ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ސައުތް އެފްރިކާ މީހަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު ދޯހާ މަގުން ރާއްޖެއައި ޒަމެކިލެ ލެސިއާ އޮންޔެޗް ނަމަކަށް ކިޔާ އެ މީހާގެ އަތުން މަސްތުވާތަކެތި ފެނުނީ، އޭނާގެ އަމަލުތައް ހުރި ގޮތުން މޯލްޑިވްސް ކަސްޓަމްސްގެ އޮފިސަރުން އޭނާއާ ސުވާލުކުރުމުން، އޭނާގެ ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތީގެ ބުލެޓް ހުރި ކަމަށާއި ބޮޑުކަމުދާން ބޭނުންވާ ކަމަށް ބުނުމުންނެވެ.
އެހެންވެ ކަސްޓަމްސް އޮފިސަރުންގެ ހާޒިރުގައި އޭނާ ފުރަތަމަ ފަހަރަށް ބޮޑުކަމުދިޔައިރު، 17 ބުލެޓުން 185.8 ގުރާމް ކޮކެއިން ފެނުނުއިރު ދެވަނަ ފަހަރަށް ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން ތިން ބުލެޓުން 31.7 ގުރާމް ކޮކެއިން ފެނިފައިވެއެވެ.
އެ މައުލޫމާތު ކަސްޓަމްސް އިން ފުލުހުންނާ ހިއްސާކުރުމުން ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސް ޕޮލިސް ސްޓޭޝަނުގައި ބައިންދާފައި އިންދާ ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން 13 ބުލެޓުން 142.2 ގްރާމް ކޮކެއިން ފެނުނުއިރު، ފަހުން މާލޭގެ ގެސްޓްހައުސްއެއްގައި އޭނާ ބަހައްޓާފައި ހުއްޓައި އެކި ފަހަރު މަތިން ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން ޖުމުލަ 50 ބުލެޓު ފެނިފައިވާއިރު އެއިން 536 ގްރާމް ކޮކެއިން ފެނިފައިވެއެވެ.
އޭނާގެ ހަށިގަނޑުން އެކު ޖުމުލަ 83 ބުލެޓް ފެނިފައިވާއިރު އޭގައި 896.087 ގްރާމް ކޮކެއިން ހުރުމުން ދައުލަތުން ވަނީ އޭނާގެ މައްޗަށް ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ދައުވާ އުފުލައިފައެވެ. އެތަކެތީގެ މަގުމަތީ އަގު 1.3 މިލިއަނަށްވުރެ އިތުރެވެ.
ޑުރަގް އެތެރެކުރުމުން ދޭ އަދަބަކަށް އޮންނަނީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ތަންފީޒުކުރަން ޖެހެނީ 25 އަހަރެވެ. ޖަލު އަދަބާ އެކު 100،000 ރުފިޔާ އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާވެސް ކުރެވިދާނެއެވެ.
މި މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ޒަމެކިލެ ދައުވާއަށް އިއުތިރާފުވުމުން ދައުލަތުން އޭނާއާއެކު ވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ. އެއްބަސްވުން ހެދީ ކުށަށް އިއުތިރާފުވެއްޖެ ނަމަ ޖަލު އަދަބުގެ ދެބައިކުޅަ އެއްބަޔަކަށް ކުޑަކޮށް 100،000 ރުފިޔާއިން ޖޫރިމަނާ ކުރުުމަށެވެ.
އެހެންވެ އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ޝަފީއު އިއްޔެ ހުކުމް ކުރެއްވީ އިއުތިރާފުގެ އެއްބަސްވުމާ އެއްގޮތަށް، ޒަމެކިލަ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށެވެ. ނަމަވެސް ހުކުމުގެ ކުރިން އޭނާ ހަތަރު މަސް ޖަލުގައި ހޭދަކޮށްފައިވާތީ، އޭނާ ތަންފީޒު ކުރަން ޖެހޭނީ 12 އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް ކަމަށް ކަނޑައެޅުއްވިއެވެ. އަދި ޖޫރިމަނާ ފައިސާ އިއްޔެއިން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު