ސަރުކާރުގެ ހަރަދުތައް އިންތިހާއަށް ބޮޑުވުމުގެ ކަންބޮޑުވުން އަބަދުވެސް އޮވެއެވެ. އެއީ ލިބޭ އާންދަނީއާ ނުބައްދަލު ހަރަދުތައް ކުރާނަމަ ފައިސާ ހޯދަން ޖެހޭނީ ދަރަންޏަށް ކަމަށްވާތީއެވެ. ދައުލަތުގެ ދަރަންޏަކީ މުޅި ދިވެހި ރައްޔިތުންގެ މައްޗަށް ބެހިގެންދާ އެއްޗެކެވެ.
ސަރުކާރުގެ ހަރަދުތައް ބޮޑުވާ މައްސަލައިގައި އެންމެ ބޮޑަށް ވާހަކަ ދައްކަނީ ރައްޔިތުންގެ މަޖިލީހުގައެވެ. އެކަމުގައި އެންމެ ބޮޑަށް ވަކާލާތު ކުރުމުގެ ފުރުސަތުވެސް އޮންނަނީ މަޖިލިސް މެންބަރުންނަށެވެ. މި ދުވަސްވަރަކީ އެއަޑު އިތުރަށް ގަދަވެފައިވާ ދުވަސްވަރެކެވެ. އެއީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް ބަހުސް ކުރިއަށްދާތީއެވެ.
ސަރުކާރުން އަންނަ އަހަރަށް 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެއް، ހުށަހަޅާފައިވާއިރު، ހަރަދުގެ ގޮތުގައި ހިނގާނީ 40.6 ބިލިއަން ރުފިޔާ ކަމަށާއި، އެއީ ރިކަރަންޓު ހަރަދުގެ ގޮތުގައި 28.6 ބިލިއަން ރުފިޔާ، އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 14.1 ބިލިއަން ރުފިޔާ އަދި ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.1 ބިލިއަން ރުފިޔާ ކަމަށް ވަނީ ހިމަނައިފައެވެ.
ހިލޭ އެހީ ހިމަނައިގެން އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 32 ބިލިޔަންރުފިޔާ ލިބޭނެ ކަމަށް، އަންދާޒާ ކުރާއިރު ޑިފިސިތަކީ ގާތްގަނޑަކަށް 8.4 ބިލިޔަން ރުފިޔާކަމަށްވެސް ބަޖެޓުގައި ފާހަގަ ކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ބަޖެޓް ބަހުސްގެ ފުރަތަމަ ބައި މިދިޔަ ބުރާސްފަތި ދުވަހުގެ ރެއާ ހަމައަށް ނިންމާލާފައިވާއިރު މެންބަރުންގެ ވާހަކަތައް ދެކަފިވެފައިވާކަން ފާހަގަ ކުރެވެއެވެ. ބަޖެޓް ރަނގަޅުކަމަށް ބައެއް މެންބަރުން ފާހަގަކުރިއިރު އަނެއްބައި މެންބަރުން ބަޖެޓްގެ ދަރަނި އިތުރުވެގެންދާތީ އިންތިހާއަށް ކަންބޮޑުވުން ފާޅު ކުރިއެވެ ހަރަދު ކުޑަ ކުރުމަށްވެސް ގޮވާލައްވައެވެ. ނަމަވެސް މި ދެގޮތަށް ވާހަކަ ދެއްކެވި މެންބަރުންވެސް އެއްކަމަކަށް އެދިވަޑައިގަތެވެ. އެއީ އެ ބޭފުޅުންގެ ދާއިރާތަކަށް ބޭނުންވާ ބައެއް ކަންކަން ކުރުމަށް ބަޖެޓުގައި އިތުރަށް ފައިސާ ހިމެނުމަށެވެ.
ބަޖެޓަށް އެންމެ ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވި މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ މިބަޖެޓުން އެއްވެސް ކަމެއް ސާފު ނުވާ ކަމަށެވެ. ހާއްސަކޮށް މި ބަޖެޓާއެކު ދައުލަތުގެ ޖުމުލަ ދަރަނި 113.7 ބިލިޔަން ރުފިޔާއަށް އެރުމުގެ ކަންބޮޑުވުން އިލިޔާސް ފާޅުކުރެއްވިއެވެ. ވިދާޅުވީ، އާމްދަނީގެ ގޮތުގައި ލިބޭނީ 30 ބިލިޔަން ރުފިޔާ ކަމަށް ބަޔާންކޮށްފައިވާއިރު އޭގެ ހަތަރު ގުނައަށް ދަރަނި އިތުރުވެގެންދާ ކަމަށެވެ. އެ ދަރަނި ދައްކާނީ ކޮން ގޮތަކަށްތޯވެސް މެންބަރު ސުވާލު ކުރެއްވިއެވެ.
ނަމަވެސް މެންބަރު އިލިޔާސް ލަބީބުގެވެސް ހުށަހެޅުންތަކެއް އެބަހުއްޓެވެ.
ވިދާޅުވީ، ބަޖެޓުގައި ހިމެނޭ އެކި އެކި ސެކްޓާ ތަކަށް ބަލާއިރު އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ދެކެނީ ލޯކަލް ކައުންސިލްތައް ލާމަރުކަޒީ ނިޒާމަކުން ރާއްޖެ ހިންގުން ކަމަށެވެ. އަދި ވިދާޅުވީ "ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް 1.8 ބިލިޔަން ދިނުމަށް އެބައޮތް، އަޅުގަނޑު ހުށަހަޅަން މި 1.8 ބިލިޔަން ރުފިޔާ ދެގުނަ ކުރަން 3.6 ބިލިޔަން ރުފިޔާއަށް ބަދަލު ކުރަން،" ކަމަށެވެ.
މާލޭ ސިޓީއަށް މިހާރު އޮތް 181 މިލިޔަން ރުފިޔާ އާއި އައްޑޫ ސީޓީއަށް އޮތް 82 މިލިޔަން ރުފިޔާ އާއި ފުވައްމުލަކު ސިޓީއަށް އޮތް 51 މިލިޔަން ރުފިޔާ، އަދި ކުޅުދުއްފުށީ ސިޓީއަށް އޮތް 43 މިލިޔަން ރުފިޔާ ބޮޑުކުރުމަށްވެސް ހުށަހެޅުއްވިއެވެ. އޭގެ އިތުރުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ކޮމާޝަލް ބަނދަރު ތަރައްގީ ކުރުމަށް 90 މިލިޔަން ހިމަނައިދިނުމަށްވެސް ހުށަހެޅުއްވިއެވެ.
ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވެސް ވިދާޅުވީ، އެ ދާއިރާގެ ބައެެއް ޕްރޮޖެކްޓްތައް މަޑުޖެހިފައިވާކަމަށެވެ. އެހެންކަމުން އެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް ބަޖެޓުން އިތުރަށް ބާރު އެޅުމަށާއި، ތޮއްޑޫ މަގު ހެދުމާއި، އެންމެނަށް ކޭޓަކުރެވޭނެ ސިއްހީ ނިޒާމެއް އެރަށުގައި ނެތުމުން އެކަމަށް ބަޖެޓު ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ، "ޒުވާނުން ބޭނުންވޭ ރަނގަޅު ފެންވަރުގެ ވޮލީ ކޯޓެއް، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް، ސިންތެޓިކް ޓްރެކް، ރަސްދޫ ރައްޔިތުންނަށް ފަޅެއް ހިއްކައިގެންވިޔަސް ބޯހިޔާވަހިކަން ހޯދައިދޭން، ވެފައިވާ ވައުދު، އިތުރަށް ބޭނުންވާ 50 ހައުސިން ޔުނިޓް، އަދި މަގުހެދުމަށްވެސް ބޭނުންވޭ،" ކަމަށެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވިދާޅުވީ، އައްޑޫ ސިޓީއަށްވެސް ބައެއް ކަންކަން ބަޖެޓްގައި ހިމަނާފައިވާ ކަމަށެވެ. ނަމަވެސް ބޭނުންވާ އިތުރު ކަންތައްތައް ހުރުމާއެކު ބަޖެޓަށް ފައިސާ އިތުރުކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. އަހުމަދު ރަޝީދު ފާހަގަ ކުރެއްވި ބައެެއް ކަންތައްތަކުގެ ތެރޭގައި އައްޑޫ ސިޓީގެ ފުޓްބޯޅަ ސްޓޭޑިއަމް އިތުރަށް މަރާމާތު ކުރުމަށާއި، އެތަނުގައި ލައިޓް ޖެހުމުގެ އިތުރުން އެ ސިޓީގައި އުޅޭ ފަރުމަސްބާނާ މީހުންގެ ދޯނިފަހަރު އަޅާ ސަރަހައްދުގައި ތޮށިލުމާއި ހިތަދޫ ނޫރާނީ ސްކޫލްގައި އިތުރު ކުލާސްރޫމް ހެދުމަށް އިތުރަށް ފައިސާ ހިމަނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ދައުލަތުގެ ހަރަދު ބޮޑުކަމަށް ވިދާޅުވެ މެންބަރުން ދައްކަވާ ވާހަކަތަކަކީ އެކަމުގެ ކަންބޮޑުވުން އިންތިހާއަށް އޮތް ހަގީގަތެކެވެ. ނަމަވެސް ހަމަ އެ ނޭވާގައި އިތުރު ކަންކަން ކުރުމަށް ބަޖެޓަށް ފައިސާ އިތުރުކުރަން ހުށަހަޅުއްވުމަކީ ވެސް ކަންބޮޑުވާން ޖެހޭ ކަމެކެވެ.
މެންބަރުންގެ ވާހަކަތައް މިހެން ހުރިއިރު، ބަޖެޓާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނާއި، މަޖިލީހުގައި މެންބަރުން ކުރައްވާ ސުވާލުތަކާ ގުޅިގެން ދެއްވި ޖަވާބު ތަކުގައި، ރާއްޖެއާއި ދުނިޔޭގެ އިގްތިސާދީ ހާލަތާ ބެހޭގޮތުން ފިނޭންސް މިނިސްޓަރު ވަނީ ތަފްސީލީ މައުލޫމާތުތަކެއް ތަކުރާރުކުރައްވައި މެންބަރުންނާ ހިއްސާ ކުރައްވައިފައެވެ.
އެގޮތުން ކޮވިޑް 19 އާ ގުޅިގެން ރާއްޖެ އާއި ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވިއިރު، އެކަމުން އަރައިގަތުމަށް ސަރުކާރުން ކުރި މަސައްކަތުން ލިބެމުން އަންނަ ކުރިއެރުންތައް ފާހަގަ ކޮށްލެވެއެވެ. ހަމަ އެއާއެކު، ކޮވިޑްގެ ހާލަތުން ދުނިޔޭގެ ބައެެއް އިގްތިސާދުތައް އަރައިނުގަނެ އުޅެނިކޮށް ޔުކްރެއިން ރަޝިޔާ ހަނގުރާމަ ފެށުމުން ދުނިޔޭގެ އިގްތިސާދަށް މިވަގުތު ކުރިމަތިވެފައިވާ ގޮންޖެހުންތައްވެސް ހިމެނެއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، އެ ކަންތައްތަކާ ގުޅިގެން މި ދަނޑިވަޅުގައި ބޭރުން ލޯނު ހޯދުމަށް ދަތިވެފައިވާ ކަމަށެވެ.
އެ ކަންތައްތަކުގެ އިތުރުން "ޔޫކޭ އާއި ޔޫރަޕިއަން ޔޫނިއަންގައި، ކޮސްޓް އޮފް ލިވިން ކްރައިސިސްއާއެކު، އަދި އެމެރިކާގައިވެސް އަޅުގަނޑުމެންނަށް މި ފެންނަނީ އިންފްލޭޝަނަރީ ޕްރެޝަރުތަކާއެކު އިންޓްރެސްޓް ރޭޓްވެސް ބޮޑުވާތަން، އެއާ އެއްކޮށް އަޅުގަނޑުމެންނަށް ދުނިޔޭގެ ބާޒާރުން ފައިނޭންސް ހޯދުމުގައި މިހާރު ވަނީ ގާތްގަނޑަކަށް ހަމަ ވަރަށްގިނަ ދޮރުތައް ބަންދުވެފަ،" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށް އެތެރެއިން ކުރެވެން ހުރި ކަންތަކުގެ މުހިއްމުކަންވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެކަމަށްޓަކައި ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އާއި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ބޮޑުކުރަން ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ. ނަމަވެސް އެކަމަށްވެސް ބައެއް މެންބަރުން ދެކޮޅު ހައްދަވައެވެ. އޭގެ ތެރޭގައި ވެސް ހިމެނެނީ، ބަޖެޓަށް ފާޑުވިދާޅުވާ މެންބަރުންނެވެ. އެބޭފުޅުންނަށް ދަރަނި ބޮޑުވެގެނެއް ނުވެއެވެ. ކަން ކުރެވެން ޖެހެއެވެ. ޓެކްސްވެސް އިތުރުކޮށްގެން ނުވެއެވެ.
ދައުލަތުގެ ހަރަދު ބޮޑުވާއިރު ހަރަދު ކުޑަކުރުމުގެ އެންމެ ބޮޑު ބާރެއްވެސް ހަގީގަތުގައި އޮތީ ރައްޔިތުންގެ މަޖިލީހަށެވެ. ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުމުން އެ ދިރާސާކޮށް އެއަށް ބޭނުންވާ ބަދަލެއްގެނެސް މަޖިލީހުން ފާސްކުރާ ގޮތަކަށް ނޫނީ، ސަރުކާރަށް ބަޖެޓުން ހަރަދެއް ނުކުރެވޭނެއެވެ.
މި ހިނގާ 2022 ވަނަ އަހުރުގެ ބަޖެޓަށް ބަލައިލިއަސް އެކަން އެނގެއެވެ. ސަރުކާރުން މަޖިލީހަށް ހުށަހެޅީ 36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ޕީއެސްއައިޕީއަށާއި ބައެއް މުއައްސަސާތަކުގެ ބަޖެޓަށް 73 މިލިއަން ރުފިޔާ އިތުރުކޮށް މަޖިލީހުން ފާސްކުރީ 36.99 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ދައުލަތުގެ ހަރަދު ކުޑަ ކުރަންޖެހޭ ކަމަށް މަޖިލިސް މެންބަރުން ވާހަކަ ދައްކަވާއިރު އެބޭފުޅުންގެ އިހުލާސްތެރިކަމާމެދުވެސް ވިސްނައިލަން ޖެހެއެވެ. އެކަމުގައި ނަމޫނާ ދައްކަވަންޖެހިވަޑައިގަންނަވަނީ މަޖިލީހުން ކަމަށްވާތީއެވެ. ނަމަވެސް މަޖިލިސް މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުގެ ބަޖެޓުން ދާއިމަށް ދޭންޖެހޭ ގޮތަށް އޮންނަ އެލަވަންސް ކަނޑައިލަން މެންބަރުންނަކަށް ކެރިވަޑައެއްނުގަތެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ އަށްވަނަ މާއްދާ އިން، މަޖިލިސް މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ބޮޑެތި އިނާޔަތްތަކެއް ދައުލަތުން ދޭން ޖެހެއެވެ.
އޭގެ ތެރޭގައި އެއް ދައުރު މެންބަރުކަން އަދާކޮށްފައިވާ މީހަކަށް މެންބަރުކަމުގެ މުސާރައިގެ 30 ޕަސެންޓް، ދެ ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް މުސާރައިގެ 45 ޕަސެންޓް މާލީ އިނާޔަތުގެ ގޮތުގައި ކޮންމެ މަހަރު ދައުލަތުން ދޭން ޖެހެއެވެ. އެއާއެކު މަޖިލިސް މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރެންސް ސްކީމުގެ ދަށުން، މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް ބޭސްފަރުވާ ކޮށްދޭންވާނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ. މަޖިލިސް މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް އޮފިޝަލް ޕާސްޕޯޓު ލިބެން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މި އިނާޔަތްތައް ކަނޑައިލުމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމު މިދިޔަ މަހު މަޖިލީހަށް ހުށަހެޅުއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ގެންނަ އިސްލާހެއްގެ ގޮތުގައި، އުޝާމު ހުށަހެޅުއްވީ އެ ގާނޫނުގެ އަށްވަނަ މާއްދާ އުވައިލުމަށެވެ.
އުޝާމް އެ ބިލު މަޖިލީހަށް ހުށަހެޅުއްވުމުން ހުޅުވައިލި ބަހުސްގައި ބިލަށް ވާހަކަ ދެއްކެވީވެސް އެންމެ ހަތަރު މެންބަރުންނެވެ. އެއީ މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ރަޝީދު (ބޮނޑޭ) އާއި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުގެ އިތުރުން ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފެވެ. އޭގެ ތެރެއިން ވެސް އެބިލަށް ތާއީދު ކުރެއްވީ ޔައުގޫބު އެކަންޏެވެ.
ޔައުގޫބު ވިދާޅުވީ، އެއީ ދިރި ދެމިގެންވާ މަޖިލީހެއް ކަމަށެވެ. މަޖިލީހުގައި އަބަދުވެސް މެންބަރުން ތިބޭނެ، ކަމަށާއި، މަޖިލީހުގެ ގަވާއިދު ހަމަޖެހިފައި އޮތްގޮތުން މުސާރަ އާއި އިނާޔަތްތައް އަދި އެހެނިހެން ކަންކަން ވެސް މެންބަރުންނަށް ހަމަޖެހިގެންދާނެ ކަމަށެވެ.
ނަމަވެސް "އަޅުގަނޑު މިތާގައި ފަސް އަހަރު ނޫނީ 10 އަހަރުގެ ދައުރެއް އަދާކުރީތީވެ އަޅުގަނޑުގެ އުމުރުގެ ބާކީ އޮންނަ ހުރިހާ ދުވަހަކަށް އިނާޔަތާއި، ހުރިހާކަމެއް ލިބެންޖެހޭ ކަމަކަށް ގަބޫލެއް ނުކުރަން، އަޅުގަނޑަށް ރަނގަޅީ މިކަން ބަދަލު ކުރެވިގެން ދިއުން،" ކަމަށް ޔައުގޫބު ވިދާޅުވިއެވެ.
މަޖިލީހުގެ މެންބަރުކަން ކުރެއްވީތީ، އެމީހެއްގެ އުމުރުގެ ބާކީ އޮންނަ ހުރިހާ ދުވަހަކަށް މި އިނާޔަތާއި ހިމާޔަތާއި ރައްކާތެރިކަން އެގޮތުގައި ދޭންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ޔައުގޫބު ވިދާޅުވިއެވެ.
ނަމަވެސް ބޮނޑޭ ވިދާޅުވީ، ތެދުވެރި މެންބަރުންނަށް މިހާރު ލިބެމުން އަންނަ 15 ހާސް ރުފިޔާ ކަނޑާލަން ނޭދޭ ކަމަށެވެ. "އެގޮތަށް އެއްޗެއް ނުދޭގޮތަށް އޮވެއްޖެއްޔާ އެމީހުންވެސް، ދެން އަންނަ ބަޔަކުވެސް އެ ލިބޭ ފުރުސަތުގައި ހިޔާނާތްތެރިވާން އުޅޭނެ، މިހާރު އެއްްޗެއް ލިބުނީމަ އެބަތިބޭ، އެހެންވީމަ އަޅުގަނޑު މި އިސްލާހަށް ތާއީދު ނުކުރާ ވާހަކަ ދަންނަވަން،" ކަމަށްވެސް ވިދާޅުވިއެވެ.
އިހަވަންދު ދާިރާގެ މެންބަރު ޝިފާއު ވިދާޅުވީ، އިނާޔަތާއި ހިމާޔަތް ލިބޭ ހަމައެކަނި ބަޔަކީ މަޖިލިސް މެންބަރުން ނޫން ކަމަށެވެ. "އެމްއެންޑީއެފް ޕޮލިސް ކަހަލަ ތަންތަނުގައިވެސް އެލަވަންސްތައް ލިބޭ، ފަނޑިޔާރުންނަށްވެސް ލިބޭ، އެކަން ކަމުނުދާ ކަމަށް ވަންޏާ ހުރިހާ ދާއިރާއެއްް އެއްގޮތް ކުރަންޖެހޭ، ހަމައެކަނި މަޖިލިސް މެންބަރުންށަށް އަމާޒު ކޮށްގެން މި އިސްލާހު ގެނައުމަކީ ރަނގަޅުގޮތެއް ނޫން، މިއަދު އަޅުގަނޑުމެން މިތަނަށް ވަދެ ތިބެ މީގެކުރީގަ މި ގައުމަށްޓަކައި އެތައް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅުންގެ ހައްގަކަށް އަރައިގަތުން އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެއީ ހަމަޖެހޭ އުސޫލެއް ކަމަކަށް، ތާއީދެއް ނުކުރެވޭ،"
ދެދުވަސްމަތިން ފުރުސަތު ހުޅުވާލައިގެންވެސް އިތުރު މެންބަރަކު މި ބިލަށް ބަހުސް ނުކުރުމުން، މި ބިލު މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އެހިއެވެ.
ފަސްދޮޅަސް ދެ މެންބަރުން ތިއްބެވި އެ ޖަލްސާގައި ބިލު ބަލައިގަންނަން ވޯޓު ދެއްވީ އެންމެ ފަސް މެންބަރުންނެވެ. އެއީ އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި، ޖޭޕީގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިނާއި އެމްއެންޕީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި އެ ޕާޓީގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ އިތުރުން އަމިއްލަ މެންބަރެއް ކަމަށްވާ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ. އެ ބިލު ބަލައިނުގަތުމަށް 31 މެންބަރުން ވޯޓު ދެއްވިއެވެ. ބިލު ބަލައިގަތުމަށް ބޭނުންވަނީ 19 މެންބަރުންގެ ވޯޓެވެ.
ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ބަލައިލި ނަމަވެސް 59 މެންބަރަކު މިހާރު އޮތް 19 ވަނަ މަޖިލީހަށް އިންތިހާބު ނުވެދިޔައެވެ. އެ ބޭފުޅުންގެ ތެރޭގައި ދެ ދައުރަށްވުރެ ގިނަ ދުވަހު މަޖިލިސް މެންބަރުކަން ކުރެއްވި ބޭފުޅުންވެސް ހިމެނެއެވެ. ނަމަވެސް އެ އަދަދުން އެއްދައުރު މެންބަރުކަން އަދާކުރެއްވި ބޭފުޅުންނަށް ދައުލަތުން ދޭ އެލަވަންސަށް ބަލައިލި ނަމަވެސް އަހަރަކު ނުވަ މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދުވެއެވެ. ފަސް އަހަރު ދުވަހަށް ބަލައިލާއިރު އެއީ 45 މިލިޔަނަށްވުރެ ގިނަ ރުފިޔާއެވެ.
އެހެންކަމުން ދައުލަތުގެ ހަރަދު ބޮޑު ކަމަށާއި، ހަރަދު ކުޑަކުރަން ޖެހޭކަމަށް ކިތަންމެ ގަދައަޑަކުން މަޖިލީހުގައި ގޮވި ނަމަވެސް ތިމާމެންނަށް ލިބެން އޮތަތީ އިނާޔަތް ކަނޑާލަންވެސް މެންބަރުންނަކަށް ކެރިވަޑައެއް ނުގަންނަވައެވެ. ރައްޔިތުންނަށް ބޭނުންވަނީ ހަމަހަމަ ގޮތްތަކެކެވެ. އިންސާފުވެރި ބެހުމެކެވެ. ވަކި ބަޔަކަށް ވީތީ ވަކި ގޮތެއް ނޫނެވެ. މުސާރަތައް ވެސް އިނާޔަތްތައްވެސް ހާމަނައިޒް ކުރަން ވީއެވެ. ލަސްވެއްޖެއެވެ. މެންބަރުކަން ކުރީތީއޭ ކިޔާފައި ދައުލަތުން ހަރަދުކުރާކަށް ނުޖެހެއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް