ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާކޮށްފައިވާ ޝައިހް އާދަމް ނިޝާން އާއި އައްޝައިހް ފަޒްލޫން މުހައްމަދަށް ވަކީލުން ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.
އެ ދެމީހުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ އަށްވަނަ މާއްދާގެ (ނ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް ދެ މީހުންވެސް ކޯޓަށް ހާޒިރުވީ ވަކީލަކު އައްޔަން ނުކޮށެވެ. ދެ މީހުން ވެސް ބުނީ ކޯޓުން ހަވާލުކުރި ލިޔުންތައް ލިބިއްޖެ ކަމަށާއި ދެން ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާއެކު ކަމަށެވެ.
އެހެންވެ، އެ މައްސަލަ ބައްލަވާ ގާޒީ، ހުސައިން ފާއިޒު ރަޝާދު ވަނީ، ވަކީލަކު އައްޔަނުކުރުމަށް ދެ ޝައިހުންނަށް ދިހަ ދުވަސް ދެއްވައިފައެވެ.
ޔޯގާ ހަމަނުޖެހުމުގެ މައްސަލައާ ގުޅިގެން ދައުލަތުން ވަނީ 18 މީހެއްގެ މައްޗަށް ދައުވާކޮށްފައެވެ. އޭގެ ތެރޭގައި ޝައިހް ފަޒްލޫނާއި ނިޝާންގެ އިތުރުން ޕީޕީއެމްގެ ކައުންސިލް މެންބަރު މުހައްމަދު އިސްމާއީލް ވެސް ހިމެނެއެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އެ ކުށް ސާބިތުވެއްޖެނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު