ނަވާރަ ސަތޭކަ އަށްޑިހަ ހަވަނަ އަހަރުގެ ވޯލްޑް ކަޕުގައި އިންގްލެންޑް ކޮޅަށް އާޖެންޓީނާގެ ޑިއާގޯ މަރަޑޯނާ އަތުން ގޯލު ޖެހި ބޯޅަ ވިއްކާލަން ނީލަމަށް ލައިފިއެވެ.
މަރަޑޯނާގެ ކެރިއަރުގައިވެސް ފެނުނު އެންމެ ތާރީހީ މެޗަކީ 1986 ވަނަ އަހަރު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުގައި ތާރީހީ ދެ ގޯލު މަރަޑޯނާ ޖެހިއެވެ. އެ ދެގޯލަކީ ފުޓުބޯޅަ ތާރީހުގައިވެސް އަބަދުހެން ވާހަކަ ދެކެވޭނެ ދެ ގޯލެކެވެ. އެ މެޗުގެ ފުރަތަމަ ގޯލް މަރަޑޯނާ ޖެހީ އޭރިއާ ތެރެއަށް ހުރަސްވި ބޯޅައަށް، އޭނާއަށް ވުރެ އިސްކޮޅުން ދިގު އިންގްލެންޑުގެ ގޯލްކީޕަރު ޕީޓާ ޝިލްޓަން އަށްވުރެ މައްޗަށް ފުންމައިގެން އަރައި، އަތުންނެވެ.
މަރަޑޯނާ ބޯޅައިގައި ޖެހި ވަގުތު ބޮލަށް ގެނައި ހަރަކާތާއެކު ގިނަ ބަޔެއްގެ ލޮލަށް އޮޅުވައިލިއެވެ. މެޗުގެ ރެފްރީ، ޓިއުނީޝިއާގެ އަލީ ބިން ނަސޭރްއަށްވެސް ވީނުވީއެއް ނޭނގު އެ ގޯލަށްފަހު މަރަޑޯނާ ބުނީ އެ ގޯލު ޖެހީ އަމިއްލަ އަތުން ނޫން ކަމަށާއި އެއީ "ހޭންޑް އޮފް ގޯޑް" ކަމަށެވެ. އެ މެޗުގައި މަރަޑޯނާ ޖެހި ދެވަނަ ގޯލަކީ ގަރުނުގެވެސް އެންމެ މޮޅު ގޯލެވެ.
ސެންޓަ ސާކަލުން ފެށިގެން އިނގިރޭސި ހަ ކުޅުންތެރިން ކައިރިން ނައްޓައި އެއް ހާފު އެއްކޮށް ޑްރިބަލްކޮށް ގޮސް އޭނާ ގޯލަށް ބޯޅަ ވައްދާލީ ގޯލް ކީޕަރު ކައިރިންވެސް ނައްޓައިލުމަށްފަހުއެވެ. އެފަހަރު ކެޕްޓަން ބޭންޑްގައި މަރަޑޯނާ ވޯލްޑް ކަޕް އުފުލާލި އިރު، މަރަޑޯނާ އަތުން ގޯލު ޖެހި އެ ބޯޅަ މި ހުރިހާ ދުވަހު އޮތީ މެޗުގެ ރެފްރީ ނަސޭރް އަތުގައެވެ.
"މިއީ ފުޓުބޯޅަ ތާރީހުގައި ހިމެނޭ ތަރިކައެއް. މިއީ އެ ތަރިކަ ދުނިޔެއަށް ދޫކޮށްލަން އެންމެ ރަނގަޅު ވަގުތު،" ނަސޭރް ބުންޏެވެ.
ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ މަރަޑޯނާ މަރުވެފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. މަރަޑޯނާގެ ކެރިއަރުގައި ކާމިޔާބު، އުފާވެރި ގިނަ ވަގުތުތަކެއް ހޭދަކުރި ނަމަވެސް، އޭނާގެ ކެރިއަރުގައި ކަޅު، ބަނަ ދުވަސްތަކެއް ވެސް ފެނިފައިވެއެވެ. 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދީ، މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މަރަޑޯނާ ސްޕެއިންގެ ބާސާއަށް ކުޅުނު ދުވަސްވަރު ވެސް އޭނާއަށް ކުރިމަތިވީ ޑްރަގުގެ މައްސަލަތެކެވެ.
މަރަޑޯނާ 1986 ވަނަ އަހަރު ވޯލްޑް ކަޕް ކުއާޓާ ފައިނަލްގައި އިންގްލެންޑާ ދެކޮޅަށް ލި ޖާޒީ ދާދިފަހުން 7.4 މިލިއަން ޕައުންޑަށް ވިކިފައިވެއެވެ.
ޑިއޭގޯ މަރަޑޯނާ
ޑިއޭގޯ މަރަޑޯނާ
ޑިއޭގޯ މަރަޑޯނާ
ޑިއޭގޯ މަރަޑޯނާ