ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ ލިބޭ އާ އެޑް-އޮންއެއް ތައާރަފުކޮށްފިއެވެ.

ދިރާގުން މިއަދު ބުނީ އަލަށް ތައާރަފުކުރި އޮފާގެ ދަށުން ޕްރީޕެއިޑް ކަސްޓަމަރުންނަށް 275 ރުފިޔާއަށް 16 ޖީބީ ޑޭޓާ ލިބެން ހުންނާނެ ކަމަށެވެ. އަދި އެ ޑޭޓާ 30 ދުވަހަށް ބޭނުން ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

އާ އެޑްއޮން ނަގަން ބޭނުންވާ ކަސްޓަމަރުން 16 ޖީބީ ޖެހުމަށްފަހު 343 އަށް އެސްއެމްއެސްކުރުމުން އެކްޓިވޭޓް ކުރެވޭނެއެވެ. އަދި ދިރާގު އެޕްލިކޭޝަން ބޭނުންކޮށްގެންވެސް 16 ޖީބީ ޑޭޓާ ނެގެން ހުންނާނެ ކަމަށް ދިރާގުން ބުންޏެވެ.

މި އެޑް-އޮން ދިރާގުގެ ހުރިހާ ޕްރީޕެއިޑް ޕްލޭނެއް ގެންގުޅޭ ކަސްޓަމަރުންނަށްވެސް ނެގޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގުން ވަނީ ދިރާގުގެ ސްޓޭންޑާޑް ޕްރީޕެއިޑް ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ތަފާތު ގިނަ ޕްލޭންތަކެއް ފަރުމާކޮށްފައެވެ.

އެގޮތުން ދިރާގު ކޮމްބޯ ޕްލޭނުން ކަސްޓަމަރުން ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސްގެ ޕެކޭޖުތައް ހިޔާރު ކުރެވޭނެއެވެ. އަދި ސަޅި ޕްރީޕެއިޑް ޕްލޭނުން ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިހްތިޔާރު ކުރެވޭނެއެވެ. އެ ޕްލޭނުން ދިރާގުގެ ހުރިހާ ނަމްބަރަކަށް ވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅޭނެއެވެ.

މީގެ އިތުރުން މަމެން ޕްލޭނުނަކީ ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް އެލަވަންސް ބޭނުންގޮތަކަށް ފަރުމާކޮށްލެވޭ ޕްލޭނެކެވެ. އަދި މަމެން ކަސްޓަމަރުންނަށް ކްރެޑިޓް އެހެން މަމެން ޔޫޒަރުންނަށް ޓްރާންސްފާވެސް ކުރެވެން ހުންނާނެއެވެ.