ފަނޑިޔާރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ހިސާބުން، އެ ބޭފުޅެއްގެ ވަކީލުކަމުގެ ހުއްދަ ބާތިލުވާ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ބާ ކައުންސިލުން ދެކޮޅު ހަދައިފިއެވެ.

ބާ ކައުންސިލަކީ ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށްޓަކައި، ގާނޫނީ ފަންނުގެ ގާނޫނުން އުފައްދާފައިވާ މުސްތަގިއްލު މުއައްސަސާއެކެވެ. ގާނޫނު އިސްލާހުކުރަން އެ ކައުންސިލުން ދެކޮޅު ހަދާފައިވަނީ، އެެ ބިލަށް ހިޔާލު ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ހުށަހެޅުމުންނެވެ.

އެ ހުށަހެޅުމާ ގުޅިގެން ބާ ކައުންސިލުން ކޮމިޓީއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ، ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް އިއުތިރާޒުކުރާ ކަމަށެވެ.

ސަބަބެއްގެ ގޮތުގައި ކައުންސިލުން ބުނެފައި ވަނީ، ވަކީލުކަމުގެ ހުއްދައާމެދު ގޮތެއް ނިންމުމަކީ އެ ކައުންސިލަށް ލިބިގެންވާ ބާރެއް ކަމަށާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވާ ކޮންމެ ފަހަރަކީ ވަކީލުންގެ ސުލޫކީ މިންގަނޑާ ހިލާފުވާ ހާލަތެއް ނޫން ކަމަށެވެ.

އަދި ފަނޑިޔާރުން ކޮންމެ ސަބަބަކާ ހުރެ ވަކިކުރި ނަމަވެސް، އާމްދަނީއެއް ހޯދުމަކީ އަސާސީ ހައްގަކަށްވާއިރު، އެ ކައުންސިލުގެ ދައުރެއް ނެތި ވަކީލު ހުއްދައާމެދު އެހެން ބަޔަކަށް ގޮތް ކިޔޭ ނަމަ، ގާނޫނުން ދީފައިވާ ބާރުތައް އެހެން މުއައްސަސާއަކަށް ފުރޮޅި، ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށް ބުނެފައިވެއެވެ.

ގާނޫނަށް މި އިސްލާހު ގެންނަންޖެހޭ ސަބަބެއްގެ ގޮތުގައި ސަރުކާރުން ހުށަހެޅި ބިލުގައި ބުނެފައިވަނީ، ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ އަމަލެއް ފަނޑިޔާރަކު ކޮށްގެން ފަނޑިޔާރު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީން ނިންމާ ހާލަތުގައި އެ ފަނޑިޔާރެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދާއާމެދު އަމަލުކުރެވޭނެ އުސޫލުތައް ގާނޫނުގައި ބަޔާންކުރުން ކަމަށެވެ.

އަދި ފަނޑިޔާރަކު ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވައިގެން މަޖިލީހުން އެގޮތަށް ފާސްކޮށްފި ނަމަ، ފަނޑިޔާރުގެ އަމަލަކީ ވަކީލުކަމުގެ ސުލޫކާވެސް ހިލާފު ކަމެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަށާއި އެ ހިސާބުން އެ ފަނޑިޔާރެއްގެ ވަކީލުކަމުގެ ހުއްދަ ބާތިލުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތަށް ވަކީލުކަމުގެ ހުއްދަ ބާތިލުވާ ފަނޑިޔާރުންނަށް ރާއްޖޭގައި ވަކީލުކަން ކުރުމަށް، ވަކީލުކަމުގެ ހުއްދަ އަލުން ހޯދޭނީ ފަސް އަހަރު ފަހުން ކަމަށްވެސް ބުނެފައިވެއެވެ.

ފަނޑިޔާރަކު ކޮށްގެން ނުވާނެ ކަމެއް ފަނޑިޔާރެއްގެ މައްޗަށް ސާބިތުވާ ކަމަށް ޖޭއެސްސީން ކަނޑައަޅައި މަޖިލީހަށް ފޮނުވުމަށްފަހު މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިއަށް ފަނޑިޔާރުކަމުން އިސްތިއުފާ ދިނަސް އެ އުސޫލު އެ މީހެއްގެ މައްޗަށް ހިނގާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ފަނޑިޔާރުކަމުން ވަކިކުރަން ފޮނުވާ މައްސަލައިގައި ހިމެނޭ އަމަލަކީ ފަނޑިޔާރުންނާއި މުޅި ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭވަރުގެ އަމަލެއް ކަމުގައި ކަނޑައަޅާނީ ޖޭއެސްސީން އެކުލަވާލެވޭ ގަވާއިދަކުން ކަމަށްވެސް ބިލުގައި ބުނެއެވެ.