭގައި 5.0862 ގްރާމް މެޓަމްޕެޓަމިން ރެސިމޭޓް ހުރުމުން ދައުލަތުން ވަނީ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފައެވެ.
އެ ދައުވާއަށް މިސްހާދު އިންކާރުކުރުމުން ދައުވާ ސާބިތު ކުރަން ދައުލަތިން ވަނީ އޭނާ ބަލައިފާސްކުރި ދެ ފުލުހުންނާއި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓު ތައްޔާރު ކުރި އޮފިޝަރު ހެކީންގެ ގޮތުގައި ހުށަހަޅައިފައެވެ.
ޓްރެފިކް ޗެކް ޕޮއިންޓުގައި ހުރި ފުލުހަކު ކޯޓުގައި ހެކިބަސް ދެމުން ބުނީ މިސްހާދު ކައިރިއަށް ފުލުހުން ގޮސް ހުއްޓުވައި ސުވާލު ކުރުމުން ބިރުގަނެ ތުރުތުރުލާކަން ފާހަގަކުރެވުނު ކަމަށާއި އޭނާ ބަލައިފާސްކުރަމުން ދަނިކޮށް، އަތުގެ މުށު ތެރެއިން ބިންމައްޗަށް ރަބަރު ޕެކެޓެއް ވައްޓާލިތަން ފެނުނު ކަމަށެވެ. އަދި އިތުރު ފުލުހަކު ހެކިބަސް ދެމުން ވަނީ ރަބަރު ޕެކެޓު ބިންމައްޗަށް ވައްޓާލިތަން ފެނުނު ކަމަށް ބުނެފައެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައިވާ ގޮތުން ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެތީގެ ތެރެއިން ޑައިމޯފިން އާއި ކެނަބިސް ފިޔަވައި އެ ޖަދުވަލުގައި ބަޔާންކުރާ އެހެން ހުރިހާ މަސްތުވާއެއްޗެއްގެ އެންމެ ގްރާމެއް އަތުގައި އޮތަސް އެއީ ޓްރެފިކް ކުރަން ގެންގުޅޭ އެއްޗެއް ކަމަށް ބެލެވޭނެއެވެ.
އެ މައްސަލައިގައި ގާޒީ އިސްމާއިލް ޝަފީއު އިއްޔެ ކުރެއްވި ހުކުމުގައިވަނީ 100،000 ރުފިޔާއިން މިސްހާދު ޖޫރިމަނާކޮށް 25 އަހަރު ދުވަހަށް ޖަލަށް ލުމަށެވެ. އަދި ޖޫރިމަނާ ފައިސާ އަހަރު ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ހުކުމްގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު