ޚަބަރު

މިއަހަރުވެސް އިންޓަނޭޝަނަލް 10 މުބާރާތެއް، އެއީ ހޯދުނު ކާމިޔާބެއް: މަހުލޫފް

ބައިނަލްއަގުވާމީ އެކިއެކި މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި އެކަން ހާސިލުކުރުމަށް ކާމިޔާބީ މަސައްކަތްތަކެއް ކުރެއްވިފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ބީޗް ވޮލީބޯޅައިގެ އެންމެ މަތީ ފަންތީގެ މުބާރާތް ކަމަށްވާ އެފްއައިވީބީ ބީޗް ޕްރޯ ޓުއާގެ އިވެންޓެއް ރާއްޖޭގައި ބާއްވަމުންދާ އިރު، "މޯލްޑިވްސް ޗެލެންޖް 2022" މާދަމާ ނިމޭނެއެވެ. ސަން އައިލެންޑް ރިސޯޓް އެންޑް ސަޕާގައި މިމަހުގެ 13 އިން މާދަމާގެ ނިޔަލަށް ކުރިއަށްދާ އިވެންޓްގައި 28 ގައުމަކުން 200 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ދެ ޕެއާއަކުންވެސް ވާދަކޮށްފައިވެއެވެ.

އެފްއައިވީބީ ބީޗް ޕްރޯ ޓުއާ މޯލްޑިވްސް ޗެލެންޖަށް މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ޒިޔާރަތް ކުރައްވާފައިވެއެވެ. އިވެންޓްގެ ސަބަބުން ފައިދާތައް ކުރާނެ ކަމަށް މިނިސްޓަރު މަހުލޫފް ސަން އައިލެންޑްގައި ހުރެ ވިދާޅުވެފައިވާ އިރު، އޭނާ އިތުރަށް ވިދާޅުވީ ބައިނަލްއަގުވާމީ މުބާރާތްތައް އިތުރުވުމަކީ ހިތްހަމަ ޖެހުމެއް ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އެއް ވައުދުފުޅު އެއީ ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވުން. އޭގެ އެއް ބޭނުމަކީ ރާއްޖޭގެ ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މުބާރާތްތަކުގެ ތަޖުރިބާތައް ހޯދައިދިނުން. މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ، އެންމެ ބޮޑު، އަދި އެންމެ މަތިން ރޭންކް ކުރާނެ މުބާރާތް. 28 ގައުމަކުން 200 އަށްވުރެ ގިނަ ޓޮޕް ރޭންކުގެ، ޗެމްޕިއަން އެތްލީޓުން މި ކުޅެނީ މުބާރާތުގައި. މިއީ މިއަހަރު ބާއްވާވެސް ހަވަނަ ބައިނަލްއަގުވާމީ މުބާރާތް. ހަމައެކަނި މިއަހަރުވެސް 10 އިންޓަނޭޝަނަލް މުބާރާތް މި ބޭއްވެނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މަހުލޫފް އިތުރަށް ވިދާޅުވީ ބީޗްވޮލީއަކީ ވަރަށް ބޮޑަށް ބައިނަލްއަގުވާމީ ކާމިޔާބީއަކަށް މަސައްކަތް ކުރަމުންދާ ކުޅިވަރެއް ކަމަށާއި އެކަމަށް ހެޔޮ މިސްރާބެއް އެބައޮތް ކަމަށެވެ.

އެފްއައިވީބީ ބީޗް ޕްރޯ ޓުއާ، މޯލްޑިވްސް ޗެލެންޖުގެ މެއިން ޑްރޯގައި ވާދަކޮށް ކުޅުނު ދިވެހި ޕެއާއަކީ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާއެވެ. އެ ޕެއާއިން ކުޅުނު ދެ މެޗުން ވެސް ބަލިވީ ވަރުގަދަ ދެ ގައުމުގެ އަތުންނެވެ. އެއީ ބްރެޒިލާއި ތައިލެންޑް އަތުންނެވެ. ކޮލިފިކޭޝަންގައި ވާދަކުރި ރާއްޖޭގެ މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ) ގެ ޕެއާވެސް ބަލިވީ ތައިލެންޑް ޕެއާ އަތުންނެވެ.