ރާއްޖެއަކީ ބިމަށްވުރެ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށްވެފައި، ކަނޑަށް ނުކުމެ، ކަނޑުދަތުރުކުރަން ނުޖެހި މިތަނުގައި ދިރިއުޅުމަކީ ވަރަށް ނާދިރުކަމެކެވެ. ކޮންމެ ދެއަތޮޅެއްގެ ދެމެދުގައި މިއޮންނަނީ ކަނޑެވެ. ކަނޑު ހުރަސް ކުރުމަކީ މިގައުމުގައި ދިރިއުޅޭ މީހުންނަށް އެކަމަކުން ރެކިނުގަނެވޭނެ ކަމެކެވެ. އެހެންކަމުން، ފަތަން އެނގުމަކީ ރާއްޖޭގެ ކޮންމެ ފަރުދަކަށްވެސް ކޮންމެހެން އެނގުން ލާޒިމު ކަމެކެވެ.

އއ އުކުޅަހަށް އުފަން ނައުފަލް މޫސާއަކީ ރާއްޖޭގެ ކުދި ބޮޑު އެތައް ބަޔަކަށް ފަތަން ދަަސްކޮށްދީފައިވާ އަދި މިހާރުވެސް އޭނާގެ ރެއާއި ދުވާ އެކަމަށް ހޭދަކުރަމުން އަންނަ، ކަނޑާއި މޫދާ ރައްޓެހި، ރާޅުތަކަށް ފަރިތަ، އެމާހައުލު ދެކެ އިންތިހާއަށް ލޯބިވާ މީހެކެވެ.

ފަތަން ދަސްކޮށްދިނުމާއި ފެތުމުގެ އެކިކަހަލަ ކަންތައްތަކުގެ ތެރޭގައި ނައުފަލް އުޅެން ފެށީ ފަތަން އެނގުމުގެ މުހިންމުކަމާއި، ފަތަން ނޭނގުމުގެ ސަބަބުން ދިމާވެދާނެ ބިރުވެރި އަދި ހިތްދަތި ކަންތައްތައް އެނގި، އެކަން އިހުސާސްވުމުންނެވެ. އުމުރުން އެންމެ ސޯޅަ އަހަރުން ފެށިގެން ނައުފަލް އޭނާގެ ވަގުތުދޭން ފެށީ ފަތަން އެނގެން ބޭނުން ވެގެން އަންނަ ފަރާތްތަކަށް އެކަން ދަސްކޮށްދިނުމަށެވެ. ފަތަން ދަސްކޮށްދޭ ފަރާތަކީ އަނެކުންގެ އިހުތިރާމާއި އިތުބާރު އެންމެ ފުރިހަމައަށް ލިބިފައިވާ މީހަކަށް ވާން ޖެހޭނެއެވެ. ގިނަ ބަޔަކު ނައުފަލް ބަލައިގެންފައިވަނީ އެފަދަ މީހެއްގެ ގޮތުގައެވެ.

"ފަތަން ދަސްކޮށްދިނުމަށް ނައުފަލްސަރ ވަރުގެ ބެސްޓް ކޯޗެއް ނުހުންނާނެކަން އަޅުގަނޑަށް ޔަގީން. އެއީ ހަމަ އެއްވަނަ." ނައުފަލްގެ ދަރިވަރުން ބުނާ ގޮތުގައި ނައުފަލްގެ ކޯޗުކަން ފުރިހަމައެވެ. އެއްވެސް ރުޅިވެރިކަމެއް ނުވަތަ ފޫހިކަމެއް އެހެން ނޫނީ ވަރުބަލިކަމެއް ނައުފަލްގެ ފަރާތުން ދުވަހަކުވެސް ނުފެނެއެވެ.

ފެތުމުގެ ތެރެއަށް ނައުފަލް ނުކުތީ އަހުމަދިއްޔާ ސުކޫލުގެ 16 އަހަރުން ދަށުގެ ފެތުންތެރިއެއްގެ ގޮތުގައެވެ. އެހިސާބުން ފެށިގެން ފަތަން ދަސްކޮށްދިނުމުން ހިތްހަމަޖެހުމާއި އުފާ ހޯދަމުންދިޔަ ނައުފަލް ފެތުމުގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ފަށާފައި ވަނީ ދެހާސް ވަނަ އަހަރުގައެވެ. ރާއްޖެއިން ބޭރުގައި ތަމްރީނުތައް ފުރިހަމަކުރުމަށްފަހު ރާއްޖޭގެ ބައެއް ސުކޫލުތަކުގެ ހެޑްކޯޗުކަމާއި ބައެއް ކުލަބުތަކުގެ ހެޑްކޯޗުކަމުގެ އިތުރަށް، 2018 ވަނަ އަހަރު ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ހިންގުމާއި މީހުން ބިނާކުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލުކޮށްފައިވާއިރު، ރާއްޖެއަށް ނުހަނު ބޮޑު ފަހުރެއް ހޯދައިދިނުމުގައިވެސް ނައުފަލް ވަނީ ފެތުމުގެ ދާއިރާއިން މަސައްކަތްކޮށްފައެވެ. އެގޮތުން ރާއްޖޭގެ ގައުމީ ފެތުންތެރިންގެ ޓީމުގައި ހިމެނިގެން ރާއްޖެއިން ބޭރު، ސައުދީ އަރަބިއްޔާގައި، ނައުފަލް ވަނީ ރާއްޖެ ތަމްސީލުކޮށްދީފައެވެ. މިއީ ނައުފަލްގެ ހަޔާތުގެވެސް އެންމެ ބޮޑު، ފާހަގަކޮށްލެވޭ، މިހާތަނަށް ލިބުނު އެންމެ ބޮޑު ފަހުރު ކަމަށް ނައުފަލް ބުނެއެވެ.

އަތޮޅުތަކުގެ ރަށްރަށުގައިވެސް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާ ނައުފަލް މިހާރު ހުރީ ޅ.ހިންނަވަރުގައި ފަތަންދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ނިންމުމަށްފަހު އެއަތޮޅު ނައިފަރުގައެވެ. ހިންނަވަރުގެ ކުދިބޮޑު އެތައް ބަޔަކަށް ފަތަންދަސްކޮށްދިނުމަށްފަހު އޭނާ މިހާރު އެގެންދަނީ ނައިފަރުގެ ކުދިންނަށާއި މީހުންނަށް ފަތަން ދަސްކޮށްދެމުންނެވެ. ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ނައިފަރު ކައުންސިލް އިދާރާ އަދި ނައިފަރު ޕޮލިސް ސްޓޭޝަން ގުޅިގެން މަދަރުސަތުލް އިފްތިތާހުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްގައި ނުހަނު ކާމިޔާބު ކަމާއެކު ނިމިގެންދާ ކޮންމެ ދުވަހަކީ ވެސް ވަރަށް އުފާވެރި، އެހާމެ ހިތްހަމަޖެހޭ ދުވަހެއް ކަމަށް ނައުފަލް ބުންޏެވެ. ޅ. އަތޮޅުން ވެސް ނައުފަލްއާ މެދު ދެކެނީ ވަރަށް ރަނގަޅު ކޯޗެއްގެ ގޮތުގައެވެ.

އުމުރުން ސޯޅައަހަރުން ފެށިގެން މިހާތަނަށް އައިއިރު، މިވީ 22 އަހަރު ދުވަހުގެ ތެރޭގައި ނައުފަލް ފަތަންދަސްކޮށްދިނުމާ ދުރަށް ދިޔައީ ހަމައެންމެ ފަހަރަކު، މަޖުބޫރުވެ އެހެންގޮތެއް ނެތިގެންނެވެ. 2019 ވަނަ އަހަރު ޓީޖެޓީ ސަރަހައްދުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، އެންމެ ބޮޑަަށް ފިހުނު އެކަކީ ނައުފަލްގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. އެހެންކަމުން ކޮއްކޮގެ ބޭސްފަރުވާއަށް އިންޑިޔާއަށް ދާން ޖެހޭތީ، ނައުފަލަށް މަޖުބޫރުވީ އޭނާ ކިތަންމެ ލޯބިވާ ކަމަކަށްވިޔަސް، ފަތަންދަސްކޮށްދިނުމާ ކުޑަދުވަސްކޮޅަކަށް ދުރަށްދާށެވެ. ކޮއްކޮގެ ހާލު ރަނގަޅުވުމުން، ނައުފަލް އެނބުރި ފަތަންދަސްކޮށްދިނުމަށް އައީއެވެ.

މިވީ 22 އަހަރު ތެރޭގައި ފަތަން ދަސްކޮށްދެވުނު ކުދީންނާއި މީހުންގެ ސީދާ އަދަދު ނައުފަލަކަށްވެސް ނޭނގެއެވެ. އޭގެ މައިގަނޑު އެއް ސަބަބަކީ މި ކަން ފަށައިގެން އެންމެ ކުރީކޮޅު ކަމުގެ ރެކޯޑެއް އެ ގޮތަށް ބެލެހެއްޓިފައިވެސް ނެތީމައެވެ. އަދި އަމުދުން މި މަސައްކަތް ފެށިގެން އައީ ހޮބީއެއްގެ ގޮތުގައި ކަމަށްވާތީވެސްމެއެވެ. އެހެންނަމަވެސް އެކި އުމުރުގެ ބާވީހަކަށް ހާސް މީހުންނަށް ފަތަން ދަސްކޮށްދެވިފައި ވާނެކަމަށް ނައުފަލް ލަފާކުރެއެވެ.

"ހަމަގައިމުވެސް މަދެއް ނުވާނެ. ވިއްޔާ ވާނީ އިތުރު. " ނައުފަލް ބުންޏެވެ.

ނައުފަލަކީ ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމަށް، ސްވިމިންގ އެސޯސިއޭޝަނުން އެންމެ އިތުބާރާއެކު ގެންދެވޭ އެއް އިންޑްޓްރަކްޓަރެވެ. ސަބަބަކީ އެންމެ އަވަހަށް، އެންމެ ފަސޭހައިން، ޔަގީންކަމާއެކު، ކަމާވެގެން ގަޔާވެ އިހުލާސްތެރިކަމާއެކު ކުއްޖަކަށް ނުވަތަ މީހަކަށް ފަތަން ދަސްކޮށްދެވޭނެކަމަށް، އެތައްބަޔަކު އިއްތިފާގުވެ ގަބޫލުކުރާ އެކަކަށް ނައުފަލް ވާތީއެވެ. ފެތުމުގެ ބޭސިކް އަދި އެޑްވާންސްވެސް ނައުފަލް ކުރިޔަށް ގެންދެއެވެ.

ގައުމީ ހިދުމަތެއްގެ ގޮތުގައި އެތައް ބަޔަކަށް ހިލޭސާބަހަށްވެސް ފަތަން ދަސްކޮށްދީފައިވާ ނައުފަލަކީ އޭނާގެ ރެއާއިދުވާ މޫދާއި ކަނޑުގެ ލޮނުގަނޑާއި ރާޅުތަކުގެ ތެރޭގައި މަސައްކަތްކުރާ މީހަކަށްވިޔަސް، އޭނާއަކީ ޒިންމާދާރު ފިރިއެއްގެ އިތުރަށް ނުހަނު ލޮބުވެތި ބައްޕައެއްވެސްމެއެވެ. ކުރިއަށް ހުރި އަހަރުތަކުގައިވެސް، ފަތަން ދަސްކޮށްދިނުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެމުން ނައުފަލު އޭނާގެ އުންމީދުތަކާއި ހުވަފެންތައް ހިއްސާކުރަމުން ބުނިގޮތުގައި އޭނާގެ އެންމެ ބޮޑު އުއްމީދަކީ ރާއްޖޭގެ އެންމެ ގިނަ މީހުންނަށް ފަތަންދަސްކޮށްދެވުނު މީހާގެ ލަގަބު އޭނާއަށް ލިބުމެވެ.

ހަމައެއާއެކުގައި ސްވިމިންގ އެސޯސިއޭޝަނުގައި އޭނާ މިހާރު ކުރިއަށް އެގެންދާ ފަދަ ބޮޑު މަސައްކަތަކަށް ރަނގަޅު ބަޖެޓެއް ނެތުމާއެކު، ސަރުކާރުން އޭނާގެ މިމަސައްކަތް ބަލައިގަތުމަކީ ނައުފަލްގެ ވަރަށް ބޮޑު އުންމީދެކެވެ. ނައުފަލް އެދެނީ ސަރުކާރުން، މިދާއިރާގައި ކަންތައްތައް ކުރިއަރުވަން އެހީތެރިކަން ލިބި އަތޮޅުތެރޭގެ ރަށްރަށުގެ ކުދިންނަށް ފަތަން ދަސްކޮށްދިނުމަށްވެސް ސަރުކާރުގެ އެހީ ލިބިގެންދިއުމެވެ. މިއުއްމީދުތަކުގައި ސީދާ ސާފު ކުލައެއް ޖެހުމުގެ އިންތިޒާރުގައި ދުވަސްތައް ހޭދަކުރާ ނައުފަލަށް ލިބޭ އެންމެ ބޮޑު އުފަލަކީ އޭނާގެ ފަރާތުން އެހެން އެތައް ބަޔަކަށް ފައިދާ ކުރުވަނިވި ކަމެއް ކޮށްދެވޭކަމުގެ ރޫހާނީ އުފާވެރިކަމާއި ހަމަޖެހުމެވެ.