އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި އަލީ ޝާހިލްގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ޝިއާއު މަރާލާފައި އޮއްވައި ފެނުނީ މިދިޔަ އޮގަސްޓު މަހުގެ ހަތްވަނަ ދުވަހު ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ބުރީގައި ހުރި އެޕާޓުމަންޓެއްގެ ތެރެއިންނެވެ. ޝިއާއުގެ މަރުގެ މައްސަލައިގައި ފުލުހުން އަލީ ޝާހިލް ހައްޔަރުކޮށްފައިވަނީ ޝިއާއު މަރާލައިފައި އޮއްވައި ފެނުނު އެޕާޓްމަންޓްގެ ތެރެއިންނެވެ.

ތިން މައްސަލައަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އިސްކަންދަރު ބިލްޑިންގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީރިއަސް އެންޑް އޯގަނަިޒްޑް ކްރައިމް ޑިޕާޓުމަންޓުގެ ހެޑު، ސްޕްރިޑެންޓް އޮފް ޕޮލިސް ހަސަން ސައިދު ވިދާޅުވީ، ޝިއާއުގެ މަރުގެ މައްސަލައިގައި ޝާހިލްގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި އެބަހުރި ކަމަށާއި ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅާނެ ކަމަށެވެ.

ސައީދު ވިދާޅުވީ މިކަމުގައި އިތުރު މީހެއްގެ ބައިވެރިވުން އޮތް ކަމަކަށް މިހާތަނަށް ބެލިބެލުމުން ތަހުގީގަށް އެނގެން ނެތް ކަމަށާއި ނަމަވެސް މި މަރުގެ މޯޓިވް ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މި މަރުގެ މައްސަލައިގައި ދައުވާ ކުރަން އަޅުގަނޑުމެން ފޮނުވިޔަސް އަދި ކުށް ސާބިތުވާ ވަރަށް ހެކި ހުރި ނަމަވެސް މޯޓިވް ހޯދަން އަޅުގަނޑުމެން މަސައްކަތް އެބަ ކުރަން. މިއީ ދެ މީހެއްގެ ދެމެދުގައި ހިނގާފައި އޮތް ކަމެއް. އެހެންވީމަ އަޅުގަނޑުމެން މިދަނީ ޝާހިލްގެ ފޯނުވެސް ޗެކް ކުރަމުން. އެކަމާ ސުވާލުވެސް ކުރަމުން." އޭނާ ވިދާޅުވިއެވެ.

ޝިއާއުގެ މަރުގެ މައްސަލައިގައި ޝާހިލް އަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ޝިއާއު މަރާލި ކަމަށް މިހާތަނަށް ޝާހިލް އެއްބަސްވެފައި ނުވާ ކަމަށެވެ. އަދި މިކަމަށް އޭނާގެ ފަރާތުން އެއްބާރުލުންވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ހެޑް، ޗީފް ސްޕްރިޑެންޓު އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ޝިއާއުގެ ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އޭގައިވާ ގޮތުން ޝިއާއު މަރުވީ ހަށިގަނޑުގެ އެކި ތަންތަނަށް ދީފައި ހުރި ބޮޑެތި އަނިޔާގެ ސަބަބުންކަން ހާމަވާ ކަމަށާއި އޭނާ މަރުވިފަހުންވެސް ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށެވެ.

ބަޝީރު ވިދާޅުވީ ޝިއާއުގެ މަރުގެ މައްސަލައާ ގުޅިގެން މިހާތަނަށް 45 މީހަކާ ސުވާލުކޮށްފައިވާ ކަމަށާއި ނަމަވެސް ތުހުމަތު ކުރެވެނީ ހަމައެކަނި ޝާހިލަށް ކަމަށެވެ.