ސަރުކާރުގެ ފަރާތުން މުދަލާއި ހިދުމަތުން ނަގާ ޓެކްސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ފާސްކުރަން އެމްޑީޕީ ތްރީލައިން ވިޕެއް ނެރެފިއެވެ.

އެމްޑީގެ ޕީޖީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް "ވަން" އަށް މިއަދު ވިދާޅުވީ އެގޮތަށް ތްރީލައިން ވިޕެއް ނެރެފައިވަނީ މިއަދު ބޭއްވި އެމްޑީޕީ ޕީޖީ ގްރޫޕުގެ މެމްބަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

"އަޅުގަނޑުމެން ވާނެ ތްރީލައިން ވިޕެއް ނެރެފައި. ހުރިހާ މެމްބަރުން މަޖިލީހަށް ހާޒިރުވެ އެބިލް ފާސްކުރަން ވޯޓު ދެއްވުމަށް އަޅުގަނޑުމެން އެ ނެރުނީ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ޓެކްސް ބޮޑުކުރުމުގެ ބިލަށް ވޯޓު ދެއްވުމަށް ތްރީލައިން ވިޕެއް ނެރެފައިވާކަން އެމްޑީޕީގެ މެމްބަރުން ތިއްބަވާ ވަޓްސް އެޕް ގްރޫޕްގައި ހިއްސާކުރައްވާފައިވާ ކަމަށެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ބައެއް މެމްބަރުން އިއްތިފާގުން އެފަދަ ތްރީލައިން ވިޕެއް ނެރުނުއިރު، އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ޓެކްސް ބޮޑުކުރުމަށް ތާއީދުނުކުރައްވާ ކަން ވެސް ހާމަކުރައްވައިފައެވެ. ނަމަވެސް ނަޝީދު މީގެ ކުރިން ވަނީ ޓެކްސް ބޮޑު ކުރުމަށް އެމަނިކުފާނު ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އިތުރުކުރަން ނިންމާފައިވާކަން ސަރުކާރުން އިއުލާންކުރީ ޖުލައި މަހުގެ ކުރީ ކޮޅުގައެވެ. އަދި ތެލުގެ ސަބްސިޑީގެ އުސޫލު ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހު ވިދާޅުވެފައިއެވެ. އެފަދަ ބިލެއް ހުށަހަޅަނީ އިގުތިސޯދަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖޭގެ އިގުތިސޯދަށް ވަރަށް ބޮޑަށް ކުރަމުންދަތީ، އާމްދަނީ އިތުރުކުރަންކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރާ ބިލް މަޖީލީހުން ބަލައިގަނެފައިވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. އެ ބިލް ހުށަހެޅުއްވީ އިހަވަންދޫގެ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. އެ ބިލު ބަލައިގަތީ ޖަލްސާގައި ތިއްބެވި 42 މެމްބަރުންގެ ތެރެއިން 32 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އެ ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށް އަށް މެންބަރުން ވޯޓު ދެއްވިއެވެ. ބިލު އިތުރަށް ދިރާސާކުރުމަށް ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފައެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ފަށަން ނިންމާފައިވާ އެ ބިލުގައި ބުނެފައިވަނީ އެ އިސްލާހު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ހަރަދުގެ ސިޔާސަތުތަކާއި ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފި ނަމަ، އާމްދަނީން ރިކަރަންޓް ހަރަދުތައް ހަމަނުޖެއްސޭނެ ކަމަށް ފާހަގަވާތީ ދައުލަތަށް ލިބޭ އާމްދަނީން ހަރަދުތައް ހަމަޖެއްސުމަށް ކަމަށެވެ.