ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ރާއްޖޭގައި ބާއްވާ "ލި-ނިންގް މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް 2022" އަކީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ މި އަހަރުގެ ބީޑަބްލިއުއެފް ކޮންޓިނެންޓަލް ސާކިޓްގައި ހިމެނޭ މުބާރާތެކެވެ. މި މުބާރާތް ބާއްވަނީ ބީޑަބްލިއުއެފްގެ އިތުރުން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ބެޑްމިންޓަން އޭޝިއާ ގުޅިގެން ބާއްވާ މުބާރާތެކެވެ.

ބީޑަބްލިއުއެފް ކޮންޓިނެންޓަލް ސާކިޓް އެކުލެވިގެން ވަނީ ތިން ލެވެލްއަކަށް ބަހާލެވިފައިވާ 70 މުބާރާތުގެ މައްޗަށެވެ. މި ލެވެލްތަކަކީ އިންޓަނޭޝަނަލް ޗެލެންޖް (ލެވެލް 1)، އިންޓަނޭޝަނަލް ސީރީޒް (ލެވެލް 2) އަދި ފިއުޗާ ސީރީޒް (ލެވެލް 3) އެވެ. ކޮންމެ މުބާރާތަކުންވެސް މޮޅުވާ ކުޅުންތެރިންނަށް ބީޑަބްލިއުއީއެފްގެ ޕޮއިންޓް ސިސްޓަމްގެ ދަށުން ތަފާތު ރޭންކިން ޕޮއިންޓް ލިބޭނެއެވެ.

މި މުބާރާތުގެ ރާއްޖޭގައި ބޭއްވޭ އިންޓަރނޭޝަނަލް ޗެލެންޖް ކުރިއަށް ދާނީ މާދަމާއިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް މާލެ ކުޅިވަރު އެކުވެނީގައެވެ. ރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ 25 ގައުމެއްގެ ކުޅުންތެރިން މި މުބާރާތުގައި ބައިވެރިވާނެއެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތަކުރަމުން އަންނަނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި ދިވެހި ކުޅުންތެރިންނަށް އާ ފުރުސަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އެހީތެރިވެ، އެއްބާރުލުން ދިނުމަށް ކަމަށެވެ.