"ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ރާއްޖެ ހޮވުމަށް ވޯޓްލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، 29 ވަނަ އަހަރީ ވޯލްޑް ޓްރެވަލްސް އެވޯޑްސް (ޑަބްލިޔުޓީއޭ)ގެ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން"ގެ އެވޯޑަށް ރާއްޖެ ނޮމިނޭޓްވެފައިވާ ކަމަށެވެ.
މިދިޔަ ދެއަހަރުވެސް ރާއްޖޭން އެ އެވޯޑު ކާމިޔާބުކޮށްފައިވާ އިރު، މިއީ އެ އެވޯޑަށް ރާއްޖެ ނޮމިނޭޓްވި ތިންވަނަ ފަހަރެވެ.
އެމްއެމްޕީއާރްސީން ބުނީ ޑަބްލިޔުޓީއޭގެ ދުނިޔޭގެ ކެޓަގަރީތަކުގެ ޝަރަފުވެރި އިތުރު މަގާމުތަކަށް ވެސް ރާއްޖެ މިއަހަރު ނޮމިނޭޓް ވެފައިވާ ކަމަށެވެ.
"އުއްމީދަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މި ހާއްސަ އަހަރަކީ ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ ލަގަބު މިލްކުވާ އަހަރަށް ހެދުމެވެ،" އެމްއެމްޕީއާރްސީ ބުންޏެވެ.
ޑަބްލިޔުޓީއޭގެ އެވޯޑުތަކަށް ވޯޓުލުން ހުޅުވާލާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންއަކީ އެންމެ ޝަރަފުވެރި އެވޯޑު ކަމަށާއި ޑަބްލިޔުޓީއޭގެ އެހެން އެވޯޑު ތަކަކީވެސް ދުނިޔޭގެ ދަތުރުފަތުރުގެ ސިނާއަތުގައި އެންމެ ޝަރަފުވެރި އަދި އެންމެ ފާހަގަކޮށްލެވޭ އެވޯޑުތައް ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ދިމާތި ދަތިތަކާ އެކުވެސް މިދިޔަ ދެ އަހަރު ރާއްޖެއަށް ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑް ލިބުނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ބައިވެރިންގެ މަސައްކަތުން ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.
މިއަހަރަކީ ފަތުރުވެރިކަމުގެ ރަންޔޫބިލް އަހަރުކަމުން ތިންވަނަ ފަހަރަށް އެ އެވޯޑު ރާއްޖެއަށް ހާސިލުކުރުމަކީ ފަތުރުވެރިކަމުގެ މަޝްހޫރު މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ނަން އިތުރަށް ވަރުގަދަވެގެންދާނެފަދަ ކާމިޔާބީއެއް ކަމަށެވެ. އަދި ދަތުރުފަތުރުގެ ވިޔަފާރީގައި ދުނިޔޭގެ ލީޑަރެއްގެ ގޮތުގައި ރާއްޖޭގެ ނަން އިތުރަށް އުޖާލާކުރުމުގެ ފުރުސަތަކަށް ވެގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު