ޚަބަރު

ޕޮލިސް ސްޓޭޝަނެއްގައި ފުލުހުން އަންހެނަކަށް އަނިޔާކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

މުހައްމަދު އިޝާން

އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަނެއްގެ ތެރޭގައި ފުލުހުން އަންހެނަކަށް އަނިޔާކުރި ކަމަށް ބުނާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ވަނީ ފުލުހުން އަންހެނަކު ގަދަކަމުން ޕޮލިސް ސްޓޭޝަނުން ނެރޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައެވެ.

އެކަމާ ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ ސިޓީގައި ވައްކަމާއި މަަސްތުވާތަކެތި އަދި ޖަމާއަތް ހަދައިގެން ކުށްކުރާ މީހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން އޮކްޓޯބަރު 14 ވަނަ ދުވަހުގެ ރޭ ހުޅުމީދޫގައި ފުލުހުން ޕެޓްރޯލް ކުރަމުން ދިޔައިރު، މަގުމަތީން ފެނުނު 37 އަހަރުގެ ފިރިހެނެއްގެ ހަރަކާތްތައް ހުރިގޮތުން މަސްތުވެގެން ހުރި ކަމަށް ތުހުމަތު ކުރެވޭތީ ހުއްޓުވައި ސުވާލުކޮށްފައިވާ ކަމަށެވެ.

ފުލުހުން އޭނާއާ ސުވާލު ކުރަމުންދިޔަ އިރު، 35 އަހަރުގެ އަންހެނަކު ފުލުހުންނަށް މައުލޫމާތު ދޭން ނުޖެހޭ ކަމަަށް ބުނެ ފުލުހުންނާއި ހުއްޓުވި 37 އަހަރުގެ މީހާއާ ދެމެދަށް ވަދެ ފުލުހުންގެ ވާޖިބަށް ހުރަސް އެޅޭ ގޮތަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެ ފިރިހެން މީހާ ޕޮލިސް ސްޓޭޝަނަށް ގެނައުމުން އެ އަންހެން މީހާ އިތުރު އަންހެނަކާ އެކު ފޮލިސް ސްޓޭޝަނަށް ވަދެ އެ ފިރިހެން މީހާ ދޫކޮށްލުމަށް ގޮވާލައި އަޑުގަދަކޮށް ޕޮލިސް ސްޓޭޝަން ތެރޭގައި މަސްލަހަތު ނަގާލައި ހަމަނުޖުހުން ހިންގާފައިވާ ކަމަށެވެ.

ފުލުހުން ބުނީ ސުލްހަވެރިކަމާ އެކު ޕޮލިސް ސްޓޭޝަނުން ބޭރަށް ނުކުތުމަށް ފުލުހުން އެ ދެ އަންހެނުންނަށް އެންގުމުން އެކަމަށް އިންކާރު ކޮށްފައިވާ ކަމަށެވެ. އެހެންވެ ބާރުގެ ބޭނުން ކޮށްގެން އެ ދެ މީހުން ޕޮލިސް ސްޓޭޝަނުން ނެރުނު ކަމަށް ފުލުހުން ބުންޏެވެ.

"އަދި އެމީހުން ނެރުމަށް މަސައްކަތްކުރި އަންހެން ފުލުހުންގެ ގަޔަށް އަތްލައި ހަމަނުޖެހުން ހިންގާފައިވެއެވެ. މިކަމުގެ ތެރެއިން އަންހެން ދެ ފުލުހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ" ފުލުހުން ބުންޏެވެ.

ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައިވާ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ. އަދި އެކަމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ މައުލޫމާތު ހޯދައި، ކަން ހިނގައި ދިޔަ ގޮތްވެސް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ގަދަކަމުން ނެރުނު އަންހެން މީހާ ފޭސްބުކުގައި ބުނެފައިވަނީ އޭނާ ޕޮލިސް ސްޓޭޝަނަށް ދިޔައީ ރަހުމަތްތެރިއަކު ހައްޔަރުކުރުމުން ކަމަށެވެ. އަދި އޭނާ ޕޮލިސް ސްޓޭޝަނަށް ދިޔުމުން ގަދަކަމުން ނެރުނު ފުލުހުންނާ ދެކޮޅަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މައްސަލަ ހުށަހަޅާނެ ކަމަށްވެސް އޭނާ ބުންޏެވެ.