ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ދަށުން އަތޮޅުތެރޭގައި ދޭން ފަށާފައިވާ މިނީ ބަހުގެ ބަސްތަކުގައި ކަރުދާސް ޓިކެޓް ވިއްކަން ނިންމާފައިވާކަމަށް އެ ހިދުމަތް ދެމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން މިމަހުގެ ދެ ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒމް ވިދާޅުވެފައިވަނީ ކަރުދާސް ޓިކެޓުގައި ބަހުގައި ދަތުރުކުރެވޭނީ ހަމައެކަނި މާލޭގައި ކަމަށެވެ. ކަރުދާސް ޓިކެޓު ވިއްކަން އެމްޓީސީސީން ނިންމީ ޓެކްނޮލޮޖީއާ ރަށްޓެހި ނޫން އިސްރަށްވެހިންނަށް ފަސޭހަޔަކަށް ކަމަށް އާޒިމް ވިދާޅުވެފައިވެއެވެ.
އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހޮނިހިރު ދުވަހުން ފެށިގެން ލ. އަތޮޅު، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގައި ބަހުގެ ހިދުމަތަށް ކަރުދާސް ޓިކެޓު ވިއްކާނެ ކަމަށާއި ކަރުދާސް ޓިކެޓު މެދުވެރިކޮށް ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
ކަރުދާސް ޓިކެޓު ބޭނުންކުރަން ފެށުމުން ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
"ކަރުދާސް ޓިކެޓް ބައްލަވައިގަތުން ހަމަޖެހިފައިވަނީ ބަސް ތެރެއިން. ޓާމިނަލްތަކުން ކަރުދާސް ޓިކެޓް ގަނެވޭނެ އިންތިޒާމް ހަމަޖެހިފައެއް ނުހުންނާނެ. ގަންނަ ބަސް ޓިކެޓުގެ ފައިސާ ލާނެ ހާއްސަ ފޮއްޓެއް، ބަސްތެރޭގައި ބެހެއްޓިފައި ހުންނާނެ. ބަސް ތެރޭގައި ފައިސާ މާރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތުމާއެކު، ހުރިހާ ބޭފުޅުންވެސް ސީދާ ޓިކެޓުގެ ފައިސާއަށް ހަރަދުވާ ރުފިޔާ ހަމަވާނެހެން ފައިސާ ގެންނެވެމަށް ދަންނަވަމެވެ،" އެމްޓީސީސީން ބުންޏެވެ.
މިނީ ބަހުގެ ޓިކެޓުގެ އަގަކީ ހަތް ރުފިޔާ ކަމަށް އެމްޓީސީސީން ވަނީ ކަނޑައަޅައިފައެވެ. އެމްޓީސީސީން ބުނީ ބަހުގައި ފައިސާ މާރުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިނުވަނީ ކަސްޓަމަރުންގެ ވަގުތު ސަލާމަތް ކުރުމަށާއި ބަހުގެ ޝެޑިއުލަށް ބުރުލެއް އެރިޔަ ނުދިނުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު