ކޮފީއަކީ ހަމައެކަނި ރަހަމީރުވެގެން ނުވަތަ ކަންނެތްކަން ފިލުވާލުމަށް ބޯ އެއްޗެއް ނޫނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކޮފީއަކީ ދުނިޔޭގައި އެންމެ މަގުބޫލު އެއް ބުއިންކަމުގައި ވާއިރު، ނަފުސާނީ ކަންތައްތައް ދިރާސާކުރާ ޓީމްތަކަކުން ތަފާތު ކޮފީތަކާ ބެހޭގޮތުން ވަރަށް ހާއްސަ ދިރާސާތަކެއް ކޮށްފައިވެއެވެ. ކޮފީތަކަށް އޯޑަރުދިނުމުގައި ނޫނީ ތިމާ އެންމެ ގަޔާވާ ކޮފީ ގެނައުމަށް ބުނުމުން އަނެކުންނަށް ތިމާއާ ބެހޭ އެތައްމައުލޫމާތެއް ދެވޭކަން ވެސް ވަނީ ހާމަވެފައެވެ. މީހަކު ބޯހިތްވެގެން އޯޑަރުދޭ ކޮފީއިން އެމީހާއާ ބެހޭގޮތުން އެނގޭ ކަންތައް، މީގެ ތެރޭގައި ކޮފީ ބޯން އެންމެން ގޮސް ތިބޭއިރު ކޮފީގެ ބަދަލުގައި ސަޔަށް އޯޑަރުދޭ ފަރާތްތައްވެސް ހިމެނޭނެ އެވެ.
އާންމު ގޮތެއްގައި، ކަޅުކޮފީ ބުއިމަށް ލޯބިކުރާ މީހުންނަކީ ކެލޮރީ މަދު ބުއިންްތަކަށް ލޯބިކުރާ ބައެކެވެ. ބުރަކޮށް މަސައްކަތް ކުރުމާއި ގިނައިރު މަސައްކަތުގައި ދެމިތިބެން ޖެހޭ ކަހަލަ މީހުންނެވެ. ކަޅުކޮފީ ބޯމީހުންނަކީ ގިނަފަހަރު އަމިއްލައަށް ފުދުންތެރިކަމާއެކު ކަންތައްތަކާ ކުރިމަތިލާ މީހުން ކަމަށްވެސް ބައެއް ދިރާސާތަކުން ދައްކައެވެ. އަޒުމުގައި ވަރުގަދަ ބައެއް ކަމަށްވެސް ބައެއް ދިރާސާތައް ބުނެއެވެ.
އެސްޕްރެސޯއަކީ ކަޅުކޮފީ ފަދަ އެއްޗެކޭ ސީދާ ނުބުނެވޭނެއެވެ. އެހެންނަމަވެސް އެސްޕްރެސޯ ބުއިމަށް ލޯބިކުރާނަމަ އެމީހަކީ ގިނަވަގުތު މަސައްކަތުގައި ހޭދަކުރާ، ފިޓްކޮށް ހުންނަން މަސައްކަތް ކުރާމީހެއް ކަމަށް ދިރާސާތައް ބުނެއެވެ.
ކަޕަޗިނޯ ބޯ މީހެއްނަމަ ލާޓޭ ކޮފީއަށް ލޯބިކުރާ މީހަކަށްވުރެ ތަންކޮޅެއް ޝައުގުވެރިވާ ކަހަލަ ކަންތަކާ މިމީހާ ގަޔާވާނެއެވެ. މިކޮފީއަށް ލޯބިކުރާ މީހުން ގިނަފަހަރު އާހުނަރެއް ދަސްވުމުން ނޫނީ އާ ތަނަކަށް ޒިޔާރަތް ކުރުމުން ވަރަށް އުފާވެއެވެ.
އައިސްކޮފީއަށް ލޯބިކުރާ މީހުންގެ ހާއްސަކަމެއް ފާހަގަ ކުރެވިފައިވެއެވެ. އާންމުކޮށް ފިނިދުވަހެއްގައި ހޫނު ކޮފީތަށްޓެއް ގިނަ މީހުން ބޭނުންވާއިރު، އައިސްކޮފީ ބޯހިތުން އައިސްކޮފީއަށް އޯޑަރުދޭމީހުން ތިބެއެވެ. މިފަދަ މީހުންގެ ހާއްސަކަމަކަށް ފާހަގަވެފައިވަނީ އެމީހުންގެ އަމިއްލަވަންތަކަމެވެ. އަމިއްލަ އުސޫލުތަކަށް ތަބާވުމާއި އާދަޔާހިލާފަށް މަޑުމައިތިރިވެފައި ކަންތައްތަކުގައި ޝަކުވާކުރުމުގެ ބައި ދަށް ކަމަށް ފާހަގަވެފައިވެއެވެ.
މޯޗާއަކީ ކޮފީއާއި ޗޮކްލެޓް އެކުވެގެން ތައްޔާރުކޮށްފައިވާ ކޮފީއަކަށްވާތީ، މިއީ ބައެއްމީހުން ގަބޫލުކުރާ ގޮތުގައި ކޮފީގެ ގޮތުގައި ގުނާލެވޭ އެއްޗެއް ނޫނެވެ. މިއީ ގިނަަފަހަރު އަންހެންކުދިން ކޮފީ ބުއިމުގެ ގޮތުން ބޭނުންކުރާ ވައްތަރެވެ. މޯޗާއަށް ލޯބިކުރާ މީހުންނަކީ ނާޒުކު ހިތެއް ލިބިފައިވާ، ކަންކަމުގައި އަވަހަށް ދެރަވެ، އެހާ އަވަހަށް ކަންކަމުގައި މައްސަލަ ގޯސްކޮށް، ކަންބޮޑުކުރުމުގެ ބަދަލުގައި އެކަމަކުން އަތްދޫކޮށްލާ ބައެއް ކަމަށް ފާހަގަވެފައިވެއެވެ.
ކޮފީއަށް ލޯބިކުރާ މީހުންނާއި ސަޔަށް ލޯބިކުރާ މީހުން އެއްގަލަކަށް ނާރާނެއޭވެސް ބުނެއުޅެއެވެ.
ކޮންމެޔަކަސް ކޮފީގެ ބަހުސަކީ ބޮޑު ބަހުސެކެވެ. އަބަދުވެސް އެކި ޒާތްޒާތުގެ ދިރާސާތައް ނުކުންނަ މައުޟޫއެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮފީގެ އެތައް އެތައް ދިރާސާއެއް މެދުނުކެނޑި ކުރިޔަށްދެއެވެ. މި ދިރާސާތައް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ކުރެވެއެވެ. ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ އިލްމީ މުއައްސަސާތަކުގެ ލެބޯޓަރީތަކުގައި މި ދިރާސާތަކުގެ ސާމްޕަލްތައް ތަހުލީލު ކުރަމުންދެއެވެ. މިކަންކަން ކުރުމުގައި އެންމެ މޮޅެތި މާހިރުން ހަރަކާތްތެރިވެއެވެ. ކޮފީއާ ގުޅޭ މި ފަދަ ދިރާސާތަކުގައި އެތައް މިލިއަން ބަޔަލު ބައިވެރިވެއެވެ. މި ފަދަ ދިރާސާތަކުގައި އެކި ޒާތްޒާތުގެ މީހުން ބައިވެރިކުރެވެއެވެ. އެކި އުމުރުފުރާގެ މީހުން ބައިވެރިކުރެއެވެ. މި ގޮތުން ހޯދޭ މުހިންމު ހޯދުންތައް ދުނިޔޭގެ އެންމެ މަތީ ފަންތީގެ އިތުބާރު ހިފޭ، ޖާނަލް ތަކުގައި ޝާއިއުކުރަމުންދެއެވެ. ކޮފީގެ މި ދިރާސާތަކަށް ނިމުމެއްވެސް ނެތެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް