ޚަބަރު

ޔާމީން، ސަރުކާރުގެ ވެރީންނަށް: ޖަދަލުކޮށްލާނެ ހިތްވަރު ނެތްނަމަ ކަނޑިކި ލައިގެން ގޭގައި ތިބޭ

އަލީ ޔާމިން

2

މި ސަރުކާރުގެ ވެރީންނަށް އިދިކޮޅުން ދައްކާ ވާހަކަތަކާއި ކުރާ ތުހުމަތުތަކަށް ޖަދަލުކުރަން ނުކެރޭ ނަމަ ކަނޑިކިލައިގެން ގޭގައި ތިއްބަސް މާ ރަނގަޅުވާނެ ކަމަށް އިދިކޮޅު ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ވަށަފަރަށް މިއަދު ވަޑައިގެން އެރަށު ޕީޕީއެމް ޖަގަހަ ހުޅުވައިދެއްވައި ޔާމީން ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދިނުމުގެ ވާހަކަ އާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ވާހަކަ ދައްކައިގެން ކަމަށެވެ. އެކަންކަމަކީ އެމަނިކުފާނުގެ ވެރިކަމުގައި ފުރުސަތު ފަހިކޮށްދީފައިވާ ކަންކަން ކަމަށް ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، މި ސަރުކާރުން ސިޔާސީ މަސައްކަތް ކުރުމަށް އަދި ސިޔާސީ ވާހަކަތައް ދެއްކުމަށް ފިއްތުންތައް ކުރިމަތިކުރުވާ ކަމަށެވެ. އެ ފުރުސަތު ފަހިކޮށްނުދީ، ފުލުހުން ނެރެގެން އެތައް ބަޔަކު ހައްޔަރުކުރާ ކަމަށެވެ. އަދި ސަރުކާރުން އިހުމާލުވާ ކަންކަމުގެ ވާހަކަ ޕީޕީއެމުން އަބަދުވެސް ދައްކާނެ ކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ އެމީހުން އެދައްކާ ވާހަކަތަކަށް އަޅުގަނޑުމެން ތާއީދުކުރަން އެދޭކަމަށްވަންޏާ އަޅުގަނޑުމެން އެދޭ ކަންކަމުގެ ވާހަކަ ރައްޔިތުންނާ ހަމައަށް ގެންނަން އަޅުގަނޑުމެންނަށް ފުރުސަތު ދެވެން ޖެހޭނެ. އެއީ ސިޔާސީ މަސައްކަތަކީ. އެހެންވީމާ ސަރުކާރުގައި ތިބި ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަންބޭނުންވަނީ ފިރިހެނުންނަށް ވާން ކެރޭށޭ،" ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރުން ހިޔާލުފާޅުކުރަން ނުކުންނަ މީހުންގެ ދުލުގެ އިތުރުން މުޅި މީހާވެސް ޖަލަށްލާ ބަންދުކުރާކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، އެކަން ކުރަނީ ވާހަކަދެއްކިޔަ ނުދިނުމަށް ކަމަށެވެ. އަދި ވޯޓު ހޯދަން ދާ މީހާއަށް އެމީހާ ބޭނުންވާ ފުންމިނެއްގައި އެމީހެއްގެ ކަންކަން ރައްޔިތުންނަށް ވިސްނައިދިނުމުގެ ހައްގު ލިބެންވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ވާހަކަ ދައްކާ ގޮތަށް އަޅުގަނޑުމެންނާ ޖަދަލުކޮށްލުމަކީ އަޅުގަނޑު އެދޭ ގޮތް. އަޅުގަނޑުމެން މި ދައްކާ ވާހަކައަށް ހަމަ ޕޯޑިއަމްގައި ރައްޔިތުން ކުރިމަތީގައި ރައްޔިތުން ގެނެސްގެން ޖަދަލުކޮށްލަންވީ. އޭރުން އަޅުގަނޑުމެން އަނެއްކާވެސް އެއަށް ރައްދު ދޭނަން. އެހެންމަ އެވަރުގެ ފިރިހެންވަންތަ ކަމެއް ނެތިއްޔާ މި މީހުން ކަނޑިކިލައިގެން ގޭގައި ތިބިއްޔާ މާ ރަނގަޅުވާނެ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް މި ސަރުކާރުން ހުރަސް އަޅަނީ ސަރުކާރު ފެއިލްވެފައި އޮތުމުން، ސަރުކާރު ދަމަހަށްޓާނެ އިތުރުގޮތެއް ނެތިގެން ކަމަށެވެ.