ސުލްތާން މުހައްމަދު ޝަމްސުއްދީން ތިންވަނައިގެ ދިގު ރަސްކަމުގެ ޒަމާނުގައި އައްޑުއަތޮޅު ހުޅުދޫގައި ވަރަށް ބޮޑު ތާޖިރަކު އުޅުއްވިއެވެ. ދުނިޔަވީގޮތުން ވަރަށް މަތީދަރަޖައިގެ ތަނަވަސްކަން ލިބުމުގެ އިތުރަށް އެއީ ނުހަނު ބޮޑު އިލްމުވެރިއެއްވެސްމެއެވެ. ނަންފުޅަކީ އިބްރާހިމް ބަހާއުއްދީނެވެ. ރާއްޖޭގައި ބޮޑަށް މަޝްހޫރުވީ ފަނޑިޔާރު ތައްޚާނުގެ ދޮންމަނިކުގެ ނަމުންނެވެ. އުޅުއްވީ ހުޅުދޫ އެޅެހިށިގޭގައެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1864 ވަނަ އަހަރު އައްޑޫ މީދޫގައެވެ. އަވަހާރަވީ އައްޑޫ ހުޅުދޫގައި 3 ޖުލައި 1932 ގައެވެ. އުމުރުފުޅުން 68 އަހަރުގައެވެ. ފަސްދާނުލެވިފައިވަނީ ހުޅުދޫ ކުރީގެ ހުކުރުމިސްކިތުގެ ހަރިންމަ ތެރޭގައިވާ ބިސްތާނެއްގައެވެ. ދޮންމަނިކުގެ ދުވަސްވަރު އޭނާއަށްވުރެ ވަކިން ބޮޑު ވިޔަފާރިވެރިއަކު ރާއްޖޭގެ އެއްވެސް ހިސާބެއްގައި ނުވެއެވެ. އަދި އެއަށްވުރެ ނުފޫޒުގަދަ، އުފެއްދުންތެރި، ގަދަރުވެރި އެހެން ތާޖިރަކު އުޅުއްވިކަންވެސް އެނގިގެނެއް ނުވެއެވެ.

މިއަދު މިއުޅެނީ ދޮންމަނިކުގެ މުދާވެރިކަމާއި އިލްމުވެރިކަމުގެ ވާހަކަ ގެންނާކަށެއް ނޫނެވެ. ދިވެހިރާއްޖޭގައި ކުރިންވެސް އަދި ފަހުންވެސް އަމިއްލަ ފަރުދަކު ކުރިކަން އެނގިގެންނުވާ ކަންކަމުގެ ތެރެއިން ދޮންމަނިކު ކުރެއްވި ކަމެއްގެ ވާހަކަ ބަޔާން ކުރުމަކީ މިއަދުގެ މައުޟޫއެވެ. އެކަމަކީ ބަޑި ގެންގުޅުއްވުމެވެ. އަފްޣާނިސްތާނުން ދޮންމަނިކު ގެންނެވީ މިޒަމާނުގައި ހަންޓިން ރައިފަލޭ ކިޔާޒާތުގެ ދިގު ބަޑިއެކެވެ. އެޔާއެކު ވަރުގަދަ ޓޯޗްބައްތިއެއްވެސް ގެންނެވިއެވެ. ރޭގަނޑު އަލިކުރައްވައި ވާލާއި މާކަނާ ފަދަ ދޫނި މެރުއްވުމުގެ ގޮތުންނެވެ. ބަޑީގެ ވަޒަން ގެންގުޅުއްވީ އެކަމަށް ޚާއްސަ ގުޅިއެއްގައެވެ. ބަޑިޔާއި ޓޯޗަކީ އެޒަމާނުގައި ސިފައިން ނޫން ބަޔަކު ގެންގުޅުން މަނާ ތަކެއްޗެވެ. އެކަން އެހެންއޮތަސް ދޮންމަނިކު އޭނާގެ ރަށުގައި މިތަކެތި ގެންގުޅުއްވީ ސިއްރަކުން ނޫނެވެ. ހަމަފާޅުގައެވެ. އެންމެނަށްވެސް އެނގިގެންނެވެ.

ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އައްޑުއަތޮޅަށް ދިޔަ އިނގިރޭސި މަނަވަރެއްގެ ބަޔަކު ހުޅުމީދޫއަށް ފައިބައިގެން އުޅުމުގެ ތެރޭގައި ދޮންމަނިކާއި އޭނާގެ ބަޑީގެ ވާހަކަ އަހައިގެން ބައްދަލުކޮށް ބަޑިޖަހަން އެނގެނީ ކިހާވަރަކަށްތޯ ޓެސްޓުކުރި ވާހަކަޔަކީ ކުރީގެ މުސްކުޅިންގެ ތެރޭގައި ދެކެވެމުންއައި ވާހަކައެކެވެ. އަމާޒަށް ބަޑިޖެހުމުގައި ދޮންމަނިކުގެ ކުޅަދާނަކަން ފެނިފައި މަނަވަރުގެ ކައްޕިތާނު އަމިއްލަޔަށް ލިޔެފައި ސާބަހުގެ ލިޔުމެއްވެސް ހަވާލުކުރި ކަމަށްވެއެވެ. މި ލިޔުން ދާދިފަހަކާ ހަމަޔަށްވެސް ދޮންމަނިކުގެ އައުލާދުގެ ބޭފުޅުން ގެންގުޅުއްވިއެވެ. ކުރިންވެސް ދެންނެވިފަދައިން ދޮންމަނިކު ބަޑި ގެންގުޅުއްވީ ހަމަ ފާޅުގައެވެ. ބައެއް ދުވަސްދުވަހު ބަޑި ސާފުކުރައްވަން ގޭގެ ފެންޑާގައިވެސް އިންނަވައެވެ. ދޮންމަނިކުގެ އިއްޒަތް ފުރިހަމަވަނީ ކައިރީގައި ބަޑި އޮވެގެންނެވެ.

މިހިސާބުން އުފެދޭ ބޮޑު ސުވާލަކީ ބަޑިގެންގުޅުމަކީ މަނާ ކަމަކަށްވެފައި މިހާ ފާޅުކަން ބޮޑު ގޮތެއްގައި ދޮންމަނިކު މިކަން ކުރެއްވިއިރު ސަރުކާރުން އެޅުއްވީ ކޮން ފިޔަވަޅެއްތޯއެވެ. ދޮންމަނިކު ކުށްވެރިވިތޯއެވެ. ދިވެހި ދައުލަތް ހިންގަވާން އެދުވަސްވަރު އެންމެ އިސްކޮށް ހުންނެވީ ބޮޑުވަޒީރު އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. ދޮންމަނިކު ބަޑިޔާއި ޓޯޗު ގެންގުޅުއްވާ ކަމުގެ ޚަބަރު މާލެއާ ހަމަޔަށް ގޮސްގެން ދެފަހަރަކު އެތަކެތި އަތުލުމަށް މާލެއިން ބަޔަކު ފޮނުއްވިއެވެ. އެކަމަކު ދޮންމަނިކު އެތަކެއްޗެއް ނުދެއްވިއެވެ. ފަހުފަހަރު ކޮންމެވެސް މިންވަރެއްގެ ޒުވާބެއް ހިނގައިގެން ޓޯޗުބައްތި މުގުރުއްވައި ހަލާކުކުރައްވައިފައި މާލެއިން ދިޔަ ޓީމާ ހަވާލު ކުރެެއްވި ކަމަށް ބުނެވެއެވެ. އެކަމަކު ބަޑިއެއް ނުދެއްވިއެވެ. އެމީހުންވެސް ގަދަކަމުން ދޮންމަނިކުގެ ހަށިކޮޅަށް އަރައި ބަޑި ފޭރިގަންނާކަށް ނޫޅެއެވެ.

ބަޑީގެ މައްސަލައިގައި އަތިރީގޭ ބޭފުޅުންނާއި ދޮންމަނިކާ ދޭތެރޭ ހިސާބެއްގެ ނުތަނަވަސްކަމެއް އުފެދިފައިވަނިކޮށް އެކަން ދާދިއަވަހަށް ހަމަޔަކަށް އެޅުނީ ދޮންމަނިކާ ނުލައި ހިންގެންނެތް ވިޔަފާރިއެއްގައި ރަންނަބަނޑޭރި ކިލެގެފާނަށް ދޮންމަނިކުގެ އެހީތެރިކަން ބޭނުންފުޅުވުމުންނެވެ. ބަދަލުގައި ދޮންމަނިކު އެދިވަޑައިގެންނެވި ކަމަށް ބުނެވެނީ ސަރުކާރުން އޭނާޔާ ނުބެހުމެވެ. ރަންނަބަނޑޭރި ކިލެގެފާނު އެދިވަޑައިގެން ދޮންމަނިކު ހިންގެވީ މާވަހަރުގެ ވަރަށް ބޮޑު މުއާމަލާތެކެވެ. ރާއްޖެއިން ބޭރުގައެވެ. އެދުވަސްވަރު ބައިނަލްއަގުވާމީ ވިޔަފާރީގައި ދޮންމަނިކަށްވުރެ ތަޖުރިބާހުރި ތޫނުފިލި އެހެން ތާޖިރަކު ނެތެވެ. އެ މުއާމަލާތުގައި ދިވެހި ދައުލަތަށް އޭގެކުރިން ލިބިފައިނެތްވަރުގެ މަންފާ ލިބުނު ކަމަށް ބުނެވެއެވެ. އެހެންވީމާ ދޮންމަނިކުގެ އިއްޒަތް އިތުރަށް އުފުލުނީއެވެ.

ދޮންމަނިކަކީ ރަންނަބަނޑޭރި ކިލެގެފާނަށްވުރެވެސް ދޮށީ ބޭފުޅެކެވެ. ދޮންމަނިކުގެ ބައްޕާފުޅު އިސްމާއީލް ބަހާއުއްދީނުގެ ނަވެއްގެ މައްސަލައިގައި އެ އައުލާދުގެ ބޭފުޅުންނާއި ސަރުކާރު ހިންގަވާން އެއިރު ތިއްބެވި ބޭފުޅުންގެ މެދުގައި އަރައިރުމެއް ހިނގައި އޭގެ ނަތީޖާ ވަރަށް ހިތިކޮށް ފެނިފައިވާތީ ދޮންމަނިކާ ބެހުމުގެ މާބޮޑު ވިސްނުންފުޅެއް ރަންނަބަނޑޭރި ކިލެގެފާނުވެސް ނުގެންގުޅުއްވައެވެ. އެކަމަކު ދޮންމަނިކު އަވަހާރަވުމާއެކު އޭނާގެ ބަޑި ސަރުކާރުން ވަނީ އަތުލައިފައެވެ. އެބަޑި ސަރުކާރާ ހަވާލުކުރެއްވީ ދޮންމަނިކުގެ ދޮށީ ދަރިކަލުން މުހައްމަދު ތައުފީގެވެ. މިކަމަކީ އެ އައުލާދުގެ ވަރަށް ގިނަ ބޭފުޅުން ދެނެވަޑައިގެން ތިއްބެވި ކަމެކެވެ. ދޮންމަނިކުގެ ތިއްބެވީ ތިން ބޭފުޅުންނެވެ. އެންމެފަހަށްވެސް ދުނިޔޭގައި ހުންނެވީ މުހައްމަދު ތައުފީގެވެ. އޭނާ އަވަހާރަވީ 1994 ގައެވެ. މިހާރު ދުނިޔޭގައި ތިއްބެވީ ދޮންމަނިކަށް ކާފަވިދާޅުވާ ބޭފުޅުންނެވެ. މިވާހަކަ މިހުރިހައި ބޭފުޅުންވެސް ހަމަ މިގޮތަށް ވިދާޅުވެއެވެ.