ރަހުމަތްތެރިން އިހްތިޔާރު ކުރާއިރު, ހުލްގު ހެޔޮ ރަނގަޅު މީހުން ނޫނީ އިހްތިޔާރުކޮށްގެން ނުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"ހެޔޮލަފާ ރަހުމަތްތެރިން އިހްތިޔާރު ކުރުން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ރަހުމަތްތެރިންނަކީ ޖަމާއަތެއްގެ ކުރިއެރުމާއި ފަހަތަށް ޖެހުމުގައި ވަރަށްބޮޑު ދައުރެއް އަދާކުރާ ބައެއް ކަމަށާއި
ހިތްހަމަޖެހުމާއި ނުތަނަވަސްކަން ގެނެސް ދިނުމުގައި މީހުންގެ ހަޔާތާއި ވިސްނުމާއި ފިކުރަށްވެސް ރަހުމަތްތެރިންގެ އަސަރު ވަރަށް ބޮޑަށް ކުރާ ކަމަށެވެ.
އެހެންވެ, ރަހުމަތްތެރީން އިހްތިޔާރު ކުރުމުގައި އިސްލާމް ދީން މަތިވެރި އިރުޝާދު ދެއްވާފައިވާ ކަމަށް ބުންޏެވެ.
އެގޮތުން ރަހުމަތްތެރިކަމުގެ ގުޅުން އުފެދި އާލާވެފައިވަނީ އިހުލާސްތެރިކަމާއި މަތިވެރި މަގުސަދެއްގައި ކަމުގައި ވާނަމަ އެއީ މާތް الله އެކަމުގައި ބަރަކާތް ލައްވާނެ ގުޅުމެއް ކަމަށާއި ނަމަވެސް އެއީ ދޯދިޔާ, ނުބައި ގުޅުމެއް ކަމުގައިވާ ނަމަ އޭގެ ނުބައިކަން މާތް الله, އެފަރާތަކަށް ރައްދުކުރައްވާނެ ކަމަށް ހުތުބާގައި ބުންޏެވެ.
ތެދުވެރި ރަނގަޅު ރަހުމަތްތެރިކަމަކީ އިސްލާމް ދީން އެކަމަށް ގޮވާލާ, އެކަމަށް ބާރުއަޅާ ކަމެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ, އެފަދަ އެކުވެރިކަން ގާއިމުކޮށް މާތް الله އަށްޓަކައި އެކަން ދެމެހެއްޓުމަށް އިސްލާމް ދީން ގޮވާލާ ކަމަށެވެ. އަދި މީހެއްގެ ފަރާތުން ލިބިދާނެ ފައިދާއަކަށް ޓަކައި ނުވަތަ މީހެއްގެ ކިބައިގައި ހުރި މޮޅު ކަމަކަށްޓަކައި އެމީހަކު ދެކެ ލޯބިވުމަކީ އެހެން ބާވަތެއްގެ ރަހުމަތްތެރިކަމެއް ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ, الله ގެ ވަޖުހުފުޅަށްޓަކައި މީހަކު ލޯބިވާ ލޯބިވުމުގެ ނަތީޖާ ފެންނާނީ އެކަމުގައި ހުރި އިހުލާސްތެރިކަމެއްގެ ސަބަބުން ކަމަށާއި މާތް اللهއަށްޓަކައި ލޯބިވާ ދެ އެކުވެރިން ތިބޭނީ މާތް اللهގެ ހިމާޔަތާއި ރައްކާތެރިކަމުގައި ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ, ރަހުމަތްތެރިކަމުގެ ގުޅުމަކީ ވަރަށް ވަރުގަދަ ވަރަށް ނުފޫޒު ގަދަ ގުޅުމެއް ކަމަށާއި އެހެންކަމުން ރަހުމަތްތެރިން އިހްތިޔާރު ކުރުމަށް ކީރިތި ރަސޫލާ އަމުރު ކުރައްވާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު