ދުނިޔޭގެ ވޮލީބޯޅަ ފެޑަރޭޝަން، އެފްއައިވީބީގެ ބީޗް ވޮލީ ޓުއާގެ މޯލްޑިވްސް ޗެލެންޖްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
މިއީ އެފްއައިވީބީ އާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން އިންތިޒާމުކޮށްގެން ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ.
މިއަދު ސަން އައިލެންޑްގައި ފެށި މުބާރާތް ރާއްޖޭގައި ކުރިއަށްދާނީ މިމަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ.
ދިރާގުން މިއަދު ބުނީ ރާއްޖޭގެ ވޮލީބޯޅަ އިތުރަށް ކުރިއެރުވުމަށާއި ރާއްޖޭގެ ވޮލީބޯޅަ ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ލިބޭ އެފަދަ އިވެންޓުތަކަށް އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ.
މި މުބާރާތުގައި 28 ގައުމެއްގެ 200 އެތުލީޓުން ވާދަކުރާ އިރު، ރާއްޖޭގެ ދެ ޕެއާ ވާދަކުރާނެއެވެ. އެއީ މެއިން ޑްރޯގައި ވާދަކުރާ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާއާއެވެ. ހޯސްޓް ގައުމު، ރާއްޖޭގެ އެ ޕެއާއަށް މެއިން ޑްރޯއިން ފުރުސަތު ލިބެނީ ރާއްޖޭގެ އެންމެ ރޭންކް މަތި ޕެއާގެ ގޮތުގައެވެ.
މެއިން ޑްރޯގައި ޖުމުލަ 24 ޕެއާ ހިމެނޭއިރު، ދެން އޮންނާނީ ކޮލިފިކޭޝަން އޯޕަން ޑްރޯއެވެ. ކޮލިފިކޭޝަނުން، މެއިންޑްރޯއަށް 8 ޕެއާއަކަށް ފުރުސަތު ލިބޭނެއެވެ. ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޕެއާއަކީ އެންމެ ފަހުގެ ގައުމީ ބީޗް ވޮލީ ޗެމްޕިއަން، އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ)ގެ ޕެއާއެވެ.
ރާއްޖޭގައި ހޯސްޓްކުރާ މުބާރާތަކީ ބީޗް ވޮލީގެ ވޯލްޑް ޓުއާގެ އިވެންޓެކެވެ. އަންހެން އަދި ފިރިހެން ޑިވިޝަންވެސް މުބާރާތުގައި ކުރިއަށްދާ އިރު، ޗެމްޕިއަން ޓީމަށް 150،000 ޑޮލަރުގެ އަގުހުރި އިނާމު ހުށަހެޅިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު