(10 އޮކްޓޫބަރުގެ އަދަދާ ގުޅޭ)

ޢާންމު މުސްލިމުންގެ އާރެއްބާރެއް ނެތުމާއި ނިކަމެތިކަމުގެ ޒަމާން ހައްތާވެސްއައީ ދިގުވަމުންނެވެ. ޖުމްހޫރިއްޔަތުގެ ތޯތާތައް ޢަރަބި ޤައުމުތަކުގެ ޢަސްކަރީންގެ ކޮށިތަކުގައި ފިޔަތަޅަމުން ގެންދެއެވެ. ދީނީ ޚިދުމަތުގައި އުޅޭ ޖަމާޢަތްތަކުގެ އަތްދަނޑިތަކާއި މުލައްދަނޑިތައްވަނީ ފާރުވެފައެވެ. ޒަޚަމުވެފައެވެ. ޢަރަބި ޤައުމުތައް ތުރުކިޔޭގެ ދަށުން ނެއްޓިގަތީ އެއްވަނަ ބޮޑުހަނގުރާމަޔަށް ފަހުގައެވެ. ޢަރަބީން އިސްލާމީ ތުރުކިޔޭއިންނާ ވަކިވެގަތުމުގެ ޙަރަކާތް ހިންގައިލީ ހުޅަނގުގެ އިޝާރަތަށެވެ. ތުރުކިޔޭއިންނާ ވަކިވެގެން ޢަރަބީން އުފެއްދި ސަރުކާރުތަކަކީ ގޮށްމުށުބާރުގެ ސަރުކާރުތަކެކެވެ. ނުވަތަ ވިރާސީ ރަސްކަމެވެ. ޖުމްހޫރިއްޔަތުގެ ދައުރުގައި ޖުމްހޫރިއްޔަތު ޗިސްކުރުމުގައި ޤަރުނުތަކެއް ހޭދަކުރެވުމަކީ އެކަށީގެންވާކަމެއް ނޫނެވެ. ތޫނިސާއި މިސުރާއި ލީބިޔާއާއި ސޫރިޔާއާއި ޢިރާޤާއި ޔަމަނުގެ ޑިކްޓޭޓަރ ސަރުކާރުތަކަކީ އިސްލާމީ މިޒާޖާ މުޅީން ޚިލާފު ސަރުކާރުތަކެކެވެ. ޝައްކެއްނެތެވެ. ރަސްކަމަކީވެސް އިސްލާމީ ސިޔާސީ ނިޒާމާ ހަމައެޅޭ ކަމެއްނޫނެވެ. ނަމަވެސް ޢަރަބީންގެ ތެރެއިން ރަސްކަން ޤާއިމުވެފައިވާ ތަންތާނގައި ޢާންމުންތިބީ ފުދުންތެރިކަމުގައެވެ. ދިރިއުޅެމުން ގެންދަނީ ހިތްހަމަޖެހިލައިގެންނެވެ. ގޭގައި މުދަލާއި ފައިސާގެ ތިޔާގިކަން އެބައޮތެވެ. އެހެންކަމުން ބަހުގައި ބުނެވޭގޮތުގައި ރައްޔިތުން ތިބެނީ ހަމަޖެހިލައިގެންނެވެ. ޢިލްމުވެރީންވެސް ތިއްބަވަނީ ހިތްޕުޅު ހަމަޖެހިވަޑައިގެންނެވެ. ސިޔާސަތާއި ޙުކޫމަތުގެ ފެންވަރުގައި ނޫންކަމުގައިވިޔަސް އެހެންކަންކަމުގައި އިސްލާމީ ޤާނޫނުވެސް ތަންފީޒުކުރެވެއެވެ.

ކަންމިހެން ހުރުމާއެކު ޢަރަބި ބަހާރު ފެށުނީ ޖުމްހޫރިއްޔަތެއްވެސްނެތް ރައްޔިތުންގެ ޖީބުތަކުގައި ތިޔާގިކަމެއްވެސް ނެތް ޤައުމުތަކުންނެވެ. އެޤައުމުތަކުގެ ޢިލްމުވެރީންވެސް ގެންދެވީ ޝަކުވާ ކުރައްވަމުންނެވެ. އެބޭކަލުންނާ ދެކޮޅަށް އަނިޔާވެރިކަމުގެ އުޑިދިޔައީ އެނބުރެމުންނެވެ. ނަތީޖާއެއްގެގޮތުން ސަރުކާރާ ދެކޮޅަށް ބަޣާވަތްކުރުމުގައި އެންމެން ބައިވެރިވިއެވެ. އެންމެކުރިޔަށް ނުކުމެތިބީ ދީނީ ތަޙްރީކުތަކުގެ މެމްބަރުންނެވެ. އެކަމަށްޓަކައި ޤުރުބާންވުމުގައިވެސް އެންމެކުރިޔަށްތިބީ އެބައިމީހުންނެވެ. އެހެންކަމުން ޢަސްކަރީ ޑިކްޓޭޓަރުން ބަލިކޮށްލެވުމުން ވެރިކަން އަންނާންވެސްއޮތީ އެމީހުންގެ އަތްމައްޗަށެވެ. އެއީ އިސްލާމްދީން ނަގަހައްޓައި ބާރުވެރިކުރާން ބޭނުންވާ މީހުންނެވެ. ޢަސްކަރީ ޑިކްޓޭޓަރުންނާ ދެކޮޅަށް އިދިކޮޅު ޕާޓީއެއްގެ ރޯލު އަދާކުރަމުން ގެންދިޔައީ އެބައިމީހުންނެވެ. ޢަރަބި ބަހާރު ކާމިޔާބުވުމުގެ އަސަރު ތޫނިސުން ފެންނާން ފެށިއެވެ. މިސުރުންވެސް އިންޤިލާބުގެ ކަނިތައް ފާޅުވާން ފެށިއެވެ. حـسنِـى مـبــارك އަށް މިސުރުގެ ވެރިކަމުން ދުރުވެވަޑައިގަންނަވާން ޖެހިވަޑައިގެންފިއެވެ. އެއާއެކުއެކުގައިހެން ސޫރިޔާގެ بـشّـــارالأســـــد ގެ ބަގީޗާގައިވެސް ހުޅުރޯވާން ފަށައިފިއެވެ. މިސުރާއި ސޫރިޔާގައި އިންޤިލާބު ކާމިޔާބުވެ އިސްލާމީ ޚިޔާލުގެ މީހުންނަށް ވެރިކަމުގައި ދެމިތިބެވިއްޖެކަމުގައިވާނަމަ އެކަންވާނީ އިސްރާއީލުގެ ދެމިއޮތުމަށް ކުރިމަތިވާ ނުރައްކަލަކަށެވެ. އޭރުން މެދުއިރުމަތީގައި އައުތާރީޚެއް އުފެދޭންފަށާނެކަމީ ކަށަވަރު ކަމެކެވެ. އެހެނީ އިޚްވާނުންނަކީ 1948 ގައި އިސްރާއީލާ ދެކޮޅަށް ޖިހާދުކުރި މުޖާހިދުންނެވެ. މިސުރުން އިޚްވާނުން ނުހުއްޓުވިނަމަ ފަލަސްޠީނަށް ވެރިވެތިބި (ޤައުމުތަކުގެ ކުނިބުނި) ކަމުގައިވާ ޔަހޫދީންނަށް ޖެހުނީހީ ލެއާއި ހިރަފުހުން ތަތްތެޅިފައިވާ ތަންމަތިބޮނޑިތައް ހިފައިގެން ފަލަސްޠީނުން ބޭރުވާށެވެ.

ފަލަސްޠީނުގައި މިހާރު ޖިހާދުކުރަމުން އެގެންދާ ޙަމާސް ޖަމާޢަތުގެ ބާރުގެ މަންބަޢަކީވެސް إخـــوان المسلـميــن އެވެ. އިސްލާމީ ފިކުރުގެ މީހުން ކުރިޔަށް ފިޔަވަޅު އަޅަމުން ދާންފެށުމުން ދުނިޔޭގެ ބޮޑެތި ބާރުތަކުން ގަތީކީ އަމަށަކު ބިރެއް ނޫނެވެ. ނަތީޖާއެއްގެގޮތުން މަކަރުވެރި ރޭވުންތަކެއް ރާވައިލިއެވެ. މިސުރުގެ އިންތިޚާބީ ރައީސް محــمّـد المــــرسِــــى ގެ ޖުމްހޫރީ ސަރުކާރު ވައްޓައިލައިފިއެވެ. ޢަރަބި ހުރިހައި ރަސްރަސްކަލުންނަށް ފުރޭތަދައްކައިގެން ބިރުގަންނަވައިލިއެވެ. "ތިޔަބޭފުޅުންގެ ރަސްކަންވަނީ ނުރައްކަލުގެ ތެރޭގައެވެ. ތިޔަބޭފުޅުންގެ ސަލާމަތް އެދިވަޑައިގަންނަވާކަމުގައިވާނަމަ އިޚްވާނުންނާއި ޙަމާސް ޗިސްޗިސްކޮށްލައްވާށެވެ. އިޚްވާނުންނާއި ޙަމާސުގެ އިސްވާރުންނަށް ޙިމާޔަތްދޭ މީހުނާ ގުޅުން ކަނޑުއްވައި އެކަހެރިކޮށްލައްވާށެވެ." ރަސްރަސްކަލުންގެ އަރިހުގައި އިސްލާމްދީނަށްވުރެ ލޮބުވެތިކަންބޮޑީ އެބޭފުޅުންގެ ރަސްކަމެކެވެ. އެހެންކަމުން އެބޭފުޅުން ބޮޑެތި ބާރުތަކާ އަތުގުޅައިލެއްވިއެވެ. އެހައިތަނުން ފެށިގެން ހިނގަމުންމިދާ ހުރިހައިކަމެއްގެ ނާރެހަކީ އެއީއެވެ. ހުޅަނގުގެ ބާރުތަކުން ނުހަނު ޗާލާކު ކަމާއެކު بـشّـــارالأســـــد މަގާމުގައި ދެމެހެއްޓި ސަބަބަކީ މިއީއެވެ. އިޚްވާނުން ނުވަތަ އިޚްވާނުންގެ ވިސްނުން ގެންގުޅޭ ބަޔަކު ވެރިކަމަށް އަޔަނުދިނުމަށްޓަކައެވެ. އިސްރާއީލުގެ މަޞްލަޙަތާ ޚިލާފު ކަމަކަށް އެކަންވާނެތީއެވެ.

ހުޅަނގުގެ ރޭވުންތަކަކީ ވަރަށްވެސް "ފުއްކުދި އެއްޗެކެވެ. ކަވިއެއްޗެކެވެ." އެހެންކަމުން ޢަރަބި ރަސްރަސްކަލުންނަކަށް ސޫރިޔާގެ މައްސަލައިގައި ނަތީޖާއެއް ހާސިލުވާކަހަލަ ފައްސި ރޯލެއް އަދައެއް ނުކުރެއްވެވުނެވެ. އެބޭފުޅުން ވިސްނައިވަޑައިގެންނެވިއިރު بـشّـــار އާ ބައިވެރިވެވަޑައިގެންފި ކަމުގައިވާނަމަ ލާބައާއި މަންފާކުރާނީ އީރާނަށެވެ. ބާޣީ ގުރޫޕުތަކާ ބައިވެރިވެވަޑައިގެންފި ކަމުގައިވާނަމަ އިޚްވާނުން ވެރިކަމަށް އަތުވެދާނެއެވެ. މިދެގޮތުގައިވެސް އެބޭފުޅުންގެ ރަސްކަމަށްއޮތީ ނުރައްކަލެވެ.

ގަލްފުގެ ޤައުމުތަކުގެ މުޖާހިދުންގެ ބަޔަކު އެބައިމީހުންގެ އިސްލާމީ ޖަޒުބާތުގެ ސަބަބުން ސޫރިޔާގެ ޖިހާދުގައި ބައިވެރިވިއެވެ. އެއީވެސް ގަލްފުގެ ރަސްރަސްކަލުންގެ މޭފުޅު ކެރިކަމެކެވެ. އެ މުޖާހިދުންގެ އެނބުރިއައިސް އެބޭފުޅުންގެ ރަސްކަމާ ދެކޮޅަށް ޖިހާދުކުރާން ފަށައިގެންފާނެތީއެވެ. އިސްލާމީ ސިޔާސީ ނިޒާމުގައި ރަސްކަމަށް ޖާގައެއް ނޯންނާތީއެވެ. އެހެންކަމުން ސޫރިޔާއަށްދިޔަ މުޖާހިދުންނަށް އެނބުރި އައުމުގެ އަމުރު ނެރުއްވިއެވެ. ސޫރިޔާއިން އެނބުރި ނާންނަ މީހުންގެ ރައްޔިތުންކަމުގެ ޙައްޤު ނިގުޅުއްވާނެކަން އިޢުލާން ކުރެއްވިއެވެ.

ސޫރިޔާ ސަރުކާރުގެ އަނިޔާވެރިކަމަކީ ދުނިޔޭގެ ތާރީޚުގައި ވަރަށް މަދުންމެނުވީ ނުފެންނަފަދަ އަނިޔާވެރިކަމެކެވެ. އެތަކެއް ލައްކަ މުސްލިމުން ކަތިލައިލިއެވެ. ޒަޚަމުކޮށްލިއެވެ. ޤައުމު ދޫކޮށް ހިޖުރަކުރާން މަޖުބޫރު ކުރުވިއެވެ. ޤައުމުގެ އެކިއެކި ސަރަޙައްދުތަކުގެ މުޅި އާބާދީ ޙިޞާރުކުރިއެވެ. ރައްޔިތުންގެ ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި ކުއްތާއާއި ބުޅަލުގެ މަސްކާން މަޖުބޫރު ކުރުވިއެވެ. އިސްލާމީ ޝަރީޢަތުގައިވާގޮތުން ސޫރިޔާއާ ދެކޮޅަށް ޖިހާދުކުރުމަކީ އިސްލާމީ އުންމަތުގެ މައްޗަށް ވާޖިބު ކަމެކެވެ. ޚާއްޞަކޮށް އަވަށްޓެރި ޢަރަބި ދައުލަތްތަކުގެ މައްޗަށް އެކަމުގެ ވާޖިބުކަން ބޮޑެވެ. ޝައްކެއްނެތެވެ. މިޒަމާނުގެ ބައިނަލްއަޤްވާމީ ޤާނޫނުތައް އެކަމަށް ހުރަސްއަޅައެވެ. އެކަމަކު ސޫރިޔާ ސަރުކާރުން ކެމިކަލް ހަތިޔާރު ބޭނުންކުރުމުން އެމެރިކާއިން ފިޔަވަޅުތަކެއް އެޅިއެވެ. މިދެންނެވި ޤާނޫނުތަކަށް ބެލުމެއްނެތިއެވެ. ނުހަނު ހަނި ދާއިރާއެއްގައި ވިޔަސްވެހެވެ. އެކަމަކު ޤުރްއާނީ ޙުކުމުގައި އެބައެއްގެ މައްޗަށް ސޫރިޔާއާ ދެކޮޅަށް ޖިހާދު ފަރުޟުވެފައިވާ އަވަށްޓެރި އިސްލާމީ ދައުލަތްތަކުން "ކަހާތަން ހިރުވައިވެސް ނުލިއެވެ." އިންޒާރުކޮށް ބިރުގަންނަވައިގެން އެބައިމީހުންގެ ރައްޔިތުން އަނބުރާ ގެނައެވެ. މުޖާހިދުންގެ ޖިހާދުގެ ޖަޒުބާތު މުސްތަޤްބަލުގައި އެބޭފުޅުންގެ އަމިއްލަ އިސްތަށިފުޅުގެ ރިހުމަކަށް ވެދާނެތީއެވެ. ސޫރިޔާގެ އަވަށްޓެރި މުސްލިމް ޤައުމުތަކުގެ މައްޗަށް ޖިހާދު ފަރުޟުވާކަމުގެ މައްޗަށް ދަލީލުކުރާ އާޔަތެއްގެ މާނަ، ތިރީގައި މިދަންނަވަނީއެވެ.

"އަދި، اللّــه ގެ މަގުގައްޔާއި، އަދި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދީންގެ ތެރެއިން، ނިކަމެތިވެގެންވާ މީހުން ސަލާމަތްކުރުމުގެ މަގުގައި، ތިޔަބައިމީހުން ހަނގުރާމަ ނުކުރާންވީ ކީއްވެގެންހެއްޔެވެ؟ އެއުރެންނީ (މިފަދައިން) ދުޢާކުރާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އެރަށުގެ އަހްލުވެރީން އަނިޔާވެރިވެގެންވާ ރަށުން އަޅަމެއް ނެރުއްވައިފާނދޭވެ! އަދި، އިބަރަސްކަލާނގެ ޙަޟުރަތުން ވާގިވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ! އަދި، އިބަރަސްކަލާނގެ ޙަޟުރަތުން ނަޞްރުވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ!" (ســورة الـنّسـاء: 75)

އާދެ، މަތީގައިއެވާ މަތިވެރި އިލާހީ އަމުރުފުޅާއެކުވެސް ސޫރިޔާގެ ޢާންމުން ހަނާވަމުންދިޔައިރު ޢަރަބި ރަސްރަސްކަލުން ކުރެއްވިކަމެއްނެތެވެ. ކުޅިބައްލަވާން ތިއްބެވީއެވެ. އެނިކަމެތީންނަށް އެއްވެސްކަހަލަ އެހީފުޅެއް ވެވަޑައިގެންދެއްވާކަށެއް ތައްޔާރުވެވަޑައެއް ނުގެންނެވުނެވެ. ފަލަސްޠީނުގެ މުސްލިމް ރައްޔިތުންނާމެދުވެސް އެބޭފުޅުން ގެންގުޅުއްވީ ހަމަ އެ ސުލޫކެވެ. އެބޭފުޅުން ވާހަކަފުޅު ދައްކަވަނީ އެމެރިކާއާއި އިސްރާއީލުގެ އަޑުދަށުންނެވެ. "ހިޒް މާސްޓަރސް ވޮއިސް" އިން ވިދާޅުވަނީ ޙަމާސަކީ ނިރުބަވެރީންކަމުގައެވެ. އިސްލާމްދީނުގެ ސިޔާސީ ނިޒާމުގެ މިންގަނޑަށް ފެތިވަޑައިގެންނެވުމަކީ އެބޭފުޅުންގެ އަތްޕުޅު ފޯރާވަރަށްވުރެ މަތީފެންވަރުގެ ކަމެކެވެ. ޙަޤީޤަތަށް ދަންނަވާނަމަ ޢަރަބި ރަސްރަސްކަލުން ތިއްބަވަނީ އިސްލާމްދީނުގެ ސިޔާސީ ނިޒާމާ ދެކޮޅަށް ހަނގުރާމަ އިޢުލާން ކުރައްވައިގެންނެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. ޢަރަބިކަރަޔަކަށް އިސްލާމީ ސިޔާސީ ނިޒާމުގެ ބަހާރުމޫސުމެއް ނައެވެ. ވައިތަޅައިލުމަށްފަހު މޫސުން މޫސުމަކަށް ނުވެދިޔައީއެވެ. އިސްލާމީ ނިޒާމުގެ ކަދުރު ދަނޑުގައި މިފަހަރަކުވެސް ކަދުރެއް ނޭޅިއެވެ.

(އިސްލާމީ ޖިހާދާ ގުޅުންހުރި ވާހަކައެއްލިޔާ ކޮންމެފަހަރަކު އަޅުގަނޑު ދަންނަވާ ވާހަކައެއް މިފަހަރުވެސް ތަކުރާރުކޮށްލާނަމެވެ. އާދެ ޖިހާދަކީ ތިމާ އަމިއްލަޔަށް ފަށައިގަނެވޭނެ ކަމެއްނޫނެވެ. ނުވަތަ ތިމާ "ފޮތްދަރާ" ގްރޫޕުގެ ރައުޔާ އެއްގޮތަށް ކުރެވޭނެކަމެއް ނޫނެވެ. މަގުމަތީން އަމިއްލަޔަށް ހިންގައިލެވޭނެ ޤާނޫނެއް ނޫނެވެ. ނުވަތަ އެތެރޭގެ ހަނގުރާމައެއް ހިނގާ އިސްލާމީ ޤައުމަކަށްގޮސް އަމިއްލަޔަށް އެއިންކޮޅެއް ނެގޭކަހަލަ ކަމެއްނޫނެވެ. ޖިހާދު އިޢުލާންކުރެއްވުމަކީ އިސްލާމީ ދައުލަތުގެ ވަލިއްޔުލްއަމްރުގެ ކަމެކެވެ. ކުށްކުށަށް އަދަބުދެވޭނީވެސް ޤައުމުގެ ނިޔާކަނޑައެޅުމުގެ ނިޒާމާއި ތަންފީޒީ ނިޒާމުގައި ކަނޑައެޅި ހަމަޖެހިފައިވާ ގޮތެއްގެމަތީންނެވެ. އެކަންކުރާނީ އެކަމަށް ކަނޑައެޅި ޢައްޔަންވެފައިވާ ބައެކެވެ. އެއީ އަޅުގަނޑުގެވެސް ތިޔަބޭފުޅާގެވެސް ކަމެއް ނޫނެވެ.)

ޢަރަބި ދުނިޔެއިން (ގަލްފުގެ ޤައުމުތަކުގެ ޚާއްޞަ ބައިވެރިވުމާއެކު) ވަނީ الإخـــوان المسلـميــن އާއި ޙަމާސް ހިމެނޭގޮތަށް އިސްލާމީ ފަންސާސްނުވަ ދަންނަބޭކަލަކު ލިސްޓުކޮށް ނިރުބަވެރީންކަމުގައި ކަނޑައަޅައިފައެވެ. އެލިސްޓުގައިވާ އެއްބޭކަލަކީ عـــلاّمـــــة يــوسف الــقــــرضـــاوى އެވެ. عـــلاّمـــــة قــــرضـــاوى އަކީ ކޮންކަހަލަ ނިރުބަވެރިޔެއްތޯއެވެ. ޢަރަބި ޤައުމެއްކަމުގައިވާ ދުބާއީގެ ސަރުކާރުންވަނީ އިސްލާމީ ޢިލްމުތަކަށް ޚިދުމަތްކުރާ ފަރާތްތަކަށް ދުބާއީ ސަރުކާރުންދޭ އެންމެމަތީ އެވޯޑް عـــلاّمـــــة قــــرضـــاوى އަށް އަރުވައިފައެވެ. ސަޢޫދީ ސަރުކާރުން ވަނީ އިސްލާމީ ދުނިޔޭގެ އެންމެ ޝަރަފުވެރި ޢިލްމީ ޚިދުމަތުގެ އެވޯޑް ކަމުގައިވާ ފައިޞަލް އެވޯޑް އޭނާއަށް އަރުވައިފައެވެ. މިފަދަ އަނެއްބޭފުޅަކީ ލީބިޔާގެ ޑޮކްޓަރ عــلــــى صــلاّبـــــى އެވެ. އޭނާ ވަނީ ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ ކުރިމަތީގައި އެންމެފުރިހަމަ އިސްލާމީ ދައުލަތެއްގެ މޫނުބަލާ ލޯގަނޑެއް ބަހައްޓަވައިފައެވެ. އެކަމަކު ޢަރަބި ޤައުމުތަކަށް عــلــــى صــلاّبـــــى ވެސް ބަލައެއް ނުގަނެވުނެވެ. އޭނާވެސް ވަނީ އުޑެއްބުޑެއް ދެނެވަޑައިނުގަންނަވާ ބޭކަލަކަށް ހަދައިފައެވެ. ވަލުބުޑުނުކަނޑާ ބޭކަލެއްކަމުގައި ކަނޑައަޅައިފައެވެ. ޢަރަބި ޤައުމުތަކުގެ ނުހަނު ޞަރީޙުކަންބޮޑު ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުން އިސްލާމީ އުންމަތުގެ ރޯފިލާ އެންމެންގެ ކެތްތެރިކަމުގެ ތަށި މިހާރުވަނީ ފުރިގެން ބަންޑުންވާން ކައިރިވެފައެވެ. އެ ސަރުކާރުތަކަށް ވެރިކަންކުރުމުގެ ޙައްޤެއް ނެތްކަން ޤަބޫލުކުރާން ފަށައިފައެވެ. ޢަރަބި ވެރީންގެ ވެރިކަމުގެ ސަންދޯއްތައް މިހާރުހުރީ އެންމެފަހުތަނުން ބަނދެލަން ތައްޔާރުވެފައެވެ.

ދުނިޔޭގައިވަނީ ނުހަނު އާރާއި ބާރުހުރި ގަދަފަދަ ރަސްރަސްކަން އުފެދިފައެވެ. އެކަމަކު އެ ދައުލަތްތައް މިހާރުވަނީ އިންދިރާސްވެ ބިމުގެ ވެއްޔާ އެކުވެފައެވެ. ޢަރަބި ދައުލަތްތަކާއި ގަލްފުގެ ރަސްރަސްކަލުންގެ ރަސްރަސްކަމަށްވެސް ނިމުމެއް އަންނާނެކަމީ ޔަޤީންކަމެކެވެ. ފަރުދުންގެ ޙަޔާތުގައި މަރު އައިސް ބައްދަލުކުރާ ފަދައިން ޤައުމުތައްވެސް މަރާ ކުރިމަތިލާންޖެހޭ ދުވަހެއް އާދެއެވެ. މުސްތަޤްބަލުގެ މުއައްރިޚުން ޢަރަބި ދައުލަތްތަކުގެ ތާރީޚު ލިޔުއްވާއިރު ލިޔުއްވާނެކަން ކަށަވަރެވެ. އެ ޤައުމުތަކުގެ ވެރީންނަށް އެބޭފުޅުންގެ ޒަމާނުގެ ބޮޑެތި ބާރުތަކުގެ ނުބައި ރޭވުންތަކުގެ ޝިކާރަޔަކަށް ވެވަޑައިގެންނެވުނީއެވެ. ބޮޑެތި ބާރުތަކުން އެބައިމީހުންގެ ޚާއްޞަ މަޤްޞަދެއްގެ ދަށުން ޢަރަބި ވެރީންގެ ހިތްޕުޅުގައި އުފެއްދި ބިރަކީ ޢަރަބި ޤައުމުތަކުގައި ނިރުބަވެރިކަން އުފެދެމުންދާކަމުގެ ބިރެވެ. ޢަރަބި ޤައުމުތަކުގެ ވެރީން ވަގުތުން އެކަން ކަށަވަރު ކުރެއްވިއެވެ. ޢަރަބި ޤައުމުތަކުގައި ހުޅަނގުގެ ތަހްޒީބުގެ ދާފަރާއަކަށްވާން މަސައްކަތްކުރި އިސްލާމީ ޙަރަކާތްތަކުގައި ނިރުބަވެރިކަމުގެ ލޭބަލް ޖެއްސެވުމަށްފަހު އެ ޙަރަކާތްތައް ނައްތައިލެއްވީއެވެ. ޢިލްމުވެރީންނާއި އިސްލާމްދީނުގެ ޙައްޤުގައި ވަކާލާތުކުރައްވާ ބޭކަލުން ހައްޔަރުކުރައްވައި ހުރަގެޖެއްސެވީއެވެ. ހުޅަނގުގެ ބާރުތަކަށް އިސްލާމީ ތަހްޒީބަށާއި އިސްލާމިއްޔަތަށް ނުދެވުނު ގެއްލުން ޢަރަބި ވެރީން އަމިއްލަފުޅަށް ދެއްވީއެވެ.

ޢަރަބި ދައުލަތްތަކުންވަނީ الإخـــوان المسلـميــن ގެ މައްޗަށް ނިރުބަވެރިކަމުގެ ތުހުމަތުކޮށްފައެވެ. އެޖަމާޢަތުގެ ބާނީއަކީ إمـــام حـسن الــبنّــا އެވެ. މިސުރުގެ جـمــال عــبـدالـنّــاصـــر "އަހަރެމެންނަކީ ފިރުޢައުނުންގެ ދަރީންނޭ" ވިދާޅުވެ ނަޢުރާކުރައްވައި ފިރުޢައުނީ ތަހްޒީބާމެދު ފަޚުރުވެރިވާން މިސުރުމީހުންނަށް ދަސްކޮށްދެއްވާން ފެއްޓެވިއެވެ. އިޚްވާނުން އެކަމާދެކޮޅަށް އަޑުއުފުލުމުން އިޚްވާނުންގެ އިސް އެތައްބޭފުޅުންތަކަކަށް ދަންޖެއްސެވުމުގެ އަދަބު ދެއްވިއެވެ.

(ނުނިމޭ)