ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށާއި އިވަލުއޭޝަން މަރުހަލާ ތިން މަސް ދުވަސްތެރޭގައި ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރުން ދޫކުރަން ނިންމާފައިވާ 5000 ގޯއްޗާއި 4000 ފުލެޓަށް އެދި 35،000 އަށްވުރެ ގިނަ ފޯމު ވަނީ ހުށަހަޅާފައެވެ.

އެގޮތުން ގޯއްޗަށް އެދި 15،164 މީހުން ކުރިމަތިލައިފައިވާއިރު ތިން ކޮޓަރީގެ އެޕާޓްމަންޓަށް 14،489 މީހުން ވަނީ ކުރިމަތިލާފައެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓަށް ކުރިމަތިލީ 6،208 މީހުންނެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން "ވަން"އަށް މިއަދު ވިދާޅުވީ ފޯމުތައް ޕްރޮސެސް ކުރުމުގެ މަސައްކަތް މާދަމާއިން ފެށިގެން ކުރާނެ ކަމަށެވެ. އަދި އިވަލުއޭޝަން މަސައްކަތް ތިން މަސް ދުވަސްތެރޭ ނިންމާލާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަކުރަމް ވިދާޅުވީ ފޯމުތަކުގައި ހުރީ ސައްހަ މައުލޫމާތުކަން ކަށަވަރު ކުރުމަށް ގެތަކަށް ގޮސްގެންވެސް ބަލާނެ ކަމަށެވެ. އެހެން ނަމަވެސް މިގޮތަށް އަމަލު ކުރާނީ ޝައްކު އުފެދޭ ހާލަތްތަކުގައި އެކަނި ކަމަށްވެސް ވިދާޅުވިއެވެ.

ފުލެޓާއި ގޯތި ލިބޭ މީހުން ކަށަވަރުކޮށް އިއުލާނުކުރެވޭނެ ތާރީހެއް ވިދާޅުވާން އަދި ދަތިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލޭގައި 15 އަހަރު އުޅެފައިވާ ކޮންމެ ރަށެއްގެ މީހަކަށްވެސް ފްލެޓަށް އެދި ކުރިމަތިލެވޭނެ އެވެ. ނަމަވެސް ގޯއްޗަށް އެދި ކުރިމަތިލެވޭ ގޮތަށް އެންމެ ފުރަތަމަ ހެދި އުސޫލުގައި އޮތީ ހަމަ އެކަނި މާލޭގެ މީހުންނަށެވެ. މިކަމާ ގުޅިގެން ސަރުކާރަށް ފާޑު ކިޔުން އަމާޒުވުމުން ހައުސިން މިނިސްޓްރީން ވަނީ އުސޫލަށް ބަދަލު ގެނެސްފައެވެ.

ބަދަލުގެނައި އުސޫލުގައި ބުނެފައިވަނީ ސަރުކާރުން ކަނޑައެޅި އުސޫލެއް ނުވަތަ ގަވާއިދަކާ ގުޅިގެން އެހެން ތަނެއްގެ ރަޖިސްޓްރީގައި ކުރިން އޮތް ނަމަވެސް އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލޭ މީހެއް ނަމަ އަދި އެ މީހަކު މިހާރު އަނެއްކާވެސް މާލޭ ރަޖިސްޓްރީގައި ހިމަނާފައި އޮތް ނަމަ އެ މީހަކީ މާލޭ މީހެއް ކަމަށް ބަލާނެ ކަމަށެވެ.

ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯއްޗެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމުލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެ އެވެ.