އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލާފައިވަނީ ދުރާލާ ރާވައިގެން ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

ޝިއާއު މަރާލާފައި އޮއްވައި ފެނުނީ މިދިޔަ އޮގަސްޓު މަހުގެ ހަތްވަނަ ދުވަހު ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ބުރީގައި ހުރި އެޕާޓުމަންޓެއްގެ ތެރެއިންނެވެ. ޝިއާއުގެ މަރުގެ މައްސަލައިގައި ފުލުހުން ވަނީ އަލީ ޝާހިލް، 23، ހައްޔަރުކޮށްފައެވެ. ޝާހިލް ހައްޔަރުކުރީ ޝިއާއު މަރާލައިފައި އޮއްވައި ފެނުނު އެޕާޓްމަންޓްގެ ތެރެއިންނެވެ.

ތިން މައްސަލައަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އިސްކަންދަރު ބިލްޑިންގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސީރިއަސް އެންޑް ކްރައިމް ޑިޕާޓުމަންޓުގެ ހެޑް، ސްޕްރިޑެންޓު އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ، ޝިއާއު މަރާލުމަށް ފަހުވެސް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށެވެ.

މިހާތަނަށް ތަހުގީގަށް ލިބުނު މައުލޫމާތަށް ބަލާއިރު ޝިއާއުގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވެނީ ހަމައެކަނި ޝާހިލަށް ކަމަށާއި އޭނާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވާ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ.

ސައީދު ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ޝާހިލަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ. އަދި މިހާރު ކުރަމުން އަންނަނީ މަރުގެ މޯޓިވް ދެނެގަތުމުގެ މަސައްކަތް ކަމަށާއި އެކަން ކުރުމަށް ޝާހިލްގެ ފޯނުގެ ޑޭޓާތައް އެކްސްޓްރެކްޓް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"މިއީ ސަޑަން އިންސިޑެންޓެއްް ގޮތުގައި މި ބެލެވެނީ. ދުރާލާ ރާވައިގެން ކުރި ކަމެއްނަމަ މީގައި އެހެން ކަންކަން އެކުލެވޭނެ،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ޝާހިލްގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ނުލިބޭ ކަމަށާއި ޝިއާއު މަރާލި ކަމަށް އޭނާ އެއްބަސްވެފައިވެސް ނުވާ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓުމަންޓުގެ ހެޑް، ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، ޝިއާއުގެ މަރުގެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން މި މައްސަލައިގައި މިހާތަނަށް 45 މީހުންނާ ސުވާލުކޮށް ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖުތައްވެސް ބަލާފައިވާ ކަމަށެވެ.

ބަޝީރު ވިދާޅުވީ މި މައްސަލަ ބަލަމުންދަނީ ވަރަށް ފުޅާ ވިސްނުމެއްގައި ކަމަށާއި އެކި ފަރާތްތަކުގެ ފަރާތުން ތަފާތު ވާހަކަތައް އަޑުއިވިފައިވާ ކަމަށެވެ. އޭގެތެރޭގައި އިސްލާމް ދީން ނޫން އެހެން ދީންތަކަށް ޕްރެކްޓިސްކުރާ ކަމާއި "ކަލްޓް" ޕްރެކްޓިސް ކުރާކަމުގެ ވާހަކަތައްވެސް އަޑުއިވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް މިއީ ސީދާ މަރުގެ މޯޓިވް ކަމަށް ބުނަން ނޭނގޭ ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެކަމާ މަރާ ގުޅުވާލެވެން ނެތް ކަމަށްވެސް ބަޝީރު ވިދާޅުވިއެވެ.

ބަޝީރު އިތުރަށް ވިދާޅުވީ، ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ރިޕޯޓް ލިބެން ދެ މަސް ދުވަސްވަރު ނަގާނެ ކަމަށާއި އެއީ ކެމިކަލް ޓެސްޓްތަކެއް ހުރުމުން ކަމަށެވެ. މަރުވި ސީދާ ސަބަބު އެނގޭނީ ދާއިމީ ރިޕޯޓް ލިބުމުން ކަމަށް ވިދާޅުވިއެވެ.