އެންމެ ފަހުގެ އައިފޯން 14ގައި ހިމެނޭ އަމިއްލައަށް ކުއްލި ހާލަތުގައި 911 އަށް ގުޅޭ ހިދުމަތް، އެފީޗާގެ ސަބަބުން ނޭނގި އިމެޖެންސީ ކޯލް ކުރެވޭ މައްސަލަ ބޮޑުވެއްޖެއެވެ.
ތަނަކުން ވެއްޓޭކަން ފޯނުން ދެނެގަންނަ މި ފީޗާ އަމިއްލައަށް އެކްޓިވޭޓްވެ، އެމެރިކާގައި ރޯލާކޯސްޓަރުގައި ދުއްވާ މީހުންގެ ޖީބުގައި އޮންނަ ފޯނުން ކުއްލި ހާލަތުގެ ނަންބަރު 911 ގުޅެމުން އަންނައިރު، ސައިކަލު ދުއްވާ މީހުން ބަމްޕްތަކުގައި ޖެހުމުންވެސް 911 އަށް ގުޅޭ މައްސަލައިގެ ޝަކުވާވެސް ވަނީ ބޮޑުވެފައެވެ. މިހެން ދިމާވާ ސަބަބަކީ އައިފޯނަށް ކާރު އެކްސިޑެންޓެއް ހިނގީކަމަށް ހީވުމެވެ. އެންމެ ފަހުގެ އައިފޯން 14 ގެ އިތުރުން އާ އެޕަލް ގަޑިތަކުގައިވެސް ކާރު އެކްސިޑެންޓް އަދި ވައިބަރޭޝަންތައް ދެނެގަންނަ ފީޗާއެއް ހިމެނެއެވެ.
ޖީބުގައި އޮންނަ އައިފޯނުން އެފަދަ ވައިބުރޭޝަނެއް އިހުސާސްވެއްޖެ ނަމަ 911 އަށް ގުޅަންވީތޯ އެހުމަށްފަހު 20 ސިކުންތުގެ މެސެޖެއް އެލާމް އަޑަކާ އެކު ދެއެވެ. ވެރިފަރާތުން ޖަވާބު ނުދީފިނަމަ 911 އަށް ގުޅާނެއެވެ. ސެޕްޓެމްބަރު މަހު އައިފޯން 14 ވިއްކަން ފެށި ފަހުން އޮހައިއޯގެ ވޮރެން ކައުންޓީ ޕޮލިސްސްޓޭޝަންގެ 911 ސެންޓަރަށް ސައިކަލު ދުއްވާ މީހުންގެ ފޯންކޯލްތައް އެމީހުންނަށް ނޭނގި ލިބިފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓެއްގައިވެއެވެ.
އެ ހުރިހާ ފޯން ކޯލްތަކެއްވެސް އޮޓޮމެޓިކުން ގުޅިފައިވަނީީ ސިންސިނާޓީ ކައިރީގައި ހުންނަ އެމިއުޒްމަންޓް ޕާކެއް ކަމަށްވާ ކިންގްސް އައިލެންޑުން ކަމަށާއި އެ ޕާކުގައި 300 ފޫޓަށް (90 މީޓަރަށް) އަށްވުރެ މަތިން ވެއްޓޭ އެނބުރޭ އުނދޯލި ނުވަތަ ރޯލާކޯސްޓާ ހުރުމުން އެއަށް އަރާފަރާތްތަކުގެ ފޯނުންނެވެ.
އެޕަލްގެ އާ ކްރެޝް ޑިޓެކްޝަން ސޮފްޓްވެއާ އިން ދޭން ބޭނުންވާ ހިދުމަތަކީ ތަނަކުން ވެއްޓި ނުވަތަ އެކްސިޑެންޓެއްވެ ފޯނުގެ ވެރިން ޖަވާބު ނުދޭ ނުވަތަ ހޭނެތިގެން އުޅޭ ވަގުތުތަކުގައި އަމިއްލަ ފޯނުން 911 ގުޅޭގޮތް ހެދުމެވެ. މިގޮތުން އެމެރިކާގެ ނެބްރަސްކާ ސްޓޭޓްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކާރެއް ގަހެއްގައި ޖެހުނު ފަހުން އައިފޯނަކުން ވަނީ މަންޒަރު ދުށް މީހަކު ނެތް ނަމަވެސް ކަމާބެހޭ ފަރާތްތަކަށް އިމެޖެންސީ ކޯލް ކޮށްފައެވެ. މިގޮތަށް 911 އަށް ގުޅުމުގެ ކުރިން ފޯނުން ސްކްރީނުން އިންޒާރެއް ދައްކައި 20 ސިކުންތުގެ ކައުންޓްޑައުންއެއް ފަށާއިރު އެލާމް އަޑެއްވެސް ޖަހާނެ އެވެ.
ނަމަވެސް ސައިކަލެއްގައި ދުއްވާފައި ދާއިރު ނުވަތަ އަޑުގަދަ، އެނބުރޭ އުނދޯލި ފަދަ އެއްޗެހީގައި ފޯނު ޖީބުގައި އޮންނަ އިރު 20 ސިކުންތުގެ އެލާމް އަޑެއް އަޔަސް ފޯނުގެ ވެރިފަރާތަށް ގިނަފަހަރު ނޭނގެއެވެ. އެޕަލް ކުންފުނިން ދެކޭ ގޮތުގައި މި ހިދުމަތަކީ ވަރަށް ބޭނުންތެރި ހިދުމަތެކެވެ. ފޯނު ބޭނުން ކުރާ ފަރާތްތަކުން މިކަަމަށް ހޭލުންތެރިވުމުން މި މައްސަލަ ހައްލުވާނެ ކަމަށް އެ ކުންފުނިން ގަބޫލު ކުރެއެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ