ގެއްލުނުތާ ދެ ހަފުތާ ފަހުން މަރުވެފައި އޮއްވައި މުހައްމަދު އަޒްހާންގެ ހަށިގަނޑު ފެނުނުއިރު އެތަނުގައި ހުރީ އޭނާގެ ކަށިތައް އެކަނި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ ތިން މައްސަލައަކާ ގުޅިގެން އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ހުޅުމާލޭ ސްކޭޓުޕާކު ހުޅަނގުން، ވަލުތެރެއިން އަޒްހާންގެ ހަށިގަނޑު ފެނުނު އިރު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށެވެ.
ބަޝީރު ވިދާޅުވީ އަޒްހާންގެ ހަށިގަނޑު އެ ސަރަހައްދުގައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާކަން އެނގޭ ކަމަށާއި ނަމަވެސް އޭނާ މަރުވި ދުވަހެއް ބުނަން އަދި ނޭނގޭ ކަމަށެވެ.
"ފެނުނީ ކަށިތައް. ޑީއެންއޭ ހެދީމަ އެއީ އަޒްހާން ކަން ކަށަވަރުވީ. ޕޯސްޓު މޯޓަމްގެ ވަގުތީ ރިޕޯޓު ލިބުނީ. އޭގެއިން ދައްކާގޮތުން އަޒްހާންގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ނެތް ދީފައެއް. ޕޯސްޓުމޯޓަމްގެ ދާއިމީ ނަތީޖާ ލިބޭނީ ދެ މަހެއްހާ ދުވަސް ފަހުން،" އޭނާ ވިދާޅުވިއެވެ.
ބަޝީރު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އަޒްހާން ގަސްދުގައި މަރާލާފައިވާ ކަމުގެ އެއްވެސް ހެއްކެއް ލިބުފައިނުވާ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން އަޒްހާން މަރުގެ ފަހަތުގައި ފައިސާގެ މައްސަލަތަކެއް ހުރި ކަމަށް ބުނި ނަމަވެސް އަޒްހާނާއި ފައިސާގެ މައްސަލައެއް ޖެހިފައިވާކަން މިހާތަނަށް ފާހަގަވެފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މި މަރުގެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް އަދި ތުހުމަތު ކުރެވިފައިނުވާ ކަމަށްވެސް ބަޝީރު ވިދާޅުވިއެވެ.
އަޒްހާން ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ މަރުވެފައި އޮއްވައި ފެނުނީ މިމަހުގެ ދެވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު