މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ރާއްޖެއިން ބޭރުން ދިވެހިން އެންމެ ގިނައިން ފަރުވާ ހޯދާފައިވަނީ ކެންސަރަށްކަމަށް އާސަންދައިން ބުނެފިއެވެ.

އާސަންދައިން މިކަން ހާމަކުރީ މައުލޫމާތު ލިބިގަތުމުގެ ގާނޫނުގެ ދަށުން "ވަން"އިން އެދިގެން އާސަންދައިން ފޯރުކޮށްދީފައިވާ މައުލޫމާތުގައެވެ.

އޭގައިވާ ގޮތުން މިދިޔަ އަހަރުވެސް އަދި މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުވެސް ރާއްޖެއިން ބޭރުން އެންމެ ގިނައިން ދިވެހިން ފަރުވާ ހޯދާފައިވަނީ ކެންސަރު ބައްޔަށެވެ. އަދި އޭގެތެރެއިން ވެސް މިއަހަރު އެންމެ ގިނައީ އުރަމަތީ ކެންސަރަށް ފަރުވާ ހޯދި މީހުންނެވެ.

އެގޮތުން އުރަމަތީ ކެންސަރަށް އެކަނިވެސް 5.19 މިލިއަން ރުފިޔާ ވަނީ މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު އާސަންދައިން ހަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އުރަމަތީ ކެންސަރަށް ހަރަދުކޮށްފައިވަނީ 1.8 މިލިއަން ރުފިޔާއެވެ. އެހެން ކަމުން މިއީ 3.39 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އުރަމަތީގެ ކެންސަރު ޖެހޭ މީހުންގެ އަދަދު ނިސްބަތުން މިއަހަރު ގިނަކަން ޑޮކްޓަރުން ވެސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ދުނިޔޭގެ އުރަމަތީ ކެންސަރު ދުވަހުގައި ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާދޭ ޑޮކްޓަރުން ދެއްވީ ވަރަށް ނުރައްކާތެރި އިންޒާރެކެވެ. އެގޮތުން ދުނިޔޭގެ އެހެން ގައުމުތަކުގައި އުރަމަތީގެ ކެންސަރު ޖެހޭ އުމުރުން ދުވަސްވީ މީހުން ގިނަ ނަމަވެސް ރާއްޖޭގައި މި ބަލި ޖެހެނީ ޒުވާން އަންހެނުންނަށް ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. އަދި ހާއްސަކޮށް ދަރިމައިވުމުގެ އުމުރުގެ އަންހެނުން މި ބަލި ޖެހޭ މިންވަރު ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ. އެހެންކަމުން މިއީ ކަންބޮޑުވެ، ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަ ކޮށް ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމެއް ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ދެން އެންމެ ގިނައިން ފަރުވާ ހޯދާފައިވަނީ ލޭގެ ކެންސަރަށެވެ. އެކަމަށް އާސަންދައިން ހަރަދުކޮށްފައިވަނީ 5.18 މިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން އަނގައިގެ ކެންސަރު ބަލީގެ ފަރުވާއަށް 1.26 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ފުއްޕާމޭގެ ކެންސަރު ބަލީގެ ފަރުވާއަށް ދެ މިލިއަން ރުފިޔާވަނީ ހަރަދުކޮށްފައެވެ. އަދި ކުރިމަތިފަރާތަށް ޖެހޭ ކެންސަރު ބަލީގެ ފަރުވާއަށް 2.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ތައިރޮއިޑު ކެންސަރު ބަލީގެ ފަރުވާއަށް 2.4 މިލިއަން ރުފިޔާގެ އިތުރުން އޯވަރީ ކެންސަރު ބައްޔަށް 1.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ފަަކަށް އައިސް ކެންސަރު ބަލީގެ އިތުރުން ދިވެހިންގެ ތެރޭގައި އެންމެ އާންމު އެއް ބައްޔަކީ ކިޑުނީ ބައްޔެވެ. އެގޮތުން ކިޑުނީގައި ހިލަ އުފެދިގެން އޭގެ ފަރުވާއަށް 3.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ކިޑުނީގެ އެކި އެކި ބަލިތަކަށް ދެ މިލިއަން ރުފިޔާ އާސަންދައިން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ވަނީ ހަރަދުކޮށްފައެވެ.