ހުޅުލޭގައި ހުރި ކޮންޓެއިނަރެއް ތެރޭ އަންހެނަކު ރަހީނުކުރި މައްސަލައިގެ ތަހުގީގު ފުރިހަމަކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއެކު މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަސައްކަތް ކުރާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ)ގެ މުވައްޒަފަކު ހަފުތާއެއް ވަންދެން ކޮންޓެއިނަރެއްގެ ތެރޭގައި ކިޑްނެޕްކޮށްގެން ގެންގުޅުނު މައްސަލަ އާންމުކުރީ ޕަބްލިކް އިންޓްރެސްޓު ލޯ (ޕީއައިއެލްސި)ކިޔާ ލޯފާމަކުންނެވެ. މިއީ ހިލޭ ސާބަހަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ބައެކެވެ.

ޕީއައިއެލްސީން ބުނީ މި މައްސަލައިގައި ފުލުހުންގެ ފަރަތުން އެއްބާރުލުން ނުލިބޭ ކަމަށް އަންހެން މީހާ މައުލޫމާތު ދީފައިވާ ކަމަށެވެ.

މި ކަމާ ގުޅިގެން "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ އެއާޕޯޓުގެ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނެއްގެ މުދަލަށް މިއަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު ގެއްލުންދިން މައްސަލައެއް އެ މަހުގެ 23 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު ނިންމައި މައްސަލަ ނިންމި ގޮތުގެ ރިޕޯޓު މައްސަލަ ހުށަހެޅި ފަރާތަށް ހަވާލު ކުރި ކަމަށްވެސް އޮފިސަރު ވިދާޅުވިއެވެ.

އޮފިސަރު ވިދާޅުވީ އެ ކޮންސްޓްރަކްޝަން ސައިޓެއްގައި ހުރި ކޮންޓެއިނަރެއްގެ ތެރޭގައި އެ އަންހެން މީހާ ރަހީނުކުރި ކަމަށް ބުނާ މައްސަލައެއް މިއަހަރުގެ ޖޫން މަހުގެ ހަ ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ހުށަހެޅުމާއެކު މައްސަލައިގެ ތަހުގީގު ފަށައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ސުވާލުކުރަން ޖެހޭ ފަރާތްތަކާ ސުވާލުކޮށް ތަހުގީގު ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން އޮފިސަރު ވިދާޅުވީ މި މައްސަލައާ ގުޅިގެން ޕީޖީއާއެކު މަޝްވަރާކޮށް ތަހުގީގުގައި އިތުރަށް ފުރިހަމަ ކުރުމަށް ލަފާދީފައިވާ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ޕީއައިއެލްސީން ބުނީ އުމުރުން 35 އަހަރުގެ ޗައިނާއަށް ނިސްބަތްވާ މި އަންހެން މީހާއަށް މީލް ޕެކް ކާން ދިން ނަމަވެސް ބޯ ފެން ފޯރުކޯށްދީފައި ވަނީ ވަރަށް މަދުން ކަމަށް އަންހެން މީހާގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭނާ އެ ކޮންޓެއިނަރު ތެރޭގައި ބަންދުކޮށްފައި ހުއްޓާ ސަލާމަތްވީ އޭގައި ހަދާފައި ހުރި ކުޑަދޮރެއް ކަހަލަ ތަނަކުން އެތައް ފަހަރެއްގެ މަތިން މަސައްކަތް ކޮށްގެން ކަމަށްވެސް އޭނާ ބުނެފައިވާ ކަމަށެވެ.