ޕާކިސްތާނަކީ އެމެރިކާގެ ހަތުރެއް ނޫނެވެ. މިތުރެކެވެ. އެހެންނަމަވެސް އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ނަޒަރުގައި ދުނިޔޭގައިވާ އެންމެ ނުރައްކާތެރި އެއްގައުމަކީ ޕާކިސްތާނެވެ. ބައިޑެން ވިދާޅުވާގޮތުގައި އެހާ ނުރައްކާތެރި ގައުމަކަށް ޕާކިސްތާނު ވުމުގެ ސަބަބަކީ ސިފައިންނާއި ސަރުކާރުގެ ގުޅުން ކުޑަވުމާއި ނިއުކުލިއަރ ހަތިޔާރުގެ ކޮންޓްރޯލާއި ގުޅޭ ކަންކަން ގޮތްނޭނގޭ ބައްޓަމަކަށް ފައްތާފައި އޮންނަ އޮތުމެވެ. ނިއުކުލިއަރ ހަތިޔާރުގެ ކޮންޓްރޯލް ދޯދިޔާކަމަށާއި އޭގެ ކޮންޓްރޯލް ހިއްސާކުރާ ފަރާތްތަކުގެ މެދުގައި އެއްބައިވަންތަކަމެއްވެސް ނެތްކަމަށް ރައީސް ބައިޑެން އެވިދާޅުވަނީ ޕާކިސްތާނުގެ ސިޔާސީ ހަލަބޮލިކަމަށް އިޝާރާތް ކުރައްވައިފައެވެ. އަދި ސަރުކާރުގެ މައްޗަށް ސިފައިން ނުފޫޒުފޯރުވައި މުއައްސަސާތަކުގެ ބާރު ކަނޑުވައިލާ ކަމަށް ކުރެވޭ ތުހުމަތަށްވެސް އިޝާރާތް ކުރައްވައިފައެވެ.

ޕާކިސްތާނުގެ އެއްގަމު ސިފައިންގެ ވެރިޔަކީ މިވަގުތު ޖެނެރަލް ގަމަރު ޖާވީދު ބަޖުވާއެވެ. އޭނާގެ މަގާމުގެ ދައުރު ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ނަވާވީސްވަނަ ދުވަހު ހަމަވާނެއެވެ. ދެން އެ މަގާމަަށް ވަޑައިގަންނަވާނީ އައު ބޭފުޅެކެވެ. ހީކުރެވޭ ގޮތުން ޖެނެރަލް އާސިމް މުނީރެވެ. މިއީ އާއްމު ގޮތެއްގައި ތިން އަހަރުގެ ދައުރެކެވެ. އެކަމަކު ބަޖުވާ ފުރިހަމަ ކުރައްވަމުން އެގެންދަވަނީ ތިން އަހަރުގެ ދެވަނަ ދައުރެކެވެ. ޕާކިސްތާނުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ސިފައިން ނުވަންނާނޭ ކަމުގެ ޔަގީންކަން ހުސްވި ހަފުތާގެ ތެރޭގައި ޖެނެރަލް ބަޖުވާ ވަނީ ދެއްވައިފައެވެ. އެކަމަކު ސިފައިންގެ މި ބުނުމަށް އެއްވެސް ބަޔަކު އިތުބާރެއް ނުކުރެއެވެ. އެއީ ޕާކިސްތާނުގެ ތާރީޚަށް ބަލައިފައެވެ. ވެރިކަން ފުރޮޅައިލުމުގައި ސިފައިން އެކި ދުވަސްވަރު އަދާކޮށްފައިވާ ދައުރަށް ބަލައިފައެވެ.

ޕާކިސްތާނުން އެންމެ ފުރަތަމަ ނިއުކުލިއަރ ޓެސްޓެއް ކުރީ 1998 ގައެވެ. އެއީ އިންޑިޔާއިންވެސް އެފަދަ ޓެސްޓެއް ކުރި އަހަރެވެ. ސްޓޮކްހޯމް އިންޓަރނޭޝަނަލް ޕީސް ރިސަރޗް އިންސްޓިޓިއުޓުން އަންދާޒާކުރާ ގޮތުގައި ޕާކިސްތާނުގައި ސަތޭކަޔާއި ސަތޭކަވިއްސާއި ދެމެދުގެ އަދަދަކަށް ނިއުކުލިއަރ ބޮން އެބަހުއްޓެވެ. އިންޑިޔާގައި ހުރިކަމަށް އެފަރާތުން އަންދާޒާކުރަނީ ނުވަދިހަޔާއި ސަތޭކަދިހަޔަކާ ދެމެދުގެ އަދަދެކެވެ. ކޮންމެއަކަސް ނިއުކުލިއަރ ހަމަލައެއްދޭން ޕާކިސްތާނުން ނިންމައިފިނަމަ އެކަމަށް ބޭނުންކުރާނީ ބޮންއަޅާ ބޯޓެކެވެ. ނުވަތަ އެއްގަމުން ފޮނުވައިލެވޭ މިސައިލެކެވެ. ނިއުކުލިއަރ ހަތިޔާރުގެ ކޮމާންޑް އޮނިގަނޑުގައި އެންމެ އިސް ފަރާތަކީ ބޮޑުވަޒީރެވެ. ދެން އެއްގަމު ސިފައިންގެ ވެރިޔާއެވެ. އެންމެފަހު ބަހަކީ ބޮޑުވަޒީރުގެ ބަހެވެ.

ޕާކިސްތާނުގެ ނިއުކުލިއަރ ހަތިޔާރާމެދު ދުނިޔެއިން ކަންބޮޑުވާ ސަބަބުތަކެއް ހުރެއެވެ. ނިއުކުލިއަރ ޓެކްނޮލޮޖީ ވިއްކުމުގެ ބިރެވެ. ހަތިޔާރުގެ ސަލާމަތާއި ރައްކާތެރިކަން ކުޑަވުމުގެ ބިރެވެ. ޓެރަރިސްޓުންގެ އަތްމައްޗަށް މިއިން އެއްޗެއް އެރުމުގެ ބިރެވެ. މިހެންގޮސް އަދިވެސް ކިތަންމެ ބިރެކެވެ. މި ބިރުވެރިކަން އެންމެ ފުރަތަމަ ފެށުނީވެސް ޕާކިސްތާނުގެ ނިއުކުލިއަރ ޕްރޮގްރާމުގެ ބާނީ ޑރ އަބްދުލްގަދީރު ޚާނާއި ހަމައިންނެވެ. އޭނާ ވަނީ 2021 ވަނަ އަހަރު އަވަހާރަވެފައެވެ. ތިންވަނަ ދުނިޔޭގެ ގައުމުތަކަށް ނިއުކުލިއަރ ޓެކްނޮލޮޖީ ވިއްކުމުގައި އޭނާ އަދާކުރައްވާފައިވާ ދައުރަކީ ވަރަށްވެސް ނުރައްކާތެރި ދައުރެކެވެ. ނިއުކުލިއަރ ވައްކަމުގައި ޑރ އަބްދުލްގަދީރު ޚާންގެ ބައިވެރިވުން އޮންނަކަން ސާބިތުވެގެން ޕާކިސްތާނުންވެސް އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅައި ގޭބަންދުވެސް ކުރިއެވެ.

ޕާކިސްތާނުން ނިއުކުލިއަރ ހަތިޔާރު އުފެއްދީ އެތައް އަހަރަކަށް ކުރިއަށް ގެންދިޔަ ވަރަށް ވަރުގަދަ ނިއުކުލިއަރ ޕްރޮގްރާމެއްގެ ތެރެއިންނެވެ. މި ޕްރޮގްރާމް ފެށުނީ 1974 ވަނަ އަހަރުގެ މެއި 18 ވަނަ ދުވަހު އިންޑިޔާއިން އެގައުމުގެ ފުރަތަމަ ނިއުކުލިއަރ ޓެސްޓް ކުރުމުންނެވެ. ޕާކިސްތާނުގެ އޭރުގެ ބޮޑުވަޒީރު ޒުލްފިގާރު އަލީ ބުއްޓޫ ވިދާޅުވިއެވެ. ޕާކިސްތާނުގެ ރައްޔިތުން ހައިހޫނުކަންމަތީގައި ތިބެގެން ވިނަ ކާންޖެހުނަސް ނިއުކުލިއަރ ހަތިޔާރު އުފައްދާނަމެވެ. އެހެން ވިދާޅުވެފައި ފެއްޓެވި ޕްރޮގްރާމެކެވެ. ބުނެވޭގޮތުގައި އެންމެ ތިން އަހަރުގެ ތެރޭގައި ޕާކިސްތާނުން ނިއުކުލިއަރ ކެރިކުޅަދާނަކަން ހޯދިއެވެ. އަދި 1977 ވަނަ އަހަރުގެ ފަހުކޮޅު ފުރަތަމަ ޓެސްޓަށްވެސް ތައްޔާރުވިއެވެ. އެކަމަކު އެކަން މުއްދަތެއްނެތި ފަސްކުރީއެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރެއް ކަމުގައިވާ ބޭނަޒީރު ބުއްޓޫ 2009 ވަނަ އަހަރުގެ ތެރޭގައި ވިދާޅުވިއެވެ. އެކަމަނާ އެންމެ ފުރަތަމަ 1988 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވިއިރުވެސް ޕާކިސްތާނަށް ނިއުކުލިއަރ ހަތިޔާރު އުފެއްދުމުގެ ކެރިކުޅަދާނަކަން ލިބިގެންވެއެވެ. އެކަމަކު އެޒާތުގެ ހަތިޔާރު ނުއުފައްދައި ހިމޭނުން ތިބީއެވެ. ނިއުކުލިއަރ ޓެސްޓެއް ކުރުމާއެކު އެޒާތުގެ ހަތިޔާރު އުފައްދަން 1998 ވަނަ އަހަރު ނިންމީ އިންޑިޔާއިން އެއަހަރު ކުރި ޓެސްޓާއި ގުޅިގެން ރައްދެއްގެ ގޮތުން ކަމަށްވެސް ބޭނަޒީރު ވިދާޅުވެފައިވެއެވެ. ތެދެއްމެއެވެ. އެ ޓެސްޓެއް ކުރީ އިންޑިޔާގެ ޓެސްޓަށް ފަސްދުވަސް ފަހުންނެވެ. ބޭނަޒީރުގެ އިބާރާތުންނަމަ ޕާކިސްތާނުން އެންމެ ފުރަތަމަ ނިއުކުލިއަރ ޓެސްޓެއްކުރީ އެކަމުގެ ކެރިފޯރުންތެރިކަން ލިބުނުތާވެސް އެކާވީސް އަހަރު ފަހުންނެވެ.