މިއަހަރުގެ މިހާތަނަށް ސަރުކާރުން 28 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސުން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ 28.33 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ސަރުކާރުން ހަރަދުކޮށްފައިވަނީ 24 ބިލިއަން ރުފިޔާއެވެ. މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ސަރުކާރުގެ ހަރަދުތަކަށް ފާސްކޮށްފައިވަނީ 34.1 ބިލިއަން ރުފިޔާއެވެ.
ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ސަރުކާރުން ރިކަރަންޓް އެކްސްޕެންޑިޗާގެ ގޮތުގައި 20.9 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. ރިކަރަންޓް އެކްސްޕެންޑިޗާ އަކީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި ދުވަހުން ދުވަހަށް ހިދުމަތް ދިނުމަށާއި ރައްޔިތުންނަށް އެކިއެކި ކަންކަމުގައި އެހީ ފޯރުކޮށްދިނުމަށް ކުރާ ހަރަދުތަކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ރިކަރަންޓް އެކްސްޕެންޑިޗާގެ ގޮތުގައި ހަރަދު ކޮށްފައިވަނީ 17.7 ބިލިއަން ރުފިޔާއެވެ.
ސަރުކާރުގެ ވުޒާރާތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް އެންމެ ބޮޑު ހަރަދުތަކެއް ކޮށްފައިވަނީ މިނިސްޓްރީ އޮފް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިންނެވެ. ހައުސިން މިނިސްޓްރީން ޖުމުލަ 4.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އެއީ އެ މިނިސްޓްރީއަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ އިތުރު އަދަދެކެވެ. ހައުސިން މިނިސްޓްރީއަށް މި އަހަރު ބަޖެޓުކޮށްފައިވަނީ 3.9 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އަހަރު ނިމެން އަދި ތިން މަސް ބާކީ އޮއްވައި ހައުސިން މިނިސްޓްރީގެ ބަޖެޓު އެވަނީ ހުސްވެ، އިތުރަށްވެސް ހަރަދުކޮށްފައެވެ.
ދެވަނައަށް އެންމެ ހަރަދު ބޮޑު ހަރަދެއް ހިނގާފައި ވަނީ އެޑިޔުކޭޝަނުންނެވެ. އެޑިއުކޭޝަނުން އަހަރުގެ މިހާތަނަށް 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު އެ މިނިސްޓްރީއަށް މިއަހަރު ބަޖެޓުކޮށްފައިވަނީ 3.1 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު އެމުއްދަތުގައި އެޑިއުކޭޝަނުގެ ހަރަދުތަކަށް ހިނގާފައިވަނީ 2.09 ބިިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓަށްވެސް މިއަހަރު 10.45 ބިލިއަން ކަނޑައަޅާފައިވާއިރު އެ ބަޖެޓުންވެސް މިހާރު 10.17 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މި ބަޖެޓަކީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ މުވައްޒަފުންނާއި މުވައްޒަފުންގެ އަނބިދަރީންގެ ލިވިން އެލަވަންސާއި ފެމިލީ އެލަވަންސް ދިނުމަށާއި ޓީ ބިލްއާއި ޓީ ބޮންޑްގެ އިންޓްރެސްޓަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށާއި ސަބްސިޑީ ދިނުން ފަދަ ކަންތައްތަކަށް ބޭނުންކުރާ ބަޖެޓެވެ.
މި މުއްދަތުގައި ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ވެސް 4.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ޕީއެސްއައިޕީ މަޝްރޫއުތަކަށް މިއަހަރު ކަނޑައަޅާފައިވަނީ 6.3 ބިލިއަން ރުފިޔާއެވެ. ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އައި ލޮޅުމާއިއެކު ދައުލަތުގެ ހަރަދު ކުޑަކުރި ނަމަވެސް ޕީއެސްއައިޕީ މަޝްރޫއުތައް ސަރުކާރުން ހުއްޓާލާފައެއް ނުވެއެވެ. އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައިވެސް ޖުމުލަ 3.6 ބިލިއަން ރުފިޔާ ވަނީ އެ މަޝްރޫއުތަކަށް ހަރަދުކޮށްފައެވެ.
ކެޕިޓަލް ހަރަދުގެ ގޮތުގައި މިއަހަރަށް ޖުމުލަ 9.2 ބިލިއަން ރުިފޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު، ތަފާސްހިސާބުތައް ދައްކާގޮތުން އޮކްޓޯބަރު ހައެއްގެ ނިޔަލަށް ކެޕިޓަލް ހަރަދުގެ ގޮތުގައިވެސް 7.3 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު