ޔޫރަޕުގެ ޗެމްޕިއަން އިޓަލީ މިފަހަރުގެ ވޯލްޑްކަޕުން ނުފެންނާނެއެވެ. ކޮލިފައިނުވީއެވެ. މިއީ ވޯލްޑްކަޕަށް ކޮލިފައިނުވެ އިޓަލީ ވިދިވިދިގެން ކެޓި ދެވަނަ ފަހަރެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު އެއްބާރުކަމަށްވާ އިޓަލީއާ ނުލައި މިކުޅެނީ ޖެހިޖެހިގެން ދެވަނަ ވޯލްޑްކަޕެވެ. އިޓަލީއަކީ ޔޫރަޕުގެ އެންމެ ފަހުގެ ޗެމްޕިއަންކަމަށްވެފައި އިޓަލީއާ ނުލައި ވޯލްޑްކަޕް ކުޅެވިގެންވެސް ނުވާނޭ ކަމަށް އަދި ވޯލްޑްކަޕް ފުރިހަމަވެސް ނުވާނޭ ކަމަށް ގަބޫލުކުރާ މީހުން ވަރަށް ގިނައެވެ. އިޓަލީ ކޮލިފައިނުވީ ޕްލޭއޮފްގައި ނޯތު މެސެޑޯނިޔާ އަތުން ބަލިވުމުންނެވެ. ފުޓްބޯޅަޔާ މެދު ދިރާސާކުރާ ވަރަށް ގިނަ ބަޔަކު ދެކޭގޮތުގައި މިވަގުތު އިޓަލީގެ ހާލަތު ވަޒަންކުރުމަށް އޮތް ތިލަފަތަކީ ޔޫރޯގެ ކާމިޔާބެއް ނޫނެވެ. އެ ތިލަފަތަކީ ވޯލްޑްކަޕަށް ކޮލިފައިނުވެ ކެޓުމެވެ. ނޯތު މެސެޑޯނިޔާ އަތުން ބަލިވި ގޮތެވެ.

އިޓަލީއަކީ މިފަހަރުގެ ވޯލްޑްކަޕަށް ކޮލިފައިނުވެ ކެޓި ގައުމުތަކުގެ ތެރެއިން އެންމެ މަޝްހޫރު ގައުމެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ބޮޑެތި ބާރުތަކުގެ ތެރެއިން މި ވޯލްޑްކަޕަށް ކޮލިފައިނުވި އެންމެ ބޮޑު ބާރަކީވެސް އިޓަލީއެވެ. ވޯލްޑްކަޕްގެ ތަށި މިހާތަނަށް ހަތަރު ފަހަރު އުފުލާލާފައިވެއެވެ. ޔޫރަޕުގެ ގައުމުތަކުގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ނުވަތަ ޔޫރޯ އެންމެފަހުން އިޓަލީން ކާމިޔާބުކުރީ މުބާރާތުގެ ފަަައިނަލް މެޗު ކުޅެވުނު އިންގްލެންޑް ބަލިކޮށްފައެވެ. މަޝްހޫރު ވެމްބްލީ ސްޓޭޑިއަމްގައެވެ. އެހަނދާންތައް އައުވާތީވެސް ތޯއްޗެކެވެ. މި ވޯލްޑްކަޕަށް އިޓަލީ ކޮލިފައިނުވުމަކީ ދުނިޔޭގެ ފުޓްބޯޅައަށް ލިބުނު ހިތާމައެކޭ ސިހުމެކޭ ކިޔެނީއެވެ. އިޓަލީއާއި ނުލައި ވޯލްޑްކަޕް ފުރިހަމަ ނުވާނޭ ކަމަށް ބުނެ ޝަކުވާކުރަން ޖާގަވެސް ލިބެނީއެވެ.

އިޓަލީ ނެތީމާ ދެރަވާނެއެވެ. މޮޅިވާނެއެވެ. އިޓަލީއަކީ އަބަދުވެސް ދުނިޔޭގެ ފުޓްބޯޅައިގެ ސްޓައިލް ޗެމްޕިއަނެވެ. ފުޓްބޯޅައިގެ ދުނިޔެއަށް އައު ފެޝަންތައް އަބަދުވެސް ގެންނަނީ އިޓަލީންނެވެ. ޖޯޒީވެސް ފެޝަންވެފައި ރީތިވާނެއެވެ. ކުޅުންތެރިންގެ ހެއަރ ސްޓައިލްވެސް ޒަމާނީވެފައި ޗާލުވާނެއެވެ. މުޅި މުބާރާތުގައި އަންހެންވެރިން އެންމެ ބޮޑަށް ދެކެން ބޭނުންވާ ޓީމަކަށްވެސް ވޯޓުލައިގެން ގިނަފަހަރު ހޮވޭނީ އިޓަލީއެވެ. އިޓަލީއަކީ ޑިފެންސް ކުރުމުގައި އަބަދުވެސް އެންމެ ޑިސިޕްލިން ރަނގަޅުވެފައި އުސޫލުތައް ތަރައްގީކުރާ ޓީމެވެ. މިވަރުގެ ބަޔަކު ނެތީމާ މޮޅިވާން ޖެހޭނެއެވެ. އެކަމަކު ކުރިންވެސް ބަޔާންކުރެވުނު ފަދައިން އިޓަލީ ކޮލިފައިނުވީ މުހިއްމު ސަބަބުތަކެއް ހުރެގެންނެވެ. ބިންގަލުގައި ރެނދުތަކެއްލައިފައި ހުރުމުންނެވެ. ކޮލިފައިން ބުރުގައި ގްރޫޕުގެ އެއްވަނަ ނުލިބުނީ އެހެންވެގެންނެވެ. ޕްލޭއޮފަކަށް ދާންޖެހުނީ އެހެންވެގެންނެވެ. ޕްލޭއޮފްގައި ފޭލިވާންޖެހުނީވެސް އެހެންވެގެންނެވެ.

ވޯލްޑްކަޕުގެ ތާރީޚަށް ޖެހިލާއިރު މިޒާތުގެ ވެއްޓުމެއް މީގެކުރިން އިޓަލީއަށް ތަޖުރިބާކުރަން ޖެހުނީ 1958 ގައެވެ. އެފަހަރު ކޮލިފައިނުވެ ފޭލިވީއެވެ. އެއީ ލިބުނު ފިލާވަޅަކަށް ބަލައިގެން 2014ގެ ނިޔަލަށް ވިދިވިދިގެން ސާދަ ވޯލްޑްކަޕްގައި އިޓަލީ ވަނީ ކުޅެފައެވެ. އެ ސާދަ ފަހަރުގެ ތެރެއިން ދެ ފަހަރު އިޓަލީވަނީ ތަށިވެސް ހޯދައިފައެވެ. މިހާ ކާމިޔާބު ސިލްސިލާއެއް ދެމިގެން އައިސް 2018 ވަނަ އަހަރު މި ސިލްސިލާ ވަނީ މެދުކެނޑިފައެވެ. ރަޝިޔާގައި އެއަހަރު ބޭއްވުނު ވޯލްޑްކަޕަށް އިޓަލީ ކޮލިފައިނުވީއެވެ. ގިނަބަޔަކު ހީކޮށްގެންތިބީ އެފަހަރު އެހެންވިޔަސް 2022 ގައި އިޓަލީ އެނބުރި އަންނާނެ ކަމަށެވެ. އެކަމަކު ވިދިވިދިގެން ދެވަނަ އަހަރުވެސް ފޭލިވީއެވެ. މިހެންވެދާނެ ކަމަށް މީހަކު ހުވަފެނުންވެސް ނުދެކެއެވެ. އެހެންވީމާ ދެރަވާނެތާއެވެ.

އިޓަލީގެ މިވެއްޓުމަކީ 2018 އިން ފެށިގެން ދެމިގެން އަންނަ ސިލްސިލާއެއް ނޫނެވެ. މިވެއްޓުމުގެ ކޮޅުމަތި އޭގެ މާކުރިންވެސް ވަނީ ފެނިފައެވެ. އިޓަލީއަށް 2006 ވަނަ އަހަރުގެ ވޯލްޑްކަޕް ތަށި ލިބުނު ފަހުން ވޯލްޑްކަޕްގެ ނޮކައުޓް މެޗެއް ކާމިޔާބެއް ނުކުރެވެއެވެ. ގްރޫޕް ފިޔަވަހީގެ މެޗަކުންވެސް މޮޅުވެވިފައިވަނީ 2014 ވަނަ އަހަރު އިންގްލެންޑް އަތުން އެކަންޏެވެ. ޔޫރަޕުގެ ފުޓްބޯޅައިގެ ފެންވަރު އަންގައިދޭ މުބާރާތް ކަމުގައިވާ ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ތަށި އިޓަލީގެ ކުލަބަކަށް ނުގެންދެވޭތާވެސް އެގާރަ އަހަރު ވެއްޖެއެވެ. ހުސްވި ސީޒަނުގައި ކުއާޓަރ ފައިނަލާ ހިސާބަށްވެސް އިޓަލީގެ ޓީމަކަށް ނުދެވުނެވެ. އެހެންވީމާ އެންމެފަހުގެ ޔޫރޯ ކާމިޔާބުކުރިއަކަސް އިޓަލީގެ ފުޓްބޯޅައިގެ ތަނބުތަކުގައި ރެނދުލާފައިވާކަން މާކުރީންވެސް ވަނީ އެނގެން ފަށަައިފައެވެ.

ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި އިޓަލީއަށް މިވަގުތު ދިމާވެފައިވާ މައްސަލައިގެ އަސްލަކީ ޔޫތު ޑިވެލޮޕްމަންޓްގެ ބައި ދަށްވުމެވެ. ޔޫރަޕުގެ ބޮޑެތި އެހެން ބާރުތަކުން މިދާއިރާއަށް އިސްކަންދޭ ވަރަށް އިޓަލީގައި އެކަން ކުރާތީއެއް ނުފެނެއެވެ. އަދި އިޓަލީގެ ބޮޑެތި ކުލަބުތަކުންވެސް އިޓަލީގެ ޒުވާން ކުޅުންތެރިންނަށް އެކަށީގެންވާ ފުރުސަތު ދެމުންދާތީއެއް ނުފެނެއެވެ. ނަތީޖާއެއްގެ ގޮތުން އިޓަލީގެ ގައުމީ ޓީމުގައި ގިނައީ އުމުރުން ތިރީސްއަހަރުން މަތީގެ މީހުންނެވެ. ކިއެލީނީއާއި ބޮނޫޗީ ފަދަ ކުޅުންތެރިންނެވެ. ޓީމު ޒުވާންކުރުމުގެ ގޮތުން އައު ވިސްނުމަކަށްދާން ކޯޗު ރޮބާޓޯ މެންޗީނީއަށް މަޖުބޫރުވީ މިފަހަރު ނޯތު މެސެޑޯނިޔާ އަތުން ބަލިވެ ވޯލްޑްކަޕް ގެއްލުނު ހިސާބުންނެވެ. މިހާރު ޒުވާން ކުޅުންތެރިންނަށް ފުރުސަތު އެބަދެއެވެ.