އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގާ މޫނީމާ ލައުންޖަށް ކޭޓަރިންގެ ހިދުމަތްދޭން، ސިންފަނީއަށް ދީފައިވަނީ ގޯސްކޮށް ކަމަށް ކަނޑައަޅައި އަމުރު ކޮށްދިނުމަށް އަލްޓިޓިއުޑް ޕްރައިވެޓް ލިމިޓެޑުން ދެވަނަ ފަހަރަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބާތިލުކޮށްފިއެވެ.

މިމައްސަލައަކީ މޫނީމާ ލައުންޖަށް ކޭޓަރިންގެ ހިދުމަތް ދިނުމަށް ސިންފަނީއަށް ބިޑް އެވޯޑު ކޮށްފައި ވަނީ، ބިޑް ޕްރޮޕޯސަލްތަކަށް މާކްސް ދިނުމަށާއި އިވެލުއޭޓް ކުރުމަށް އައިލެންޑް އޭވިއޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް އަދި ސިންފަނީއަށް ނުހައްގު މަންފާއެއް ލިބޭގޮތަށް ކަމަށް ކަނޑައަޅައިދީ، އެ ކުންފުންޏަށް ބިޑް އެވޯޑުކުރި ކުރުން ބާތިލުކަމަށް ކަނޑައަޅައި ދިނުމަށް އެދި އައިލެންޑް އޭވިއޭޝަންގެ މައްޗަށް ކޮށްފައިވާ ދައުވާއެކެވެ.

މީގެ އިތުރުން އަލްޓިޓިއުޑް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ޕްރޮމޯސަލް ހިމަނައިގެން ބިޑްއިވެލުއޭޝަން ޕްރޮސެސް ސައްހަ ގޮތުގައި އަލުން ކުރިއަށް ގެންދިއުމަށް އައިލެންޑް އޭވިއޭޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް މި ދައުވާގައި އެދިފައިވެއެވެ.

މިއީ އެ ފަރާތުން މީގެ ކުރިންވެސް ހުށަހެޅި ދައުވާއެކެވެ. ނަމަވެސް ވަކި ހިސާބަކުން ދައުވާ އަނބުރާ ގެންދިޔައެވެ.

ދެވަނަ ފަހަރަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ، ކޯޓަށް ހުށަހަޅާ ދައުވާ ހިނގަމުންދާއިރު، ދައުވާ އަނބުރާ ގެންދެވޭނެ ދެގޮތެއް އޮންނަ ކަމަށެވެ.

އޭގެ ތެރެއިން އެއްގޮތަކީ އަލުން ހުށަނާޅާ ގޮތަށް މައްސަލަ އަނބުރާ ގެންދިއުމެވެ. ދެން އޮންނަ ގޮތަކީ އަލުން ހުށަހަޅާނެކަން ދޭހަވާ ފަދަ ވާހަކައެއް ބަޔާންނުކޮށް، ޝަރީއަތް ހިނގަމުން ދަނިކޮށް މައްސަލަ އަނބުރާ ގެންދާ ހާލަތެވެ. އެ ހާލަތަކީ ވެސް ދައުވާ ދޫކޮށްލީ ކަމަށް ބެލެވޭނެ ހާލަތެއް ކަމަށް ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އަލްޓިޓިއުޑް ދައުވާ އަނބުރާ ގެންގޮސްފައިވަނީ، އަލުން ހުށަހަޅަން ބޭނުންނުވާ ކަމަށް ބުނެ ކަމަށްވާތީ، އެ ދައުވާ އަލުން ހުށަނޭޅޭނެ ކަމަށް ހުކުމްގައިވެއެވެ.

އެހެންކަމުން މި މައްސަލައިގެ ދައުވާފޯމް ބާތިލުކޮށް މި މައްސަލަ ނިންމީ ކަމަށް ސިވިލް ކޯޓުގެ ހުކުމްގައިވެއެވެ.