ލޯކަލް ކައުންސިލްތަކުގެ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވަންޖެހޭ ގޮތް ހެދުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް ބަލައިގަނެފިއެވެ.
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި އެ ބިލުގައި ވަނީ އެ އިންތިހާބުތައް ބާއްވާނީ އެއިން ކައުންސިލެއްގެ ނުވަތަ ކޮމިޓީއެއްގެ ގޮނޑި ހުސްވިކަން އަންގާތާ ގިނަވެގެން 365 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކަމަށާއި ނަމަވެސް ކައުންސިލުގެ ނުވަތަ ކޮމިޓީގެ ގާނޫނީ އަދަދު ހަމަވާ މިންވަރަށް މެންބަރުން ނެތް ހާލަތެއްގައި 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށެވެ.
ގާނޫނުގައި މިހާރު އޮންނަނީ ކައުންސިލް އަދި ޑަބްލިޔުޑީސީން ހުސްވާ ގޮނޑިއަށް މީހަކު އިންތިހާބު ކުރުމަށް ބާއްވަންޖެހޭ ބައި-އިލެކްޝަންތައް 60 ދުވަހުގެ ތެރޭގައި ބާއްވަންވާނެ ކަމަށެވެ.
ގާނޫނަށް މި އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައި ވަނީ އަވަސް އަވަހަށް ބައި-އިލެކްޝަންތައް ބާއްވަން ޖެހުމުން އެކަމަށް ކުރަންޖެހޭ ހަރަދު ބޮޑުވެ، ދައުލަތުގެ ހަރަދު ބޮޑުވަމުންދާތީއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ، މިދިޔަ އަހަރު އަންހެނުންގެ ކޮމިޓީތަކުގެ 11 ބައި-އިލެކްޝަން އަދި މި އަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 20 ބައި-އިލެކްޝަން ބާއްވާފައިވާ ކަމަށެވެ. އަދި އިންތިހާބުތަކަށް އީސީއަށް 1.5 މިލިއަން ރުފިޔާގެ ބަޖެޓެށް ކަނޑައަޅާފައިވާ އިރު، އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވައިގެން މި އަހަރު މިހާތަނަށް 1.4 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށްްވެސް ބުނެފައިވެއެވެ.
މި ބިލު މަޖިލީހަށް ބަލައިގަތުމުން އިތުރަށް ދިރާސާކުރުމަށް ވަނީ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު