އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ދެތިން އަހަރުވެސް އެންމެ ވާދަވެރިކޮށް ފެނުނު ލިވަޕޫލާއި މެންޗެސްޓާ ސިޓީގެ ކުރިމަތިލުން ލިވަޕޫލުން ކާމިޔާބުކޮށްފިއެވެ.
ލިވަޕޫލްގެ ސަޕޯޓަރުންގެ އަޑު އިންތިހާއަށް ބާރުކޮށް އޮތް އެންފީލްޑްގައި މިރޭ ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ ލިވަޕޫލްގެ މިސްރު ތަރި، މުހައްމަދު ސަލާހެވެ. އެއީ ސިޓީއާ ދެކޮޅަށް އޭނާ ކުޅުނު 11 މެޗުން ޖެހި ހަވަނަ ގޯލެވެ.
މިރޭގެ މެޗަށް ނުކުތް އިރު، ލިވަޕޫލް އޮތީ އެންމެ ފޯމުގައެއް ނޫނެވެ. ހާއްސަކޮށް ސީޒަންގެ މިހާތަނަށް ލިވަޕޫލްގެ ލީގު ފޯމު ދަށެވެ. ސިޓީއާ ދެކޮޅަށް ލިވަޕޫލުން ނުކުތީ އަށް މެޗުގެ ތެރެއިން އެންމެ ދެމެޗުން މޮޅުވެފައި އޮވެގެންނެވެ. އަނެއްކޮޅުން ނުކުތް ސިޓީ ތާވަލުގެ ދެވަނައިގައި އޮތީ އަށް މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިނުވެއެވެ. ސިޓީއަށް ޕޮއިންޓް ގެއްލިފައި އޮތީ ދެމެޗަކުން އެއްވަރު ވެގެންނެވެ.
ހާއްސަކޮށް ސިޓީގެ ފޯވަޑް އާލިން ބްރައުޓް ހާލަންޑް ހުއްޓުވުން ވެފައި އޮތީ "އިމްޕޮސިބަލް" ކަމަށެވެ. އޭނާ މިރޭގެ މެޗަށް ނުކުތީ މިހާތަނަށް ސީޒަނުގައި ކުޅުނު 13 މެޗުން 20 ގޯލު ހަމަކޮށްފައި އޮވެގެންނެވެ. އެހެން ނަމަވެސް ލިވަޕޫލުން ވަނީ އެ ޗެލެންޖާ ކުރިމަތިލައި، މިރޭގެ މެޗުން މުހިއްމު ނަތީޖާއެއް ނެރެފައެވެ.
މެޗު ވަރަށް ހޫނުކޮށް ގޮސްފައިވާ އިރު، ދެވަނަ ހާފުގައި ލައިސްމަނަށް ޝަކުވާ ކޮށްގެން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕަށް ރެފްރީ ވަނީ ރަތް ކާޑުވެސް ދައްކައިފައެވެ.
މެޗުގެ ފުރުސަތުތަކަށް ބަލާއިރު، ގޯލު ޖެހުމުގެ ކުރިންވެސް ސަލާހަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެ ފުރުސަތުގައި ސަލާހް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ މަތަކުރީ ސިޓީގެ ގޯލްކީޕަރު އެޑަސަންއެވެ. ސިޓީގެ ފިލް ފޮޑެން ޖެހި ބޯޅައެއް ގޯލަށް ވަން ނަމަވެސް، ވީއޭއާރް ބަލައި ރެފްރީ ނިންމީ އެ ގޯލަށް ފުރުސަތު ތަނަވަސްކުރުމުގައި ހާލަންޑް، ފަބީނިއޯއަށް ފައުލް ކުރި ކަމަށެވެ.
ހާލަންޑްގެ ނުރައްކާ މެޗުގައި އެންމެ ބޮޑަށް ނުފެނުނު ނަމަވެސް އޭނާގެ ދެ ހަމަލާއެއް ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާއާ މަތަކުރަން ޖެހުނެވެ.
ލުއިސް ޑިއާޒްވެސް ނުލައި މެޗަށް ނުކުތް ލިވަޕޫލުން، މެޗު ނިމެން 14 މިނެޓަށް ވެފައި ވަނިކޮށް ލީޑު ނެގިއެވެ. އެ ގޯލަކީ އެލިސަން ފަހަތުން ޖެހި ބޯޅައަކަށް ސަލާހް ކުރިއަށް ދުވެ، ޖާއޯ ކާންސެލޯ ކައިރިން ސަލާމަތްވެ އޭރިއާ ތެރެއަށް ވަދެ ޖެހި ގޯލެކެވެ. ސަލާހަށް ކާންސެލޯ ބީޓް ކޮށްލެވުނީ އޭނާ ކައްސާލުމުންނެވެ.
އެ ގޯލާއެކު ލީޑު ނަގައި ލިވަޕޫލުން ވަނީ ސީޒަނުގައި ހޯދި އެންމެ މުހިއްމު މޮޅު ހޯދައިފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު