ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ 37 ޕަސެންޓު ފްލެޓުން، ކުލި ނުދައްކާ ކަމަށާއި އެކަމުގެ ސަބަބުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް މާލީ ބުރައާ ކުރިމަތިލާން ޖެހޭނެ ކަމަށް ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ.
ވޯލްޑް ބޭންކުން އެކަން ހާމަކޮށްފައިވަނީ މިދިޔަ ހަފުތާގައި އެޖަމިއްޔާއިން ނެރުނު "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައެވެ. މި ރިޕޯޓަކީ ވޯލްޑް ބޭންކުގެ ހޯދުންތަކުގެ މައްޗަށް އަލި އަޅުވާލައި ކޮންމެ އަހަރަކު ދެފަހަރަށް އެ ޖަމިއްޔާއިން ނެރެމުންދާ ރިޕޯޓެކެވެ.
ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުން މިދިޔަ ޖުލައި މަހުގެ ނިޔަލަށް އެ ޖަމިއްޔާއަށް ހޯދުނު ހޯދުންތަކުގެ އަލީގައި ހުޅުމާލެ ސޯޝަލް ހައުސިން ޕްރޮޖެކްޓުގެ ދަށުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި އިމާރާތްކޮށް ކުއްޔަށް ދީފައިވާ ފްލެޓުތަކުގެ ނިސްބަތުން 37 ޕަސެންޓު ފްލެޓުން ކުލި ނުދައްކާތާ 90 ދުވަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
އެގޮތަށް ކުލި ނުދައްކާ ގޭބިސީތައް ހުސްކުރުމުގެ ބާރު އެޗްޑީސީއަށް ލިބިގެންވީ ނަމަވެސް އެކަން ތަންފީޒު ނުކުރާ ކަމަށާއި އެޗްޑީސީ އަކީ ބޭންކެއް ނުވަތަ މާލީ ހިދުމަތްދޭ ކުންފުންޏެއް ނޫން ކަމުން އެފަދަ ފަރާތްތަކުގެ އަތުން ދަރަނި ނުވަތަ ކުލި ހޯދުމުގެ ގާބިލުކަން އެ ކުންފުންޏަށް ނެތް ކަމަށް ބުނެފައިވެއެވެ.
ކުލި ނުދައްކާ ފަރާތްތަކާ މެދު އެޗްޑީސީގެ ކުރު މުއްދަތުގެ ހައްލަކީ ކުލީގެ މުއްދަތު އިތުރުކޮށްގެން ފައިސާ ދެއްކުމަށް އަލުން ޝެޑިއުލް ކުރުން ކަމަށާއި އެކަމުން މާބޮޑު އަސަރެއް ނުކުރި ނަމަވެސް ކުލި ނުދައްކާ ރޭޓު މަތިވުމުން، ޕަބްލިކް ހައުސިން މަޝްރޫއުތަކަށް އެކުންފުނިން އަދާކުރަންޖެހޭ ދަރަނި އަދާކުރުން ކަށަވަރުކުރުމަށް ހޯދަންޖެހޭ އާމްދަނީ އެކަށީގެންވާ ވަރަށް ނުލިބޭ ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ. އަދި މިގޮތަށް ކުލި ނުލިބި ދާ ނަމަ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހައުސިން މަޝްރޫއުތަކަކީ އެޗްޑީސީއަށް ދިގު މުއްދަތުގައި އެ ކުންފުންޏަށް ނުއުފުއްލޭނޭ ވަރުގެ މާލީ ބުރައަކަށް ވުމުގެ ނުރައްކާ ބޮޑުވާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.
ވޯލްޑް ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ބިމުގެ އަގާ އެކު ފިނިޝިން ނުނިންމާ ވެސް ކޮންމެ ހިޔާ ފުލެޓެއްގެ އަގު 1.6 މިލިއަން ރުފިޔާއަށް އަރައެވެ. އަދި ބިމުގެ އަގު ނުލައި ފިނިޝިން ނުނިންމާ ހިޔާ ފްލެޓެއްގެ އަގު 1.3 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.
އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ހިޔާ މަޝްރޫއަށް ސަރުކާރުން ޖުމުލަ 10.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އެ މަޝްރޫއަކީ އޭގެ އަގު ވަރަށް ބޮޑު އަދި ދަރަނީގެ ތަކުލީފު ވެސް ބޮޑު މަޝްރޫއެކެވެ. އެގޮތުން ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރުމަށް ކޮންމެ ހިޔާ ފުލެޓަކަށް ސަބްސިޑީގެ ގޮތުގައި ސަރުކާރުން 490،356 ރުފިޔާ ހަރަދުކުރަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ފާހަގަކުރިއެވެ. އަދި ސަރުކާރުގައި މިހާރު ހުރި ބޯހިޔާވަހިކަމާ ގުޅުންހުރި ދަރަނި އަދާކުރުމަށް 2028 ވަނަ އަހަރުގެ ނިޔަލަށް އެވްރެޖުކޮށް އަހަރަކު 618.4 މިިލިއަން ރުފިޔާ (40 މިލިއަން ޑޮލަރު) ސަރުކާރުން އަދާކުރަންޖެހޭނެ ކަމަށާއި އެއީ އެ މުއްދަތުގައި ރާއްޖެއިން ދައްކަންޖެހޭ ބޭރު ދަރަނީގެ ތިންބައިކުޅަ އެއްބައި ކަމަށްވެސް ވޯލްޑް ބޭންކުން ބުންޏެވެ.
އޭގެ އިތުރުންވެސް ހިޔާ ފްލެޓުތަކުގެ ލޯނުތަކަކީ ކުރު މުއްދަތެއްގައި ދައްކަން ޖެހޭ ގޮތަށް ބޮޑެތި އިންޓަރެސްޓް ރޭޓުގައި ނަގާފައި ހުރި ލޯނުތަކަށް ވާއިރު ހިޔާ ފުލެޓުގެ ކުލި ދެއްކުން ދިގު މުއްދަތަކަށް ބަހާލާފައި އޮތުމާއި މަހުން މަހަށް ކުލިން ލިބެންޖެހޭ އާމްދަނީ، ހަމައަށް ނުލިބުމުގެ ކަންބޮޑުވުން އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.
ވޯލްޑް ބޭންކުން ވަނީ ހިޔާ ފުލެޓު މަޝްރޫއުގެ ޑިޒައިނާއި ހިންގަން ރާވާފައިވާ ގޮތުގެ މައްޗަށްވެސް ކަންބޮޑުވުންތަކެއް ފާހަގަކޮށް، އެ މަޝްރޫއު ރާއްޖެއާ ނުގޭ ކަމަށް ބުނެފައެވެ. އެގޮތުން އެ ޖަމިއްޔާއިން ފާހަގަކޮށްފައިވާ ގޮތުގައި ހިޔާ ކޮންމެ ޓަވަރެއްގައި 400 ފުލެޓު ހުންނައިރު އެތަނުގައި އެކަށީގެންވާ ވަރަށް ލިފްޓާއި ކޮރިޑޯތަކުގައި ޖާގަ ނެތެވެ. އަދި އެފަދަ މައްސަލަތައް ހައްލު ކުރަން އެޗްޑީސީން އިތުރު ހަރަދު ކުރަން ޖެހިފައިވުމަކީ އެކުންފުންޏަށް އިތުރު މާލީ ބުރައަކަށް ވާނެ ކަމެއް ކަމަށާއި ފުލެޓުތައް ނުނިންމާ ދޭން ޖެހުމުގެ ސަބަބުން އެކަމުގެ މާލީ ބުރަވެސް އެތަނުގައި ދިރިއުޅޭ މީހުން އުފުލަންޖެހޭ ކަމަށެވެ.
މީގެ އިތުރަށް ހިޔާ ފުލެޓުތައް ހުންނަ ސަރަހައްދުގައި އަސާސީ ހިދުމަތްތައް ފަދަ ކަންކަން ގާއިމުކުރަން ދުރާލާ ނުވިސްނާ އޮތުމަކީ ވެސް މަޝްރޫއުގެ ޑިޒައިންގައި ހަދާފައިވާ ގޯހެއްގެ ގޮތުގައި ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު