ސަރުކާރުގެ އެއްވެސް ފައިސާއެއް ހޯދައިގެން ފެނަކަ ކޯޕަރޭޝަންގެ އެއްވެސް ކެޕިޓަލް ހަރަދެއް މިހާތަނަށް ކޮށްފައި ނުވާނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ، ސައީދުގެ އިތުރުން އެ ކުންފުނީގެ ޗެއާމަން މުހައްމަދު ރަޝީދަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށްފަހު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ވަހީދު (އިބުރޭ) އިސްތިއުފާ ދެއްވި މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާ ޕްރައިސަސް ކޮމިޓީ (އެސްއޯއީކޮމެޓީ)އަށް ހާޒިރުކޮށް ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ސައީދާ ސުވާލު ކުރައްވަމުން އިދިކޮޅު ޕީއެންސީގެ މެންބަރު ފެލިދޫ ދާއިރާގެ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، ފެނަކައަކީ ބްލީޑިން ކުންފުންޏެއް ކަމަށެވެ. އެހެންކަމުން ކޮންމެ އަހަރެއް ނިމޭއިރު އެތައް މިލިޔަން ރުފިޔާއެއް ދައުލަތަށް ދައްކަން އޮތް ނަމަވެސް، ފެނަކަ ފާހަގަވަނީ ދައުލަތުން ފައިސާ އަޅާ ކުންފުންޏެއްގެ ގޮތުގައި ކަމަށެވެ.

އޭގެ އިތުރުން އިންތިހާބުތަކާ ދިމާކޮށް، ތަނަށް ލިބޭ އާމްދަނީއާ ނުބައްދަލު މުވައްޒަފުން އެ ކޯޕަރޭޝަންގެ ވަޒީފާތަކަށް ނަގަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މެންބަރުގެ ވާހަކަތަކަށް ޖަވާބު ދެއްވަމުން، ސައީދު ވިދާޅުވީ، "މިހާތަނަށް މައި ސަރުކާރުގެ އެއްވެސް ފައިސާއެއް ހޯދައިގެން ފެނަކައިގެ އެއްވެސް ކެޕިޓަލް ހަރަދެއް ކޮށްފައެއް ނުވާނެ،" ކަމަށެވެ. އަދި ކުންފުންޏަށް އެކަށީގެންވާ އަދި ބޭނުން ނުވާ އެއްވެސް މުވައްޒަފަކު އެ ކުންފުންޏަށް ނަގާފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ. ފެނަކައަށް ރަށްރަށުން ލިބޭ އާމްދަނީއާ ނުބައްދަލު މުވައްޒަފުން ނަގާފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ފެނަކައަށް މުވައްޒަފުން ނަގަނީ، އެ ކުންފުންޏަށް ލިބޭ އާމްދަނީއަށް ބަލައި، އެތަނުން ދޭ ހިދުމަތްތައް ކުރިއަށް ގެންދަން ބޭނުންވާ މުވައްޒަފުން ކަމަށެވެ.

ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބުރޭ އިސްތިއުފާދެއްވާފައިވާ އިރު، ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި ޗެއާމަން މުހައްމަދު ރަޝީދަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި، އޭނާ ހުށަހަޅުއްވާފައިވާ ކަމަށްބުނާ އިސްތިއުފާގެ ސިޓީ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.