އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދު މަރުވި ފަހުންވެސް ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ހެޑް، ޗީފް ސްޕްރިޑެންޓު އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ޝިއާއުގެ ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އޭގައިވާ ގޮތުން ޝިއާއު މަރުވީ ހަށިގަނޑުގެ އެކި ތަންތަނަށް ދީފައި ހުރި ބޮޑެތި އަނިޔާގެ ސަބަބުންކަން ހާމަވާ ކަމަށެވެ.

"ޕޯސްޓްމޯޓަމް ހެދިއިރުގައި ޕޯސްޓްމޯޓަމުގެ މައުލޫމާތުތަކުންނާއި އަދި އަޅުގަނޑުމެން ސީން އޮފް ކްރައިމުން މި މައްސަލަ ބެލިއިރު ލިބުނު މައުލޫމާތުގެ އަލީގައި ކަށަވަރުކޮށް ދަންނަވަން އެނގޭ އެއް ކަމަކީ ޝިއާއު މުހައްމަދު މަރުވި ފަހުން ވެސް ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން. އެ ކަން އަޅުގަނޑުމެންނަށް މިހާރު އެސްޓެބްލިޝް ކުރެވޭ،" އޭނާ ވިދާޅުވިއެވެ.

ޝިއާއުގެ ހަށިގަނޑަށް ދީފައި ހުރި އަނިޔާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ޝިއާއު ހަށިގަނޑު ފެނުނުއިރު އޭނާގެ ބޯ އޮތީ ހަށިގަނޑާއި ވަކިކޮށްލައިފައެވެ. އަދި އަތާއި ފައިވެސް ބުރިކޮށްލައިފައިވާކަން އެނގިފައިވެއެވެ.

ޝިއާއުގެ މަރުގެ މައްސަލައިގައި ފުލުހުން ވަނީ އަލީ ޝާހިލް، 23، ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޝިއާއު މަރާލައިފައި އޮއްވައި ފެނުނު އެޕާޓްމަންޓްގެ ތެރެއިންނެވެ.

ބަޝީރު ވިދާޅުވީ ޝިއާއުގެ މަރުގެ މައްސަލައާ ގުޅިގެން މިހާތަނަށް 45 މީހަކާ ސުވާލުކޮށްފައިވާ ކަމަށާއި ނަމަވެސް ތުހުމަތު ކުރެވެނީ ހަމައެކަނި ޝާހިލަށް ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުކުރުމަށް ބޭނުންވާ ވަރަށް ހެކި ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ބަޝީރު ވިދާޅުވީ ޝާހިލްގެ ފޯނު ޕާސްވޯޑު ޖަހަންވެސް އޭނާގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށާއި ނަމަވެސް މިހާރު ފޯނު ހުޅުވާފައިވާ ކަމަށެވެ. އަދި އެ ފޯނުގެ ހުރި ޑޭޓާތައް އެއްކޮށް އެކަމާ ގުޅިގެން ޝާހިލާ ސުވާލު ކުރަމުންދާ ކަމަށާއި އެކަމަށްވެސް އޭނާގެ ފަރާތުން އެއްބާރުލުން ލިބެމުންނުދާ ކަމަށް ބަޝީރު ވިދާޅުވިއެވެ.

ޝިއާއު މަރާލާފައި އޮއްވައި ފެނުނީ މިދިޔަ އޮގަސްޓު މަހުގެ ހަތްވަނަ ދުވަހު ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ބުރީގައި ހުރި އެޕާޓުމަންޓެއްގެ ތެރެއިންނެވެ.