ދެހާސް ވިހިވަނަ އަހަރު ގާނޫނީ ވަކީލުކަމުގެ ހާއްސަ ހުއްދަ ދިން ގާނޫނީ ވަކީލުން ބާ އިމްތިހާނު ހަދަން ނުޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުން މިގޮތަށް ފާސްކުރީ ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އުޝާމް ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހެޅި އިސްލާހު މިއަދު މަޖިލީހުން ފާސްކޮށްގެންނެވެ.
ގާނޫނަށް 2020 ވަނަ އަހަރު ގެނައި އިސްލާހަކާ ގުޅިގެން ބާ އިމްތިހާނެއް ބޭއްވެންދެން އެހާތަނަށް ކިޔަވާ ނިމިފައި ތިބި މީހުންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގުމަށްފަހު އެ ތަމްރީނުތައް ފުރިހަމަކުރި ވަކީލުންނަށް ހާއްސަ ހުއްދައެއް ދިނެވެ. ނަމަވެސް ގާނޫނު އޮތް ގޮތުން އެ އިމްތިހާނުގައި އެ މީހުން ބައިވެރިވުމަކީ ލާޒިމުކަމެކެވެ.
އެހެންކަމުން އުޝާމް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ގާނޫނުގައިވާ އެ މާއްދާ އުނިކުރުމަށެވެ.
މި ބިލާއެކު ދައުލަތުގެ ވަކީލުންގެ ސުލޫކީ ކަންކަން ހިމެނޭ ގޮތަށް ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ އެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި ދެ އިސްލާހު ފާސްކުރީ އެކުއެކީގައި އެއް ބިލެއްގެ ގޮތުގައެވެ.
ޔޫނުސް އަލީ ހުށަހެޅުއްވި ބިލުގައި ވަނިީ ވަކީލުންގެ ސުލޫކީ މައްސަލަ ބެލުުމުގެ އިތުރުން، ބާ ކައުންސިލުގެ މާލީ ކަންކަން ހަމަޖައްސާނެ ގޮތް ތަފުސީލުކޮށްފައެވެ.
ޚަބަރު
ޚަބަރު